ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ބިނާކުރުމަށް ބޭނުންވާ ބިން ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު އައްރާޖިޙީ ކުންފުންޏާ ހަވާލުކޮށްފިއެވެ.
ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި އައްރާޖިޙީ ކުންފުނިން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ބަންދަރު ޢަބްދުﷲ އައްރާޖިޙީއެވެ.
ހުޅުމާލޭގައި ބިނާކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތަކީ ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރއެވެ. މި މިސްކިތުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވަނީ، ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ އުފާވެރި ތާރީޚީ މުނާސަބަތާ ގުޅުވައިގެން މާދަމާ ހަވީރެވެ.
ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތް އިމާރާތް ކުރަނީ، ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަޙައްދުގައެވެ. މި މުހިންމު މިސްކިތަކީ ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ މުއްސަނދި ތާރީޚާއި ފަރުމާވެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ރަމްޒުކޮށްދޭނެ ބިނާއެއް ކަމަށާއި މިއީ އީމާންކަމާއި، ޢިލްމާއި، ވަހުދަތު އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދޭނެ އަގުހުރި ތަރިކައަކަށްވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި މަޝްރޫޢަށް ފައިނޭންސް ކުރުމަށް ސަޢުދީ ޢަރަބިއްޔާގެ އައްރާޖިޙީ ކުންފުންޏާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ގާތްގަނޑަކަށް 10,000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ޤާއިމްކުރާ މި ބިނާގައި ނަމާދު ކުރާނެ ތަނަވަސް ސަރަޙައްދު ހިމެނޭހެން އިސްލާމީ ތަޢުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ވަނީ ފަރުމާކޮށްފައެވެ.
މި ބިނާގައި އިމާމުންނާއި އިދާރީ މަސައްކަތްތަކަށް ޚާއްޞަ އޮފީސްތަކުގެ އިތުރުން ތަޢުލީމީ، ސަޤާފީ އަދި އިޖުތިމާޢީ ތަފާތު ހަރަކާތްތައް ހިންގުމަށް ޚާއްސަ މަރުކަޒެއް ހިމެނެއެވެ. ދީނީ މައުލޫމާތާއި ތާރީޚު ފެތުރުމުގެ ގޮތުން އިސްލާމީ ކުތުބުޚާނާއަކާއި، ކަލްޗަރަލް ސެންޓަރެއްގެ އިތުރުން ކީރިތި ޤުރުއާނާ ގުޅޭ ތާރީޚީ މައުލޫމާތުތައް ދައްކުވައިދޭ ޤުރުއާން މިއުޒިއަމެއްވެސް ޤާއިމްކުރާނެއެވެ.
އިސްލާމީ އަދި ތާރީޚީ މައުރަޒުތައް ބޭއްވުމަށް އެގްޒިބިޝަން ހޯލަކާއި، އިޖުތިމާޢީ ތަފާތު ބައްދަލުވުންތަކަށް ބޭނުންކުރެވޭނެ މަލްޓިޕަރޕަސް ކޮމިއުނިޓީ ހޯލެއްވެސް މިސްކިތާއެކު ތަރައްޤީކުރާނެއެވެ. މިސްކިތަށް ޒިޔާރަތް ކުރާ އާންމުންނާއި ފަތުރުވެރިންނަށް ޚާއްޞަ ވިޒިޓަރ އޭރިއާއެއް ޤާއިމްކުރާއިރު، އިސްލާމީ ފޮތް ފިހާރައަކާއި، ގިފްޓް ޝޮޕެއްވެސް މިތަނުގައި ހުންނާނެއެވެ.
މި ބިނާއަކީ، ހުޅުމާލޭގެ ރައްޔިތުންނަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިސްލާމީ ތަރުބިއްޔަތާއި ސަޤާފަތް ފޯރުކޮށްދިނުމުގައި ބޮޑު ދައުރެއް އަދާކުރާނެ މުހިންމު ބިނާއެކެވެ.