ޚަބަރު

"އާރްޑީސީގެ ބައެއް މަޝްރޫޢުތައް އެމްޓީސީސީން މިހާރުވެސް ދަނީ ހިންގަމުން"


  • އާރްޑީސީން 200އަށް ވުރެ ގިނަ މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދޭ

  • އެއްބަސްވުންތައް މާލިއްޔަތު ޤާނޫނާ އެއްގޮތަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން

އާރްޑީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ މުހިންމު މަސައްކަތްތަކާ އެމްޓީސީސީން ހަވާލުވެ މިހާރުވެސް އެ މަސައްކަތްތައް ކުރަމުންދާކަމަށް އެމްޓިސީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވެއްޖެއެވެ.

ސަރުކާރުން ވަނީ އާރްޑީސީ އެމްޓީސީސީގެ ދަށަށް ބަދަލުކުރުމަށް ނިންމާފައެވެ. އެއާއެކު މިހާރު ކުރިއަށްދަނީ މަސައްކަތްތައް ބަދަލުކުރުމުގެ މަރުހަލާއެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޓިސީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވީ އާރްޑީސީން 279 މަޝްރޫޢުގެ މަސައްކަތް އެކި މަރުހަލާގައި ކުރިއަށްގެންދާކަމަށެވެ. އަދި އެ މަސައްކަތްތައް އެމްޓީސީސީން ކުރިއަށްގެންދިޔުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ.

ސައުދީ ވިދާޅުވީ އާރްޑީސީއާއި ކްލައިންޓާ ދެމެދުވެފައިވާ އެއްބަސްވުންތައް މާލިއްޔަތު ޤާނޫނާ އެއްގޮތަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާކަމަށެވެ. އަދި ފްރޭމްވޯކް އެގްރީމަންޓްގެ ތެރެއިން މުހިންމު މަސައްކަތްތައް ނުހުއްޓި ކުރިއަށްގެންދިޔުމަށްޓަކައި މަސައްކަތް ކުރަމުންދާކަމަށެވެ.

"މިސާލަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ކުރަމުންދާ މަސައްކަތްތައް އެމްޓިސީސީން މިހާރު ކުރިއަށްގެންދޭ މި މަސައްކަތްތައް ތަރުތީބުކޮށްފައި ހުރީ. އާރްޑީސީގެ މަސައްކަތްތަކާއެކު 2027 ގެ ޖުލައިއަށް 400އަށްވުރެ ގިނަ މަޝްރޫޢު ނިންމަންޖެހޭ." އެމްޓިސީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވިއެވެ.

ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމުގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދިޔުމަށްޓަކައި އާރްޑީސީއާ ހަވާލުކޮށްފައިވެއެވެ. މިދިޔަ އަހަރާއި މިއަހަރުގެ ތެރޭގައި އެހެނިހެން ދާއިރާތަކުގެ މަސައްކަތްތައް ކުރުމަށްވެސް ހަވާލުކޮށްފައިވެއެއެވެ.

އާރްޑީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ ތެރޭގައިި ކުޅިވަރާއި، ސިއްޙީ ދާއިރާގެ މަޝްރޫޢުތަކުގެ އިތުރުން ތަޢުލީމީ ދާއިރާގެ އެކި މަޝްރޫޢުތައް ހިމެނެއެވެ. މި މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށްޓަކައި މިއަހަރުގެ ތެރޭގައި އެ ކުންފުންޏަށް މެޝިނަރީޒްއާއި އިކުއިޕްމަންޓްތައްވެސް ގެނެސްފައިވެއެވެ.

އެމްޓީސީސީންވެސް އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދަމުންނެވެ. މި ސަރުކާރު ހަވާލުވިއިރު އެމްޓީސީސީން 174 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ހަވާލުކުރިނަމަވެސް މަސައްކަތް ފަށައިގެން ކުރިއަށްގެންގޮސްފައިވަނީ 40އަކަށް މަޝްރޫޢުއެވެ.

މިހާރު އެމްޓީސީސީން އެކަނިވެސް 300އެއްހާ މަޝްރޫޢުގެ މަސައްކަތް އެކި މަރުހަލާގައި އަންނަނީ ކުރަމުންނެވެ. އޭގެ ތެެރޭގައި ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތަކެއް ހިމެނެއެވެ. މި މަޝްރޫޢުތަކުގެ ސްޕީޑް އަވަސް ކުރުމަށްޓަކައި އިތުރު ބޮޑު ޑްރެޖަރއެއް ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.