ޚަބަރު

ޤައުމުގެ ދިފާޢުގައި ދިވެހިން އިސްކޮށް ހަރުދަނާ ނިންމުންތަކެއް


  • ޚާރިޖީ ސިޔާސަތުގައި އަބަދުވެސް އިސްކުރައްވަނީ ޤައުމުގެ މަސްލަހަތު

  • ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ވަނީ އަނބުރާ ފޮނުވާލާފައި

  • ޤައުމުގެ ކަންކަމުގައި ގޮތް ނިންމުމުގެ ފުރިހަމަ ބާރު އޮތީ ދިވެހިންނަށް

ދުނިޔޭގެ އެންމެ ކުދި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ދިވެހިރާއްޖޭގެ އެންމެ ބޮޑު ފަޚުރަކީ، އިސްލާމް ދީންމަތީގައި ތިބި މިނިވަން ޤައުމެއްގެ ގޮތުގައި ޒަމާންތަކެއް ވަންދެން އޮތުމެވެ. ރާއްޖެ ފަދަ އާބާދީ ކުޑަ އަދި ބިމުގެ ގޮތުން ކުޑަ ބައެއް ޤައުމުތަކަށް ދުނިޔޭގެ އެކި ޤައުމުތަކުން ބާރު ހިންގާއިރު، ރާއްޖޭގެ ކަންކަމުގައި ގޮތް ނިންމުމުގެ ބާރު އަދިވެސް އޮތީ ދިވެހިންނަށެވެ. ބޭރުގެ ނުފޫޒަކަށް ދިވެހިން ބޯލަނބަންޖެހޭ ހާލަތެއް އައުމަކީ، މީގެކުރިންވެސް އަދި ކުރިއަށް އޮތްތަނުގައިވެސް އެއްވެސް ދިވެއްސަކު އެދޭނެ ކަމެއް ނޫނެވެ.

މިނިވަންކަމާއި އިސްތިޤުލާލަކީ، ކޮންމެ ޤައުމަކަށް އަދި ވަކިވަކި ފަރުދުންނަށްވެސް ލިބިގެންވާ އެންމެ އަގުބޮޑު ނިއުމަތެވެ. އަޅުގަނޑުމެން ދިވެހިންގެ މިނިވަންކަމަށް ނުރައްކާވި ކޮންމެ ފަހަރަކު ދިވެހި ދަރިންތައް ނުކުމެ އެ ނުރައްކާތައް ނައްތާލިއެވެ. މިއީ، އަޅުގަނޑުމެން ފަޚުރުވެރިވާ ތާރީޚެކެވެ. މިއަދު ދިވެހި ސަރުކާރުން ކުރައްވާ އެންމެ މުހިންމު މަސައްކަތަކީ، މި މިނިވަންކަން ދެމެހެއްޓުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ފެއްޓެވި މަސައްކަތަކީ، އޭރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުވެ ތިބި ބޭރުގެ ސިފައިން އަނބުރާ ފޮނުވާލުމުގެ މަސައްކަތެވެ. މިއަދު އަޅުގަނޑުމެންނަށް ބައިނަލްއަޤުވާމީ ދުނިޔޭގައި ފެންނަ ހަގީގަތަކީ، ބައެއް ޤައުމުތަކުން އެ ޤައުމުތަކުގެ އަސްކަރިއްޔާ އެހެން ޤައުމުތަކުގައި ގާއިމުކުރުމުގެ ސަބަބުން އެ ޤައުމުތަކަށް ނުރައްކާވާ ތަނެވެ. އެ ފުރުސަތު ދިނުމުން އެ ޤައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަ މަންޒަރެވެ.

