އައްޑޫ ސިޓީގެ ތަރައްޤީއަށް މިވަގުތު ކުރާ އެންމެ މުހިއްމު އެއް މަސައްކަތަކީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތެވެ. ގަން އެއަރޕޯޓުގައި ކުރިން ބޭނުން ކުރަމުންއައި 2200 މީޓަރު ދިގު ރަންވޭއަށް މި ޕްރޮޖެކްޓުގެ ދަށުން މިހާރުވަނީ 960 މީޓަޒު ވަނީ އިތުރުކޮށްފައެވެ. ގަން އެއަރޕޯޓުގެ ރަންވޭއަށް އިތުރުކުރެވުނު ބަޔާއެކު، ބޮއިންގް 777 މަރުކާގެ ކޯޑް އީ ގެ އެއަރކްރާފްޓްތަކަށް އެއްވެސް ދަތިކަމެއްނެތި ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޑެޓުން ހާމަކުރެއެވެ.
ގަން އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޑެޓްގެ ޖެނެރަލް މެނޭޖަރ އިބްތިޝާމާ އަޙްމަދު ސަޢީދު ވިދާޅުވީ، ރަންވޭއަށް އަލަށް އިތުރުކުރެވުނު ބައިގެ، ކޮންސްޓްރަކްޝަން މަސައްކަތް އެއްކޮށް ނިމި، ދަތުރުތައް ފެށުމުގެ ކުރިން ހަދަންޖެހޭ ދިރާސާތައް މިހާރު ހަދާނިމިފައިވާކަމަށެވެ. އަދި މިހާރު ކުރަމުންދަނީ ރަންވޭ ރަސްމީކޮށް ހުޅުވުމުގެ ކުރިން ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ކަމަށާއި، މިމަހުގެ 15 ވަނަ ދުވަހު ރަންވޭ ހުޅުވުމަށް ޝެޑިއުލްކޮށްފައިވާކަމަށް އިބްތިޝާމާ ވިދާޅުވިއެވެ.
"ބޮއިންގ 777 އާއި، އޭ340 ގެ އެއަރކްރާފްޓްތަކަށް ގަމަށް މިހާރު ޖެއްސޭނެ. ރަންވޭގެ އިތުރަށް ސީޕްލޭން ބޭސްއެއް ޤާއިމުކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ސީޕްލޭން ބޭސް ޓީ.އެމް.އޭއިން މިހާރުވަނީ ޤާއިމުކޮށް ނިންމާފައި. ދެން އޮތީ އަޅުގަނޑުމެން ރަންވޭ ރީ-ސެޓްފިކޭޝަނަކަށް ދިއުން. މިހާރު އެމަސައްކަތް ކުރަމުން މިދަނީ. ރަންވޭ ޕްރޮޖެކްޓް ނިމި، ރަސްމީކޮށް ރަންވޭ ހުޅުވުމަށް މިމަހުގެ 15 އަށް އަޅުގަނޑުމެން ޝެޑިއުލްކޮށްފައިވާނެ" އިބްތިޝާމާ ވިދާޅުވިއެވެ.
ގަން އެއަރޕޯޓުގެ ރަންވޭއަށް އިތުރުކުރެވުނު ބަޔާއެކު، ރަންވޭ ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވަމުންދާއިރު، މިހާރުވެސް ބައެއް އިންޓަރނޭޝަނަލް އެއަރލައިންތައް، އައްޑޫ ސިޓީއަށް ސީދާ ދަތުރުތައް ފެށުމުގެ ޝަޢުގުވެރިކަން ފާޅުކުރަމުންދާކަން އިބްތިޝާމާ ފާހަގަކުރެއްވިއެވެ.
