ޑޮލަރު މާރުކުރުމާ ގުޅޭގޮތުން ޤާނޫނަށް އިތުރު އިސްލާހެއް ގެނައުމުގެ ވިސްނުމެއް މިވަގުތު ނެތް ކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ޤާނޫނަށް ގެނައި އިސްލާހާއެކު ރާއްޖޭގެ އޭ ކެޓަރީގެ ޓޫރިޒަމް އެސްޓަބްލިޝްމަންޓްތަކުން ރާއްޖޭގެ ބޭންކިންގެ ނިޒާމުގައި މާރުކުރަންޖެހޭ ޑޮލަރުގެ އަދަދު %40 އަށް ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާ އެއްގޮތަށް އަންނަ އޮކްޓޫބަރު މަހުން ފެށިގެން ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކުން އަމަލުކުރަންޖެހެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ދުނިޔޭގެ އިޤްތިޞާދަށް އަންނަ ލޮޅުންތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރާނެ އަސަރުތައް ކުޑަކުރުމަށް އެ ފަރާތްތަކުން ރާއްޖޭގެ ބޭންކިންގ ނިޒާމުގައި މާރުކުރަންޖެހޭ ޑޮލަރުގެ އަދަދަށް ލުއިތަކެއް ގެންގުޅުމުގެ ވިސްނުން ސަރުކާރުގައި ހުރިތޯ ނޫސްވެރިޔަކުވަނީ ސުވާލު އުފައްދާފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވީ ސަރުކާރުން ބޭރު ފައިސާއާ ބެހޭ ޤާނޫނަށް އިސްލާހު ގެނެސްފައިވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން ކުރި ދިރާސާތަކަށް ބެލުމަށްފަހު ކަމަށެވެ. އެ ދިރާސާތަކުން ރާއްޖޭގައި ޓޫރިޒަމް އެސްތަބްލިޝަމްންޓްތަކުން މާރުކުރަންޖެހޭ ބޭރު ފައިސާގެ އަދަދު އިތުރުކުރަންޖެހޭ ކަމަށް ފެންނަ ކަމަށާއި އެހެންވެ ޤާނޫނަށް އިތުރު އިސްލާހެއް ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވިއެވެ.
"40% އަށް އަޅުގަނޑުމެން މާރުކުރަންޖެހޭ އަދަދު އިތުރުކުރީ އެމްއެމްއޭއިންވެސް ދިރާސާތަކެއް ކުރުމަށްފަހު މިގޮތަށް ގެންނަންޖެހޭ ބަދަލެއް ކަމަށް ގަބޫލުކުރެވޭތީވެ. ސަރުކާރުން ގަސްތެއް ނުކުރަން ޤާނޫނަށް އިތުރު އިސްލާހެއް މިވަގުތު ހުށަހަޅާކަށެއް." ބަންޑާރަނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވިއެވެ.
މިހާރު އަމަލުކުރަން ފަށާފައިވާ އިސްލާޙުގައިވާ ގޮތުން ބޭރުފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރުން ލާޒިމުވާނީ، ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ދޭ ފަރާތްތަކުގެ އިތުރުން އެހެން ފަރާތަކުން ވިއްކާ ނުވަތަ ދޭ މުދަލާއި ޚިދުމަތަށް، ފާއިތުވި މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 25 މިލިޔަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ ޢަދަދެއް ލިބޭ ފަރާތްތަކުންނެވެ. މި ފައިސާ ޖަމާކުރަންވާނީ، އެމްއެމްއޭއިން ލައިސަންސް ލިބިގެން ހިންގާ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށާއި ފައިސާ ޖަމާކުރާ ބޭންކް އެކައުންޓުގެ މައުލޫމާތު އެ އޮތޯރިޓީއާ ހިއްސާކުރަން ޖެހޭނެއެވެ.
އިސްލާޙުގައި ކެޓަގަރީ-އޭގައި ހިމެނޭ ޓޫރިޒަމް އެސްޓަބްލިޝްމަންޓުތަކުން މީލާދީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ %40 ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ފައިސާ މާރުކުރުމުގެ ވިޔަފާރި ހިންގަންވާނީ، އެމްއެމްއޭއިން ދޭ ލައިސަންސަކާއެކުގައި ކަމަށާއި ލައިސަންސް ނެތި އަދި ޤަވާއިދާ ޚިލާފަށް ފައިސާ މާރުކުރާ ފަރާތްތަކަށް އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމާ ބެހޭ އިސްލާޙުތައްވެސް ވަނީ ހިމަނާފައެވެ.
ބޭރު ފައިސާއާބެހޭ ޤާނޫނަށް ގެނައި އިސްލާޙުގައި އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ޚިލާފަށް ޑޮލަރު ވިއްކުމާއި، އިޝްތިހާރު ކުރުމަކީ ކުށެކެވެ. ބޭރު ފައިސާ ގަނެ ވިއްކުމުގައި މުއާމަލާތްތައް ކުރަންވާނީ އޮތޯރިޓީން ކަނޑައަޅައި، އާންމުކޮށްފައިވާ ރޭޓުތައް ނުވަތަ ބޭންޑުތަކަށްވުރެ މަތިނުވާ ގޮތެއްގެ މަތިން ކަމަށާއި އެ ރޭޓާ ޚިލާފަށް ބޭރު ފައިސާ ވިއްކުމަކީ ނުވަތަ ވިއްކަން މަސައްކަތް ކުރުންވެސް ކުށަކަށްވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.