ޚަބަރު

ގަވާއިދާ ޚިލާފަށް ތޮއްޑޫގައި އުޅެމުންދިޔަ 107 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް


  • ތޮއްޑޫއަށް އިމިގްރޭޝަންގެ ޓީމު ދިޔައީ އާންމުންގެ ފަރާތުން ލިބުނު ޝަކުވާތަކާ ގުޅިގެން

  • މިއޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ބިދޭސީންވަނީ ބަލާ ފާސްކޮށްފައި

ގަވާއިދާ ޚިލާފަށް އއ. ތޮއްޑޫގައި އުޅެމުންދިޔަ 100 އަށްވުރެ ގިނަ ބިދޭސީން މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. އިމިގްރޭޝަނުންވަނީ ހޮނިހިރު ދުވަހު ތޮއްޑޫގައި ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައެވެ.

އާންމުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ލިބެމުންދިޔުމާ ގުޅިގެން ތޮއްޑޫގައި އިމިގްރޭޝަންގެ ފަރާތުން ހޮނިހިރު ދުވަހުވަނީ ހެނދުނު 6 އިން ހަވީރު 4 ޖެހުމާ ހަމައަށް ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައެވެ.

އެރަށުން ޝަކުވާ ހުށައަޅާފައިވާ ފަރާތްތަކުންވަނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ރަށުގައި ބޮޑުވެފައިވާކަން ފާހަގަކޮށްފައެވެ. މިއޮޕަރޭޝަނުގައި އިމިގްރޭޝަނުން ވަނީ އެރަށުގައި ދިރިއުޅެމުންދިޔަ 507 ބިދޭސީއަކު ބަލައި ފާސްކޮށްފައެވެ. އަދި އޭގެ ތެރެއިން 107 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.


ރަށްރަށުގެ އިތުރުން މާލެ ސަރަޙައްދުގައިވެސް އިމިގްރޭޝަނުންދަނީ ބިދޭސީން މޮނީޓަރކުރުމުގެ މަސައްކަތްކުރަމުންނެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ "މައިގްރޭޝަން މޮނީޓަރިންގ އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް"ގެ ދަށުން ހޮނިހިރު ދުވަހު ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި އިމިގްރޭޝަންގެ އޮފިސަރުން ހަރަކާތްތެރިވެފައިވާކަމަށެވެ. 55 ބިދޭސީއަކު ބަލާފާސްކޮށްފައިވާއިރު އޭގެ ތެރެއިން ގަވާއިދާ ޚިލާފު އެކަކު ފާހަގަވެފައިވާތީ އޭނާ މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށް، ގަވާއިދުގެ ތެރެއިން ބިދޭސީންގެ ކަންކަން އިންތިޒާމުކުރުމަށް ކުރަމުންދާ މަސައްކަތް ކުރިއަށްގެންދަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ.

ފުރަތަމަ މަރުހަލާގައި ހިމެނޭ ގަވާއިދުގެ ތެރެއަށް ވަނުމަށް ފުރުޞަތުދިނުމާއި، ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމާއި ސިސްޓަމްތައް އަދާހަމަކުރުމުގެ މަސައްކަތް މުޅި ރާއްޖޭގައިވަނީ ކުރިއަށްގެންގޮސްފައެވެ. މިހާރު ކުރިއަށްގެންދަނީ މިމަޝްރޫޢުގެ ދަށުން ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން އުޅޭތޯ ބެލުމަށް ކުރިއަށްގެންދާ މޮނީޓަރިންގ މަރުހަލާގެ މަސައްކަތެވެ. މިހާރު ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދާ މީހަކު ފެނިއްޖެނަމަ އިތުރު ފުރުޞަތެއް ނެތި ޑީޕޯޓުކުރާނެކަމަށް ސަރުކާރުން އޮތީ ވިދާޅުވެފައެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއެކު ރާއްޖެ މިހަރު ފާހަގަވެފައިވަނީ ބިދޭސީންގެ މައްސަލަ އެންމެ ރަނގަޅަށް ބެލެހެއްޓެމުންދާ ޤައުމެއްގެ ގޮތުގައެވެ. އެގޮތުން އެޤައުމެއްގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް އެއްކުރެވިފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.