އެހެންކަމުން ކިތަންމެ ގާތް ގުޅުމެއް އުފެދިފައިވާ ޤައުމަކަށްވި ނަމަވެސް އެ ބައެެއްގެ އަސްކަރިއްޔާ އަމިއްލަ ޤައުމުގައި ގާއިމުވެފައި އޮތުމަކީ، ފަހުން ނަމަވެސް ޤައުމަށް އޮތް ނުރައްކަލެއްކަން ދެނެގަނެ ރައީސުލްޖުމްހޫރިއްޔާ އެ ސިފައިން އަނބުރާ ޤައުމުތަކަށް ފޮނުވާލެއްވީ، ޤައުމުތަކާ އޮތް ގުޅުމަށް އެއްވެސް ހީނަރުކަމެއް ނާންނަ ގޮތްތައް ބައްލަވައި ފުރިހަމަ ޚާރިޖީ ސިޔާސަތެއްގެ ތެރެއިންނެވެ. އެމަނިކުފާނު މި ފިޔަވަޅު އެޅުއްވީ، ދިވެހިންގެ ވިންދު އެގޮތަށް އޮތުމުންނެވެ.

އެއަށްފަހު އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ އެއްވެސް ސަރަޙައްދެއް ޢަސްކަރީ ބޭނުމަށް ބޭނުންކުރުމުގެ ހުއްދަ ދެވޭނީ، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެން ކަމަށް ބަޔާންކޮށް ޤާނޫނު އަސާސީއަށްވެސް ވަނީ އިސްލާހު ގެނެސްފައެވެ. މިއީ، ކުރިއަށް އޮތްތަނުގައިވެސް އެފުރުސަތު ސަރުކާރުތަކަށް ނުދިނުމަށް ނިންމެވި މުހިންމު ނިންމެވުމެކެވެ.

ޤައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކާވާނެ އެއްވެސް ކަމެއް ނުކުރައްވާނެކަމަށް ބައިނަލްއަޤުވާމީ އަދި ޤައުމީ މަންސަތަކުގައިވެސް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ވިދާޅުވަމުންނެވެ. ރާއްޖޭގެ ކަންކަމުގައި ބަސް ބުނާނީ ދިވެހިން ކަމަށާއި، ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމުގައިވެސް އިސްކުރައްވާނީ ރާއްޖޭގެ މަސްލަހަތު ކަމަށް އެމަނިކުފާނު ވިދާޅުވެއެވެ. އެގޮތުން އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތަކީވެސް "މޯލްޑިވްސް ފަސްޓް" ސިޔާސަތެވެ.

ރާއްޖޭގެ ސަރަހައްދުން ފުކެއްވެސް ބޭރު ބަޔަކަށް ނުދޭނެ

މިހުރިހާ މަސައްކަތްތަކާއެކުވެސް މިއަދުގެ ސަރުކާރަށް އިދިކޮޅު ފަރާތްތަކުން ކުރަނީ، ރާއްޖޭގެ ބައެއް ބޭރުގެ ބަޔަކަށް ވިއްކާލަން އުޅޭ ކަމުގެ ތުހުމަތެވެ. މިއީ، ރަސްމާލެ މަޝްރޫއާ ގުޅުވައިގެން ސަރުކާރަށް ކުރާ ތުހުމަތުތަކެކެވެ. ނަމަވެސް ސަރުކާރުން ވަނީ، އެ މަޝްރޫއުގެ އެއްވެސް އެއްބަސްވުމެއްގައި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފު އެއްވެސް ކަމެއް ހިމަނާފައިނުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

"ބިން ވިއްކައިފިއޭ، މިލްކުކޮށްދީފިއޭ ކިޔަނީ. މިއީ، ރާއްޖޭގެ ޤާނޫނު އަސާސީން މަނާކަމެއް. ޤާނޫނު އަސާސީއާ ޚިލާފަށް އެއްވެސް ކަމެއް ނޯންނާނެ. އެއްވެސް މަޝްރޫޢެއް ނުވަތަ އިންވެސްޓްމަންޓެއްވެސް ނުގެންދާނަން. އަޅުގަނޑަށް މުހިންމީ ޤައުމާއި ރައްޔިތުން. ބިން މިލްކުވާކަށް ފުރުޞަތެއް ނުދޭނަން. އެގޮތަށް ރާވާފައިވެސްވަނީ." ރައީސުލްޖުމްހުރިއްޔާ ނޭޝަން ޗެޓުގެ 5ވަނަ ޕްރޮގްރާމުގައި ވިދާޅުވިއެވެ.