img:http://s1.psmnews.mv/images/660x400/14714248604866.jpg|އިބްތިޝާމާ އަޙްމަދު ސަޢީދު، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ / ފޮޓޯ: ޕީއެސްއެމް
"ޗާޓަރ ފްލައިޓްތައް މިހާރުވެސް ގަމަށް އާދޭ. އަޅުގަނޑުމެންނަށް ސްރިލަންކަން އެއަރލައިނާއެކު ވަރަށް ބޮޑަށް މަޝްވަރާކުރެވެމުންދޭ ދަތުރުތައް ފެށުމާގުޅޭގޮތުން. އެބޭފުޅުން މިހާރު ޝެޑިއުލްވެސް ކުރައްވައިގެން އުޅުއްވަނީ. އިންޓަރނޭޝަނަލް ޝެޑިއުލް ފްލައިޓެއް އަންނަކަމަށްވާނަމަ، ފުރިހަމަކުރަންޖެހޭ އިތުރު ކަންތައްތަކެއް ހުންނާނެ. އިމިގްރޭޝަނާއި، ކަސްޓަމްސްގެ ދާއިރާއިންވެސް. އަދި ސަލާމަތީގޮތުންވެސް. އެހެންވީމަ އެ މަސައްކަތް އަޅުގަނޑުމެން ހުރިހާ ސްޓޭކް ހޯލްޑަރުންނާއެކު ކުރަމުންމިދަނީ. އިންޓަރނޭޝަނަލް ފްލައިޓްތައް އޮޕަރޭޓް ކުރުމުގެ ޝަޢުގުވެރިކަން ވަރަށް ގިނަ ފަރާތްތަކުން ފާޅުކުރަމުންދަނީ" އިބްތިޝާމާ ވިދާޅުވިއެވެ.
ގަން އެއަރޕޯޓުގައި މިހާރު ބޭނުންކުރާ ޓަރމިނަލުން އެއްފަހަރާ 100 ފަސެންޖަރުންނަށް ޚިދުމަތްދެވޭއިރު، ޓަރމިނަލް ފުޅާކުރާނީ ޑިމާންޑް އޮތް މިންވަރަކަށް ބެލުމަށްފަހު ކަމަށްވެސް އެކުންފުނިން ބުނެއެވެ. ނަމަވެސް އެތަނުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ގްރައުންޑް ހޭންޑްލިންގއަށް ބޭނުންވާ އިކުއިޕްމަންޓްތައް ހޯދުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ. ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް މިހާރުވެސް ދުވާލެއްގެ މައްޗަށް 7 ޑޮމެސްޓިކް ފްލައިޓް ދަތުރުކުރެއެވެ.
އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޑެޓް އަމާޒަކީ އެއަރޕޯޓް ތަރައްޤީވެގެންދާއިރު، ޑޮމެސްޓިކް ފްލައިޓްތަކުގެ އިތުރުން ދުވާލެއްގެ މައްޗަށް އިންޓަރނޭޝަނަލް 4 ފްލައިޓް ދަތުރުކުރާ އެއަރޕޯޓަކަށް އެތަންވެގެން ދިއުމެވެ. ހަމައެހެންމެ އައްޑޫ ސިޓީއަކީ ވިޔަފާރީގެ ރޮނގުންވެސް ކުރިއަރަމުން އަންނަ ސަރަޙައްދަކަށްވެފައި، ކާގޯ ފްލައިޓްތައް އޮޕަރޭޓްކުރަން ފެށުމަކީވެސް އެކުންފުނީގެ އަމާޒެކެވެ.
ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ބޭނުންވާ ބިން ހިއްކުމަށް ގާތްގަނޑަކަށް 14 މިލިއަން ޑޮލަރު ޙަރަދުވެފައިވާ ކަމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ. އަދި 2 ވަނަ ފިޔަވަހީގެ ދަށުން ރަންވޭގެ ކޮންސްޓްރަކްޝަން މަސައްކަތަށް 23 މިލިއަން ޑޮލަރު ޚަރަދުވެފައިވާކަމަށާއި، ތަނަށް ބޭނުންވާ އިކުއިޕްމަންޓް ގަތުމުގެ ޚަރަދާއެކު މުޅި މި މަޝްރޫޢަށް ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ވެސް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުން ބުނެއެވެ.
ގަމުގައި ހޮޓެލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގުމަށްވެސް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޑެޓް އަންނަނީ ތައްޔާރުވަމުންނެވެ. އެކަމަށް ބޭނުންވާ ކޮންސެޕްޓް ޑިޒައިންކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދާކަމަށް އެކުންފުނިން ބުނެއެވެ.