ދުނިޔެ

ޔޫކްރެއިންގެ މުދާ އުފުލާ ބޯޓުތަކަށާއި ކާރުހާނާތަކަށް ބޮޑެތި ގެއްލުންތަކެއް!


ރަޝިއާއިން ޔޫކްރެއިންގެ ސިނާޢީ މަރުކަޒުތަކަށާއި މުދާ އުފުލާ އުޅަނދުތަކަށް ދިން ވަރުގަދަ ޙަމަލާތަކެއްގައި ތިން މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ޔޫކްރެއިންގެ އުފެއްދުންތެރިކަމާ ގުޅިފައިވާ ޢުމްރާނީ ވަސީލަތްތައް ހަލާކުކޮށްލުމަށް ރަޝިއާއިން ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތަކުގެ ދަށުން، އެ ޤައުމުގެ ސިނާޢީ ގިނަ މަރުކަޒުތަކަކަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ކްރައިވީ ރިހް އަދި ދިނިޕްރޯގެ އިތުރުން، ކަޅުކަނޑުގެ ބަނދަރެއް ކަމަށްވާ "ޗޮރނޮމޯރސްކް" ގައި އޮތް މުދާ އުފުލާ ދެ އުޅަނދަކަށްވެސް ވަނީ އަމާޒުކޮށް ޙަމަލާދީފައެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ، ރަޝިއާއިން އެ ޤައުމުގެ 10 ސަރަޙައްދަކަށް ދިން ހަމަލާތަކުގައި މަދުވެގެން ތިން މީހުން މަރުވެ، ދިހައަކަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ޒަޕޮރިޒިއާއިން މަރުވި ދެ މީހުންނާއި، ޒެލެންސްކީގެ އުފަން ރަށް ކަމަށްވާ ކްރައިވީ ރިހްއިން މަރުވި މީހަކު ހިމެނެއެވެ. އަދި ވެރިރަށް ކިއިވްގެ ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ޙަމަލާތައް އަމާޒުވެފައިވާއިރު، އޮޑެސާ ސަރަޙައްދުން 35 މީހަކު ޒަޚަމްވެފައިވާ ކަމަށް އެ ސަރަޙައްދުގެ ގަވަރުނަރު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މި ހަމަލާތަކުގެ ރައްދުގައި ޔޫކްރެއިނުންވެސް ވަނީ ރަޝިއާގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް ވަރުގަދަ ޑްރޯން ޙަމަލާތަކެއް ދީފައެވެ. ރަޝިއާގެ ދިފާޢީ ވުޒާރާއިން ބުނި ގޮތުގައި، ޔޫކްރެއިނުން ފޮނުވާލި 230 ޑްރޯން އެ ޤައުމުގެ ވައިގެ ދިފާޢީ ނިޒާމުން ވަނީ ވައްޓާލާފައެވެ. އެހެންނަމަވެސް، ސަމާރާ ސަރަޙައްދުގެ "ޓޮގްލިއާއްޓީކައުޗުކް" ކާރުޚާނާއަށް ޑްރޯން ޙަމަލާއެއް އަރާފައިވާ ކަމަށާއި، ކާރސްކް، ބެލްގޮރޮޑް އަދި ޑޮނެޓްސްކް ސަރަޙައްދުތަކުން މީހުން މަރުވެ، ރޮސްޓޯވްގެ ވިޔަފާރި މަރުކަޒުތަކެއްގައި އަލިފާން ރޯވެފައިވާ ކަމަށް ރަޝިޔާގެ އިދާރާތަކުން ބުނެއެވެ.

މި ކުރިމަތިލުންތައް ހިނގަމުންދާ ދަނޑިވަޅެއްގައި، އަންނަ ޑިސެމްބަރު މަހު ފްލޮރިޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ20 ސަމިޓުގެ ހަވާސާގައި ރަޝިޔާގެ ރައީސް ވްލެޑިމީރް ޕުޓިންއާ ބައްދަލުކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް، ކްރެމްލިންގެ ތަރުޖަމާނު ދިމީތުރީ ޕެސްކޯވް ވިދާޅުވީ، ޕުޓިން އެ ސަމިޓަށް ވަޑައިގަތުމާމެދު އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށާއި، ޒެލެންސްކީ ބައްދަލުކުރައްވަން ބޭނުންފުޅުނަމަ ވަޑައިގަންނަވަން ޖެހޭނީ މޮސްކޯއަށް ކަމަށެވެ.

2022 ވަނަ އަހަރުގެ ފެބުރުއަރީ މަހު ރަޝިއާއިން ޔޫކްރެއިނާއި ދެމެދު ފެށުނު މި ހަނގުރާމައަށްފަހު، ރަޝިޔާއިން ދަނީ ޔޫކްރެއިންގެ ކަރަންޓު ވިއުގަތަކަށާއި ދިފާޢީ އުފެއްދުންތައް އުފައްދާ ކާރުޚާނާތަކަށް މަރުކަޒުތަކަށް މެދުކެނޑުމެއްނެތި ޙަމަލާދެމުންނެވެ. އަދި ރައްދުގައި ޔޫކްރެއިނުންވެސް ދަނީ ރަޝިޔާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް އަމާޒުކޮށް ޙަމަލާތައް ދީ، ރަޝިޔާއަށް ހަނގުރާމައިގެ ޚަރަދުތައް ހަމަޖެއްސުމަށް ލިބޭ ޢާމްދަނީއަށް ހުރަސްއެޅުމަށް މަސައްކަތްކުރަމުންނެވެ.