ޚަބަރު

ބޯކޮށް ވާރޭވެހި، ވައި ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު


  • ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް

  • ހެނދުނު 09:30އިން މެންދުރު 13:00އަށް

ބޯކޮށް ވާރޭވެހި، ވައި ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ.

ރީނދޫ ސަމާލު ނެރެފައިވަނީ ހެނދުނު 09:30އިން މެންދުރު 13:00އާ ހަމައަށެވެ. މެޓުން ވިދާޅުވީ ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިއަދު މޫސުން ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ބައެއް ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.

މެޓު އޮފީހުން ލަފާކުރި ގޮތުގައި، މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވައި އުޅެނީ އާދައިގެ މިންވަރަކަަށް މަޑުކޮށެވެ. އެގޮތުން އުތުރާއި މެދު ރާއްޖެތެރެއަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުބިނުމައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.


ބޮޑުތިލަދުންމަތި ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ހުދު ސަމާލު ނެރެފިއެވެ. ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 8:10އިން މެންދުރު 14:00އާ ހަަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، މިއަދާ މާދަމާވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސް ކަމަށެވެ. އަދި އާދިއްތަ ދުވަހު ވާރޭ ވެހޭ މިންވަރު ދަށްވިނަމަވެސް މުޅި ހަފުތާގެ ތެރޭގައިވެސް ކެރީގެ އަސަރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކުރާނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.