ޚަބަރު

ރާއްޖެއިން ޗައިނާއާ ދެކޮޅަށް މި މަހު އެކުވެރިކަމުގެ މެޗެއް ކުޅެނީ


  • ޓީމު ޗައިނާއަށް ފުރާނީ މިމަހުގެ 20ގައި

  • ސްކޮޑަށް ބަދަލުތަކެއް އަންނާނެ

ރާއްޖޭގެ ސީނިއަރ ޤައުމީ ޓީމުން މި މަހު ޗައިނާގެ ޤައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެން ތާވަލުކޮށްފިއެވެ.

"ޕީއެސްއެމް ނިއުސް" އަށް މައުލޫމާތުދެއްވަމުން އެފްއޭއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ، މި މެޗު ކުޅުމަށް ނިންމާފައި ވަނީ ކުރިއަށް އޮތް ބައިނަލްއަޤްވާމީ ބްރޭކުގެ ތެރޭގައި ކަމަށެވެ.

މި މެޗު ކުޅުމަށް ޤައުމީ ޓީމު ޗައިނާއަށް ފުރާނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށާއި، މެޗު ކުޅޭނީ 23 ނުވަތަ 24 ވަނަ ދުވަހުކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި މެޗަށް ތައްޔާރުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ބައެއް ކުޅުންތެރިންގެ ޓިކެޓު މިހާރު ނަގާފައިވާ ކަމަށާއި، އެއްކޮށް އިދާރީ ކަންކަން އަދި ހަމަނުޖެހެނީ ލީގު ފެށި، ބައެއް ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތައް ކުރިމަތިވާތީއާއިއެކު، ޤައުމީ ސްކޮޑަށް ބަދަލުތަކެއް އަންނާތީ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ކުރިއަށް އޮތް ބައިނަލްއަޤްވާމީ ބްރޭކުގައި ރާއްޖެއިން ޗައިނާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅޭއިރު ފީފާ ރޭންކިންގައި ޗައިނާ އޮތީ 91 ވަނައިގައެވެ. އެއީ އޭޝިއާ ސަރަހައްދަށް ބަލާނަމަ 13ވަނައެވެ.

މީގެކުރިން ރާއްޖެއާއި ޗައިނާއާ ކުޅެފައިވާ މެޗުތަކަށް ބަލާލާއިރު، ހަ މެޗެއް މިހާތަނަށް ވަނީ ކުޅެފައެވެ. މިއިން އެއްވެސް މެޗަކުން ރާއްޖެ މޮޅުވެފައި ނުވާއިރު އެންމެފަހުން ޗައިނާއާއި ރާއްޖެ ކުޅުނީ 2021 ވަނަ އަހަރު، އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން / ވޯލްޑް ކަޕް ކޮލިފައިންގައެވެ. ކޮވިޑް 19ގެ އާލަމީ ބަލިމަޑުކަމުގެ ސަބަބުން ސަލާމަތީ ސަބަބުތަކަށްޓަކައި އެމެޗު ކުޅުނީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގައެވެ. އެ މެޗުން ރާއްޖެ ބަލިވީ 0-5 ގެ ނަތީޖާއަކުންނެވެ.

ޗައިނާ އަތުން އެންމެ ފަރަގު ބޮޑު ނަތީޖާއަކުން ރާއްޖެ ބަލިވީ އެ ގައުމާ ދެކޮޅަށް ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައެވެ. 2001 ވަނަ އަހަރުގެ އޭޕްރިލް 22 ވަނަ ދުވަހު ކުޅުނު އެ މެޗުން ރާއްޖެ ބަލިވީ 1-10 ގެ ނަތީޖާއަކުންނެވެ. އެހެންނަމަވެސް އޭގެ ހަ ދުވަސް ފަހުން. އޭޕްރިލް 28 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުޅެ ރާއްޖެ ޗައިނާ އަތުން ބަލިވީ 0-1 ގެ ނަތީޖާއަކުންނެވެ. މިއީ ޗައިނާ އަތުން އެންމެ ކުޑަ ފަރަގަކުން ރާއްޖެ ބަލިވި ފަހަރެވެ.

ޗައިނާގެ އިތުރުން، ކުރިއަށް އޮތް ބައިނަލްއަޤްވާމީ ބްރޭކުގައި ރާއްޖެއިން ކިރިކިސްތާނާއި ލުބުނާނާ ދެކޮޅަށް ވެސް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ކިރިކިސްތާނާ ދެކޮޅަށް ކުޅޭ މެޗު ތާވަލުކޮށްފައި ވަނީ މިމަހުގެ 28ވަނަ ދުވަހަށެވެ. ކިރިކިސްތާނަކީ ފީފާ ރޭންކިންއަށް ބަލާއިރު 106ވަނައިގައި އޮތް ގައުމެވެ. އެއީ އޭޝިއާ ސަރަހައްދަށް ބަލާނަމަ ރޭންކިންގެ 19 ވަނައެވެ.

މި ބްރޭކުގައި ރާއްޖެއިން ކުޅޭ ތިންވަނަ މެޗުގައި ލުބުނާނާ ދެކޮޅަށް ނުކުންނާނީ އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުއެވެ. ރޭންކިންއަށް ބަލާއިރު ލުބުނާން އޮތީ 107ވަނައިގައެވެ. އޭޝިއާ ސަރަހައްދުގެ ރޭންކިންގައި ލުބުނާނަކީ 20ވަނައެވެ.

ރާއްޖެއިން މި ބްރޭކުގެ ބޭނުން މިހިފަނީ ވާދަވެރި، ރާއްޖެއަށްވުރެ ވަރުގަދަ ޓީމުތަކަކާ ދެކޮޅަށް ކުޅެ، މުހިންމު ތަޖުރިބާތަކެއް ހޯދުމަށެވެ. މިއީ ދިވެހި ފުޓުބޯޅަ އަލުން ކޮޅަށް ޖަހައި، ދިވެހި ފުޓުބޯޅައިގެ ފެންވަރު މަތިކުރުމަށް އެފްއޭއެމް އިން ކުރަމުން އަންނަ ކާމިޔާބު މަސައްކަތަށް އިތުރުވެގެންދާނެ ބޮޅެކެވެ.