ރިޕޯޓް

ފާފު އަތޮޅު މަޝްރުޢުގެ ހަޤީގަތަކީ ކޮބާ؟


ފާފު އަތޮޅު ވިއްކައެއް ނުލާނެއެވެ. ފާފު އަތޮޅުގެ ރަށްޔިތުން، އެއަތޮޅުން ނުވެސް ބާލާނެއެވެ. ރާއްޖޭގެ ޤައުމީ ސިޔާދަތާއި އިސްތިޤުލާލަށް އުނިކަމެއް އަންނާނެ އެއްވެސް ކަމެއްވެސް ފާފަކަށް ނުހައްދަވާނެއެވެ. މިއީ ފާފު އަތޮޅާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ސަރުކާރުން ދެއްވާފައިވާ ބައެއް ޖަވާބެވެ. އެހެންވިއްޔާ ދެން ފާފަށް ވާން މިއުޅެނީ ކީއްބާއެވެ؟ ފަހަކަށްއައިސް ފާފުގެ ވާހަކަ އެންމެން މިދައްކަނީ ކީއްވެގެން ބާއެވެ؟

ރައީސް ޔާމީންގެ އިޤްތިޞާދީ ސިޔާސަތު

ރައީސް ޔާމީން ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، އެންމެބޮޑު ބަދަލެއް އައި އެއް ދާއިރާއަކީ އިޤްތިޞާދީ މަސައްކަތްތަކާއި، އެތެރެއާއި ބޭރުގެ އިންވެސްޓަރުންނަށް ސަރުކާރުން ފަހިކޮށްދެއްވި ފުރުޞަތުތަކަށެވެ. ޚާއްސަކޮށް ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ފަހި މާހައުލެއް ޤާއިމުކުރައްވައި، އެކަމުގެ ޔަޤީންކަން އިންވެސްޓަރުންނަށް ދެއްވިއެވެ. 

img:http://s1.psmnews.mv/images/660x400/14787188860632.jpg|ޗައިނާ މޯލްޑިވް ފްރެންޑްޝިޕް ބްރިޖްގެ، މައިގަނޑު ފަސްތަނބުގެ ތެރެއިން ފުރަތަމަ ތަނބުގެ ކޮންކްރީޓް މަސައްކަތް - ފޮޓޯ: ޕީއެސްއެމް / ޙުސައިން ސަޢީދު

އެސްއީޒެޑް ޤާނޫނަކީ މިކަމަށް ކޮށްޓެވި އެންމެބޮޑު އެއް މަގެވެ. މިފަދަ ފިޔަވަޅުތަކުގެ ނަތީޖާއަކަށްވީ، ބޭރުގެ ބިޔަ އިންވެސްޓުމަންޓުތަކުން ޤައުމުގެ މަލަމަތި ބަދަލުވާން ފެށުމެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖެވެ. ވެލާނާ އެއަރޕޯޓުގައި ސަޢުދީއާއި، ޗައިނާއިން ހިންގާ ބިޔަ މަޝްރޫޢުތަކެވެ. އައިހަވަންގެ ސުވަރުގެއެއްފަދަ ތަޞައްވަރެވެ.

img:http://s2.psmnews.mv/images/660x400/14882057447659.jpg|ވެލާނާ އެއަރޕޯޓުގެ އައު ރަންވޭ ހެދުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދު / ފޮޓޯ: ރައީސް އޮފީސް

މިބިޔަ މަޝްރޫޢުތަކަށް ބޭރުގެ ހިލޭއެހީއާއި، ކުޑައިންޓްރެސްޓަކާއެކު ދިގު މުއްދަތަކުން ދައްކާގޮތަށް ބޮޑެތި ލޯނުތައް ލިބިފައިވާ މިންވަރުން އެކަނިވެސް ބޭރުގެ އިންވެސްޓަރުންގެ ހިތް ރައީސް ޔާމީނުގެ ސަރުކާރުން ފަތަޙަ ކުރައްވާފައިވާ މިންވަރު ވަޒަންކުރެވެއެވެ. ބޭރުޤައުމުތަކާއެކު ބަދަހިކުރެއްވި ގުޅުމުގެ ވަރުގަދަކަން ހާމަވެއެވެ.

