ޚަބަރު

138 ކެންޑިޑޭޓުންނާއެކު މިއަހަރުގެ ބާ އިމްތިޙާނު ބާއްވައިފި


  • މިއީ ޤާނޫނީ ދާއިރާއާ ގުޅުމަށް ބޭނުންވާ "މިނިމަމް ބެންޗްމާކް" ކަނޑައަޅާ އިމްތިޙާނެއް

  • އިމްތިޙާނުގެ ސިލަބަސް އެކުލަވާލަނީ "ކޮމެޓީ އޮފް އެކްސްޕަރޓްސް"އިން

138 ކެންޑިޑޭޓުންނާއެކު މިއަހަރުގެ ބާ އިމްތިޙާނު، ދިވެހިރާއްޖޭގެ ބާ ކައުންސިލުން މިއަދު ބާއްވައިފިއެވެ.

މި އިމްތިޙާނު ބާއްވާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގައެވެ.

މިއީ ކޮންމެ އަހަރަކު އެއްފަހަރު ބާ ކައުންސިލުން ބާއްވާ އިމްތިޙާނެކެވެ. މިއީ ރާއްޖޭގައި ޤާނޫނީ ޚިދުމަތްދިނުމަށް ބޭނުންވާ އެންމެ އަސާސީ ޤާނޫނީ ޢިލްމާއި ހުނަރު، އަލަށް ނުކުންނަށް ޤާނޫނީ ވަކީލުންގެ ކިބައިގައި ހުރިކަން ކަށަވަރުކުރުމަށް ދެވޭ އިމްތިޙާނެކެވެ. އަދި މިއީ އަލަށް ދާއިރާއަށް ނިކުންނަށް ވަކީލުންގެ ފެންވަރު ވަޒަންކުރުމަށް ދެވޭ ޤާނޫނީ ދާއިރާއާ ގުޅުމަށް ބޭނުންވާ "މިނިމަމް ބެންޗްމާކް" ކަނޑައަޅާ އިމްތިޙާނެކެވެ.

ބާ ކައުންސިލުން ވިދާޅުވީ، މިއަހަރުގެ އިމްތިޙާނުގައި މައިގަނޑު 6 ދާއިރާއަކުން އިނގިރޭސި އަދި ދިވެހި ބަހުން ތައްޔާރުކޮށްފައިވާ 120 މަލްޓިޕިލް ޗޮއިސް ސުވާލު ހިމަނާފައިވާކަމަށެވެ.

އިމްތިޙާނުގައި ހިމެނޭ މައިގަނޑު 6 ދާއިރާ:

• ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް
• ކްރިމިނަލް ލޯ އެންޑް ޕްރޮސީޖަރ
• ލޭންޑް އެންޑް ލޯ ޕްރެކްޓިކްސް
• ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ
• ޓޯޓަލް ލޯ
• މޯލްޑިވިއަން ލީގަލް ސިސްޓަމްސް

ބާ އިމްތިޙާނުގެ ސިލަބަސް އެކުލަވާލަނީ ރާއްޖޭގެ ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރު ޤާނޫނީ ވަކީލުންނާއި، ޤާނޫނީ ތަޢުލީމު އުނގަންނައިދޭ ބޭފުޅުން އަދި ފަނޑިޔާރުން ހިމެނޭގޮތަށް އެކުލަވާލެވޭ ބާ އިމްތިޙާނުގެ "ކޮމިޓީ އޮފް އެކްސްޕަރޓްސް" އިންނެވެ.

ބާ އިމްތިޙާނަށް ކެނޑިޑޭޓުން ތައްޔާރުވުމަށް އެހީތެރިވެދިނުމުގެ ގޮތުން ބާ ކައުންސިލުން ކޮންމެ އަހަރަކުވެސް ރީޑީންގ ލިސްޓެއް އެކުލަވާލާ ޝާޢިއުކޮށް އިމްތިޙާނުގެ ސިލަބަހުގެ ދާއިރާތަކުން ލެކްޗަރުތައް އިންތިޒާމްކުރެއެވެ. އެހެން އަހަރުތަކާ ޚިލާފަށް އިމްތިޙާނަށް ބައިވެރިން އަހުލުވެރިކުރުމުގެ ގޮތުންނާއި އިމްތިޙާނަށް ތައްޔާރުވުމަށް ބޭނުންވާ މަޢުލޫމާތުތައް ހިއްސާކުރުމުގެ ގޮތުން މިއަހަރު 5 އޮރިއެންޓޭޝަން ސެޝަނެއް އިންތިޒާމްކޮށްފައިވާކަމަށް ބާ ކައުންސިލުން ވިދާޅުވިއެވެ.