ޚަބަރު

ފުރަތަމަ މެޗުން މޮޅުވެ، ދިއްދުއިން ދަތުރު ފެށީ ވަރުގަދަކޮށް


  • ބުރުގެ މައްޗަށް ދިއްދުއިން ކުރިހޯދީ 0-1އިން

  • ގޯލު ޖެހީ ޖަހައިދިނީ ދިއްދޫގެ ބިދޭސީ ފޯވާޑް، ޓިޓޭ ގިޑެއޯން

ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ ދިއްދޫ ސްޕޯޓްސް ކުލަބުން ކުޅުނު ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދައިފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުން ދިއްދޫ މޮޅުވީ 0-1ގެ ނަތީޖާއަކުންނެވެ.

މެޗުގައި ދެ ޓީމަށްވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން އެންމެފުރަތަމަ ފުރުސަތު ލިބުނީ ބުރަށެވެ. މެޗުގެ ހަވަނަ މިނެޓުގައި ދިއްދޫގެ ބިދޭސީ މިޑްފީލްޑަރު ޗިއާ ފީލިކްސް ދިން މިސް ޕާހަކުން ތަނަވަސްވި ފުރުސަތެއްގައި މުޅިން ހުސްކޮށް ގޮސް އޭރިއާ ތެރެއަށް ވަދެ ބުރުގެ ބިދޭސީ ފޯވާޑް އެޑުއާޑޯ ފޮނުވާލި ހަމަލާ ދިޔައީ ސީދާ ދިއްދޫގެ ކީޕަރާ ދިމާލަށެވެ. ކީޕަރު މުޙައްމަދު ޝިފާން ވަނީ ފަސޭހަކަމާއެކު މި ހަމަލާ ދިފާއުކޮށްފައެވެ.

އެފަހުން މެޗުގެ އަށްވަނަ މިނެޓުގައި ޑީ އޭރިއާ ބޭރުން ބުރުގެ ކީޕަރު އަލީ ހަމްދާން ފޮނުވާލި ރީތި ހަމަލާއެއްގައި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

އެފަހުން މެޗުގެ 11 ވަނަ މިނެޓުގައި، ދިއްދޫގެ ބިދޭސީ ފޯވާޑް، ޓިޓޭ ގިޑެއޯން އޯވާހެޑަކުން، އޭރިއާ ތެރޭގައި ހުރެފައި ފޮނުވާލި ރީތި ހަމަލާގައި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗުގެ 24ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޓިޓޭ އެވެ. މިއީ ބުރުގެ ހާފުގެ މެދެއްހައި ހިސާބުން ލިބުނު ހިލޭ ޖެހުމަކުން ފޮނުވާލި ބާރު ހަމަލާގައި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން އޭނާ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ.

މި ލަނޑަށްފަހު ވެސް ދެޓީމަށް ވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ. އެގޮތުން އެންމެ ހުސް ފުރުސަތެއް ލިބުނީ ބުރުގެ އެޑުއާޑޯ އަށެވެ. މުޅިން ހުސް ގޯލެއްގެ ތެރެއަށް ބޯޅަ ފޮނުވާލަން އޭނާއަށް ލިބުނު ނަމަވެސް ބޯޅަ ފޮނުވާލުން ލަސްވުމުން ދިއްދޫގެ ޑިފެންޑަރުން ވަނީ އެ ބޯޅައަށް ހުރަސްއަޅާފައެވެ.

މި މެޗުގެ ފަހުކޮޅު ދިއްދޫއަށް ލިބުނު ހުސް ފުރުސަތެއްގައި ހުސެއިން ޒިމްޔާން ބޯޅަ ހިފައިގެން ދަނިކޮށް އޭނާ ހުއްޓުވަން ކުރި މަސައްކަތުގައި ބުރުގެ ޝަމްވީލް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.

މެޗުގައި ބުރުގެ އިބްރާޙީމް އުސާމާ، ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ކުޅުން މެދުކަނޑާލަން ޖެހުނެވެ. އޭނާއަށް ފަރުވާ ދިނުމަށް، އެވަގުތު ދަނޑުގައި ހުރި ސީނިއަރ ޤައުމީ ޓީމުގެ މެޑިކަލް އޮފިސަރު ވެސް ދަނޑަށް އަރާފައިވެއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ފުރަތަމަ ޑިވިޝަނުގެ ޓީމެއްގެ ގޮތުގައި ކުޅުނު ފުރަތަމަ މެޗުގައި ހޯދި މޮޅާއެކު ދިއްދޫއިން ލީގުގެ ފެށުން ރަނގަޅުކުރިއިރު، ދިއްދޫގެ ދެވަނަ މެޗުގައި އަންނަ ބުދަ ދުވަހު ނުކުންނަން ޖެހޭނީ ވިކްޓްރީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. ވިކްޓްރީން ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ވަނީ ޓީސީ އަތުން 1-5 އިން މޮޅުވެފައެވެ.

ލީގުގައި ބުރުގެ ދެވަނަ މެޗުގައި ބުރާސްފަތި ދުވަހުގެ ހަވިރު ނުކުންނާނީ އެންމެފަހުގެ ލީގު ރަނަރަޕް، އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އޮޑިން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ވަނީ 0-1 އިން ބަލިވެފައެވެ.