ޚަބަރު

"އެމް.ޑަބްލިޔު.އެސް.ސީ ސޮލިއުޝަންސް" ޕޭޖް އިފްތިތާޙުކޮށްފި


"އެމް.ޑަބްލިޔު.އެސް.ސީ ސޮލިއުޝަންސް" ނަމުގައި ފޭސްބުކް ޕޭޖެއް އިފްތިތާޙުކޮށްފިއެވެ. މިއަދު އެމް.ޑަބްލިޔު.އެސް.ސީގައި އޮތް ރަސްމިއްޔާތުގައި މި ފޭސްބުކް ޕޭޖް އިފްތިތާޙުކޮށްދެއްވީ، އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙިމް ފަޒުލް ރަޝީދުއެވެ. 

ފޭސްބުކް ޕޭޖް އިފްތިތާޙު ކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ، މި ޕޭޖް ވެގެންދާނީ އެ ކުންފުނިން ވިއްކާ މުދަލާއި ޚިދުމަތްތައް ފަސޭހަކަމާއެކީ ކަސްޓަމަރުންނަށް ހިއްސާ ކުރުމަށް އިތުރުވެގެންދާ ޕްލެޓްފޯމެއްކަމުގައެވެ. އަދި ކުންފުނީގެ ވިޔަފާރިއާބެހޭ މަޢުލޫމާތު ފަސޭހަކަމާއެކު އެއްތަނަކުން ފޯރުކޮށްދިނުމަށް ކުންފުނިން ކުރާ މިފަދަ މަސައްކަތުގެ ސަބަބުން، ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. 

"ޕޭޖް މެދުވެރިކޮށް ކަސްޓަމަރުންނަށް އެމް.ޑަބްލިޔު.އެސް.ސީ ގެ ޚިދުމަތްތައް އިތުރަށް ޔަޤީންވެގެންދާނެ ކަމަށް އުންމީދުކުރަން. އަދި ކުންފުނިން ހިއްސާކުރާ ތަފާތު އެކިއެކި ޕްރޮޑަކްޓްތައް ކަސްޓަމަރުންނަށް ލުއި ފަސޭހައަށްޓަކައި ތިލަ ކުރެވުނުކަމަށް އުންމީދުކުރަން. އަޅުގަނޑުގެ އުންމީދަކަށްވާނީ ކުންފުނިން އަބަދުވެސް ދޭ ޚިދުމަށްތައް ރައްޔިތުންނަށްޓަކައިކުރާ މަސައްކަތް ފަހިވެގެން ދިޔުން. ވިޔަފާރިވެރިންނަށް ފަސޭހަކޮށްދެވޭނެ މަގުތައް ތަނަވަސްކޮށް ހަރުދަނާކުރުން،" ފަޒުލް ވިދާޅުވިއެވެ. 

އެމް.ޑަބްލިޔު.އެސް.ސީ ސޮލިއުޝަންސް ފޭސްބުކް ޕޭޖުން ފެން ކުންފުނިން ދެމުންގެންދާ ފެނުގެ ޚިދުމަތުގެ މަޢުލޫމާތު ލިބިގެންދާނެކަމަށް އެމް.ޑަބްލިޔު.އެސް.ސީން ބުނެއެވެ. މިއަދުގެ ރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ ޚާއްސަ ވިޔަފާރި ޕްރޮމޯޝަންތަކެއްވެސް އިފްތިތާޙުކުރިއެވެ. މިއީ މެމްބްރޭން އަދި ކެމިކަލްއަށް ޚާއްސަކޮށްގެން މިއަދުން ފެށިގެން އެއްމަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.