ޚަބަރު

"އިޤްތިޞާދީ ގޮންޖެހުންތަކާއެކު، ފިޔަވަޅުތަކުގެ ނަތީޖާ ދަނީ ފެންނަމުން"


  • ވަޒީރު ވިދާޅުވީ ޑޮލަރުގެ މައްސަލައަށްވެސް ހައްލު އަންނާނެކަމަށް

  • ތެލާއި ގޭހާއި ކާޑުގެ ބާވަތްތައް ހޯދުމުގެ ޤާބިލުކަން ހުރިކަން ފާހަގަކުރެއްވި

  • ލޯނުތައް ދެއްކުމުގައި ލޯނު ނަގާފައިވާ ތަންތަނުން އެހީތެރިކަމާ އެއްބާރުލުން ލިބޭކަމަށް ވިދާޅުވި

ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކާއެކު ނަތީޖާ ފެންނަމުންދާކަމަށާއި މިހާރު ކުރިމަތިވެފައިވާ ހުރިހާ މާލީ އަދި އިޤްތިޞާދީ މައްސަލައަކަށް ހައްލު ލިބިގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ވަނީ ރާއްޖޭގެ އިޤްތިޞާދަށް ގެއްލުންވާނެހެން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ކުށްވެރިކުރައްވާފައެވެ.

މާލީ ދާއިރާގައި ހުރި ބައެއްކަންކަމާއި އަދި ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާ ގުޅިގެން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ރައްދުދެއްވާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށްކުރާ ކޮންމެ އަސަރަކީ އޭގެ ނޭދެވޭ އަސަރު ކޮންމެ ދިވެއްސަކަށްވެސް ކުރާނެކަމެއްކަން ފާހަގަކުރައްވާ ވަޒީރު ވަނީ ރާއްޖެއަށް އިންވެސްޓުނުކުރުމަށް ބާރުއަޅާ ވާހަކަދައްކަމުން ސޯޝަލް މީޑިއާ އަދި ނޫސްތަކުގައި ދައްކަމުންދާ ފަރާތްތަކުން އެފަދަ ޢަމަލުތައް ހިންގާ އެއްވެސް ސަބަބެއް ވިސްނިވަޑައިނުގަންނަވާކަމަށެވެ. ވަޒީރު ވިދާޅުވީ ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކާއެކު އިޤްތިޞާދު ހަމަމަގަށް އެޅިގެންދާނެކަމަށާއި ނަތީޖާ ފެނިގެންދާނެކަމަށެވެ.

"ބައެއް ނޫސްތަކުގައި އިނގިރޭސި ބަހުން އެބަލިޔޭ ފަތުރުވެރިން ނާންނާނެހެން ހީވާ ހުރިހާ ކަންތައްތަކެއް ހަމަ ހައިލައިޓްކޮށްފައި. މިވާހަކަތަށް ވަރަށް ފޯރީގައި ސޯޝަލް މީޑިއާގައި އަޅުގަނޑުމެންނާ ވާދަވެރި ބައެއް ފަރާތްތަކުން އެބަދައްކާ. ރާއްޖޭގައި އިންވެސްޓްނުކުރީމަ ރާއްޖެއަށް ފަތުރުވެރިން ނައިމަ ރާއްޖެއަށް ލިބެން އޮތް ފައިދާއެއް ނުލިބުނީމަ، މީގަ ދެރަވާނީ ހަމަ ދިވެހި ލޮބުވެތި ރައްޔިތުން." ވަޒީރު ވިދާޅުވިއެވެ.


ވަޒީރު ސަޢީދު ވިދާޅުވީ މިއީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި އިދިކޮޅު ފަރާތްތަކުންވެސް ކޮށްއުޅޭ ކަންކަން ނޫންކަމަށެވެ.

ރާއްޖެއިން ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށްފަހު ކާޑާއި ތެލާއި ގޭސް ފަދަ ޒަރޫރީތަކެތި ގަތުމުގެ ޤާބިލުކަން ރާއްޖޭގައި ނެތްކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށްވެސް ވަޒީރުވަނީ ރައްދުދެއްވާފައެވެ. އަދި އެފަދަ ޙާލަތަކަށް ރާއްޖެ ނުދާކަމަށާއި، ޒަރޫރީ ތަކެތި ބާޒާރުން ހުސްނުވެ ލިބެން ހުންނާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ އަރުވާފައެވެ.

"ކާޑެއް ނުލިބޭނެޔޭ، ގޭހެއް ނުލިބޭނެޔޭ ބުނެ މިއީ އާންމުކޮށް ރައްޔިތުންގެ ހިތުގައި ޝައްކު އުފެއްދުމަށާއި، އަދި މާކެޓުގެ އިތުބާރު ގެއްލުވާލުމަށް އާންމު އުސޫލުން މިބޭފުޅުން ދައްކަވަމުންދާ ވާހަކަތަކެއް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖެއިން ދައްކަންޖެހޭ ލޯނުތައް ދައްކަން ހުރި މުއްދަތުތައް މެނޭޖްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޗައިނާ ސަރުކާރާއި، އަބޫދާބީ ފަންޑާއި، ސޮވްރިންގ ގެރެންޓީ ދީފައިވާ ބައެއް ލޯނުތައްވެސް ދެއްކުން ފަސްކުރައްވާފައިވާކަމަށެވެ.

ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ކަންކަމަށް އަސަރުކުރާނެ ފަދަ ވާހަކަތައް ދައްކަމުންދާއިރު އޭގެ ގެއްލުން މުޅި ޤައުމަށް ކުރާނެކަން ސަރުކާރުންދަނީ ފާހަގަކުރައްވަމުންނެވެ.