ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގައިދިޔަ ހަމަނުޖެހުމާ ގުޅިގެން ނިއުއިން ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅި މައްސަލަ އެ ކުލަބުން އަނބުރާ ނަގައިފިއެވެ.
ނިއުރޭޑިއަންޓުގެ ސީނިއަރ ވައިސް ޗެއާމަން ޢަލީ އިބްރާހީމް (ކައްޕި) ވިދާޅުވީ، މެޗުގައި މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒެއިރު، ނިއުގެ އެސިސްޓަންޓް ކޯޗު ލޫސިއާނޯގެ މޫނުމަތީގައި ޖެހުމާ ގުޅިގެން ފުލުހަށް ހުށަހަޅާފައިވާ މައްސަލަ ނިއުއިން މިހާރު ނަގާފައިވާ ކަމަށާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއިއެކު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.
ފުލުހަށް ހުށަހެޅި މައްސަލަ ނެގި ނަމަވެސް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި މައްސަލަ އަދިވެސް ބަލަމުންދާކަމަށް އަލީ އިބްރާޙީމް ވިދާޅުވިއެވެ. މައްސަލަ ބަލަމުން ދަނީ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީންނެވެ.
މިމަހުގެ 17ވަނަ ދުވަހުގެރޭ ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ، މެޗުގެ 68ވަނަ މިނެޓުގައި މާޒިޔާގެ ޢަބްދުﷲ ލޫތަށް، ނިއުގެ އިބްރާޙީމް މައިސާން ކުރި ފައުލަކާ ގުޅިގެން ރެފްރީ ކުޅުން މެދުކަނޑާލަން ކަށިގަނޑު ފުމުނު ފަހުން، ނިއުގެ ޢަބްދުﷲ ބިލިޓީ ފޮނުވާލި ބޯޅައެއް ލޫތުގެ ގައިގައި ޖެހުނު ހިސާބުންނެވެ.
މިއާއިއެކު ބިލިޓީއާއި ލޫތު ކުރިމަތިލާން ދިޔަވަގުތު ނިއުގެ އީތަން އިބްރާޙީމް ޒަކީ، ލޫތުގެ ގައިގައި އަތްއަޅައި ކޮށްޕާލުމުން، މާޒިޔާގެ ޙަސަން ޝިފާޒް ވެސް އެ ހަމަނުޖެހުމުގައި ބައިވެރިވިއެވެ. އަދި ފަހުން އެހެން ކުޅުންތެރިންނާއި ދެ ޓީމުގެ އޮފިޝަލުންވެސް، ހަމަނުޖެހުން ހިންގުމުގައި އަދި ހުއްޓުވުމުގައިވެސް ބައިވެރިވެފައިވެއެވެ.
މި ހަމަނުޖެހުންތަކުގެ ތެރެއިން މާޒިޔާގެ އެސިސްޓެންޓް ކޯޗު ސުޒެއިރު، ނިއުގެ އެސިސްޓަންޓް ކޯޗު ލޫސިއާނޯގެ މޫނު މަތީގައި ޖަހާ މަންޒަރު ދައުރުވަމުންދާ ބައެއް ވީޑިއޯތަކުން ފެނެއެވެ.
ސުޒެއިރުގެ މި އަމަލު ކުށްވެރިކޮށް ނިއުރޭޑިއަންޓުން ބަޔާނެއް ނެރެފައިވާއިރު އެ ބަޔާނުގައި ބުނެފައި ވަނީ، މި ހަމަނުޖެހުންތަކުގެ ތެރެއިން ލޫސިއާނޯއަށް ސުޒެއިރު ދިން ހަމަލާއާ ގުޅިގެން އޭނާއަށް އަނިޔާވެފައިވާކަމަށެވެ.