މިވާހަކަތައް އެމަނިކުފާނު ގެންދަވަނީ، ތަކުރާރު ކުރައްވަމުންނެވެ. އެމަނިކުފާނު ޤަބޫލުކުރައްވަނީ، ދިވެހިރާއްޖޭގެ ސަރަޙައްދާއި ދިވެހި ދައުލަތުގެ ސިޔާދަތަކީ އޭގެމައްޗަށް ރާއްޖޭގެ މިނިވަންކަން ބަރޯސާވާ އަދި ބަދަލު ނުކުރެވޭނެ ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ޙައްޤެއް ކަމަށެވެ. އަދި ރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ ބައިނަލްއަޤުވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ދިވެހިރާއްޖޭގެ ޚާއްސަ އިޤުތިސާދީ ސަރަޙައްދު ހިމެނޭގޮތުން ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި ޒިންމާއަކީ، ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ދިވެހި ދައުލަތާ ޙަވާލުކޮށްފައިވާ ޒިންމާއެއްކަންވެސް އެމަނިކުފާނު ޤަބޫލުކުރައްވައެވެ.

ދެން އެމަނިކުފާނުގެ ސަރުކާރަށް ކުރައްވަމުންދާ ތުހުމަތަކީ، ޔަހޫދީ ދައުލަތުގެ ބަޔަކަށް މި ޤައުމުގެ ބައެއް ދިނުމަށް އުޅޭކަމުގެ ތުހުމަތެވެ. ނަމަވެސް ޔަހޫދީ ދައުލަތާ ދެކޮޅަށް މިހާތަނަށް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވަން ކެރިވަޑައިގެންނެވީ، އެމަނިކުފާނަށެވެ. އެކި ޤައުމުތަކުގެ ފިއްތުންތައް ކުރިމަތިވާނެކަން އެނގިހުންނަވައިގެންވެސް ދިވެހިންގެ ވިސްނުމާ އެއްގޮތަށް ޔަހޫދީ ދައުލަތުގެ ޕާސްޕޯޓުގައި އެއްވެސް މީހަކަށް ދިވެހިރާއްޖެއަށް ނުވަދެވޭނެ ގޮތަށް އެމަނިކުފާނު ވަނީ ޤާނޫނު އިސްލާޙު ކުރައްވާފައެވެ.

ބައިނަލްއަޤުވާމީ މަންސަތަކުގައިވެސް އެމަނިކުފާނާއި އެމަނިކުފާނުގެ ވަޒީރުން ގެންދަވަނީ، ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ ރައްޔިތުންނާމެދު އަމަލުކުރަމުންދާ ގޮތް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެ ދައުލަތާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އެ ދައުލަތާމެދު ފިޔަވަޅު އެޅުމަށް އެހެން ޤައުމުތަކަށް ގޮވާލަމުންނެވެ.

ދިވެހިރާއްޖެ ތަރައްޤީގެ ރޮނގުގައި އެހެން ޤައުމުތަކާ އެއްހަމަ ކުރުމަށް ސަރުކާރުން މަސައްކަތް ކުރެއްވި ނަމަވެސް އެކަމުގައި ދިވެހިންގެ މިނިވަންކަމާއި، އިސްތިގުލާލަށް އަސަރުކުރާނެ އެއްވެސް ކަމެއް ނުކުރައްވާނެކަން އަދުގެ ސަރުކާރުން ދަނީ، ސާބިތު ކޮށްދެއްވަމުންނެވެ.