ސްޕެނިޝް ލަލީގާގައި ރޭ ބެޓިސް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 5-2 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެއްޖެއެވެ.
މި މެޗުން ބާސެލޯނާ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 9 މެޗުން ލިބިފައިވާ 27 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި 5 ޕޮއިންޓުގެ ލީޑެއް ލިބިފައެވެ. ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށް 22 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް 19 ޕޮއިންޓާއެކު ރެއާލް ބެޓިސް އެވެ.
ބެޓިސްގެ ދަނޑުގައި ކުޅުނު މި މެޗުގެ 10 ވަނަ މިނިޓުގައި ލަމީން ޔަމާލް ވަނީ ލަނޑެއް ޖަހާ ބާސެލޯނާއަށް ކުރި ހޯދަދީފައެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 8 ވަނަ ލަނޑެވެ.
ނަމަވެސް އޭގެ 17 މިނިޓު ފަހުން ބެޓިސްގެ ވެލެންޓިން ގޯމޭޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
ބާސެލޯނާއިން މި މެޗުގައި ދެވަނަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ރޮޑްރީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަވަނަ މިނިޓުގައި ގެބްރިއަލް ޖީސުސް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.
ނަމަވެސް އޭގެ ދެ މިނިޓު ފަހުން ބެޓިސް އަށް ކުޅެމުންދާ މޮރޮކޯގެ ފޯވަޑް އަބްދޭ އެޒަލްޒޯލީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 32 އަށް ބަދަލުކޮށްފައެވެ.
ބެޓިސް އަށް މި މެޗުގައި މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ އެ ޓީމުން ދެވަނަ ލަނޑު ޖެހިތާ މިނިޓެއްވެސް ނުވަނީސް އެ ޓީމުގެ ބާރނަލް އާއި ލަމީން ޔަމާލް އާއި ދެމެދު ހިނގާދިޔަ ހަމަނުޖެހުމެއްގެ ސަބަބުން ބާރނަލް އަށް ރެފްރީ ރަތް ކާޑު ދައްކާ އޭނާ ދަނޑުން ފޮނުވާލުމާއި ގުޅިގެން އެ ޓީމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުގެ ސަބަނުންނެވެ.
ބާސެލޯނާ އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ 62 ވަނަ މިނިޓުގައި އެރިކް ގާސިއާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 9 މިނިޓަށް ވެފައިވަނިކޮށް ޑެނީ އޮލްމޯ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 5-2 އަށް ބަދަލުކޮށްފައެވެ.
ބާސެލޯނާއިން މި މެޗުގައި ޖެހި ފަހު ދެ ލަނޑަކީވެސް ޕައު ކުބާސީގެ ދެ އެސިސްޓުން ޖަހާފައިވާ ދެ ލަނޑެވެ.