ޚަބަރު

ފްރައިޑްކިން ގްރޫޕުން 2 އަހަރަށްފަހު އެވަޓަން ވިއްކާލަނީ


ދަ ފްރައިޑްކިން ގްރޫޕުން ޕްރިމިއާ ލީގުގެ ކްލަބް އެވަޓަން ގަތްތާ ދެ އަހަރު ފަހުން އެ ކްލަބް ވިއްކާލަން ނިންމައިފިއެވެ.

އެމެރިކާގެ މަޝްހޫރު ވިޔަފާރި ކުންފުނި, ގްރައިޑްކިން އިން އެވަޓަން ގަނެފައިވަނީ 2024 ވަނަ އަހަރުގެ ތެރޭގައި 400 މިލިއަން ޕައުންޑަށެވެ. ނަމަވެސް އެހާ އަވަހަށް ކްލަބް ވިއްކާލަން އެ ކުންފުނިން ނިންމި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

ފްރައިޑްކިން ގްރޫޕުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން އެވަޓަން އާއި ހަވާލުވިއިރު އޮތީ މާލީ ދަތިކަމެއްގެ ތެރޭގައި ނަމަވެސް އޭގެ ފަހުން ފާއިތުވެދިޔަ ދުވަސްތަކުގައި ކްލަބްގެ މާލީ ހާލަތު ހަމައަކަށް އެޅުވުމުގެ އިތުރުން އައު ސްޓޭޑިއަމް މިހާރު ހުޅުވާފައިވާ ކަމަށެވެ.

އަދި މިހާރު އެވަޓަން އޭރު އޮތް ހާލަތު ބަދަލުވެ މިއީ އެ ކްލަބުން އިތުރު ހަރުފަތެއް ގިރާކުރަން ޖެހޭ ވަގުތުކަމަށް ގަބޫލުކުރެވޭކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ 2 އަހަރު ކުރިން އެވަޓަން ގަތްއިރު ފްރައިޑްކިން ގްރޫޕްގެ ޗެއަރމަން ޑޭން ފްރައިޑްކިން ބުނެފައިވަނީ އެމީހުންގެ އެންމެ ބޮޑު އަމާޒަކަށްވާނީ ކްލަބްގެ ހާލަތު ބަދަލުކޮށް އެއީ ކާމިޔާބު ކްލަބެއްގެ ގޮތުގައި ބޭއްވުމަށް ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރ މަހު އެވަޓަންގެ ކޯޗު ޑޭވިޑް މޯޔެސް ބުނެފައިވަނީ އޭނާ ދުވަހަކުވެސް ޗެއާމަން ފްރައިޑްކިން އާއި ބައްދަލުވެ ވާހަކަ ދައްކާފައިނުވާ ކަމަށެވެ. މޯޔެސް އެވަޓަންގެ ކޯޗު ކަމާއި ހަވާލުވެފައިވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.

ފްރައިޑްކިން އިން އެވަޓަން ވިއްކާލަން ނިންމި އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރަނީ ދާދި ފަހުން އެ ކްލަބުގެ ސަޕޯޓަރުންނާއި ވެރިންނާއި ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކެވެ. އެގޮތުން އެންމެ ބޮޑު މައްސަލައަކަށްވީ އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ އާމްސްޓްރޯންގް ވިއްކާލަން މަސައްކަތްކުރުމުގެ އިތުރުން އިލިމަން އެންޑިޔާއޭ މެންޗެސްޓަރ ސިޓީއަށް ވިއްކާލުމެވެ.