"ފާފު"ގެ އާދަޔާޚިލާފު ތަޞައްވުރުގެ ވާހަކަ

ޓީވީއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ.މުޙަންމަދު ޝައިނީ ވިދާޅުވީ، ރާއްޖޭގެ އެއްވެސް ސަރަޙައްދެއް އެއްވެސް ބަޔަކަށް ވިއްކާލުމަކީ ރައީސް ޔާމީން ދުވަހަކުވެސް ކުރައްވާނެކަމެއް ނޫންކަމަށެވެ. ރައީސްގެ ވިސްނުންފުޅާއި، އެމަނިކުފާނުގެ ވަޠަނީ ރޫޙަކީ، ވަރަށްގިނަ ވަޒީރުންނާއި، އެމަނިކުފާނުގެ އަރިސްބޭފުޅުން ދައްކަވާ ވާހަކަފުޅެވެ. ޑރ.ޝައިނީވެސް އިޝާރާތްކުރެއްވީ އެކަމަށެވެ.

ރައީސް ޑރ.ވަޙީދުގެ ވެރިކަމުގެ ދުވަސްވަރު، ޖީއެމްއާރު މައްސަލާގައި މަޝްވަރާކުރައްވަން އިންޑިއާގެ އިސްބޭފުޅުންތަކަކާއެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގެ ވާހަކަ އޭރުގެ ވަޒީރަކު އަޅުގަނޑާ ޙިއްސާކުރެއްވިއެވެ. އޭރުގެ ސިޔާސީ ލީޑަރެއްގެ ޙައިސިއްޔަތުން ރައީސް ޔާމީން އެބައްދަލުވުމަށް ވަޑައިގަތެވެ. ޖީއެމްއާރަށް އެއަރޕޯޓުދިން "އިޤްތިޞާދީ ޖަރީމާ" ދެމެއްޓުމުގެ މަޝްވަރާގެ ސުރުޚީއާ އެކު، އިހުތިޖާޖު ކުރައްވައި އެބައްދަލުވުމުން ނުކުމެވަޑައިގެންނެވި ވަޠަނީ ލީޑަރަކީ ރައީސް ޔާމީނެވެ.

މިފަދަ އެހެންވާހަކައެކެވެ. ޔޫރަޕަށް ރާއްޖެއިން ބޭރުކުރާ ކަނޑުމަހުގެ ބާވަތްތަކަށް ދެމުންއައި ޢިނާޔަތް ކަނޑާލިއެވެ. ޔޫރަޕުގެ ވަފުދެއް ރައީސް ޔާމީނާ ބައްދަލުކުރައްވައި ވިދާޅުވިކަމަށްވަނީ، ރާއްޖޭގައި އޮތް އިސްލާމީ ބައެއް އުސޫލުތައް ދޫކޮށްލައްވައި، ހުޅަނގުގެ "ލާދީނީ" ބައެއް ކަންކަމަށް ރާއްޖެއިން ފުރުޞަތު ދެއްވައިފިނަމަ، ޢިނާޔަތް އަލުން ދެވިދާނެކަމަށެވެ.

ހިނިފުޅުވަޑުވާލައްވާފައި ރައީސް ޔާމީން ވިދާޅުވިކަމަށްވެއެވެ. އަޅުގަނޑުމެންގެ ކަނޑުތަކުގައި އެޅޭ މަސްމަހާމެއްސަކީވެސް "ސައްތައިންސައްތަ އިސްލާމުންދެއްތޯ؟" މަޢާފްކުރައްވާށެވެ. ތިޔަފަދަ ޢިނާޔަތެއް ބޭނުމެއްނޫނެވެ.

އިސްލާމްދީނާ ދިވެހި ޤައުމުގެ އިސްތިޤުލާލަށްޓަކައި، ދުނިޔޭގެ ކުރިމަތީގައި ރައީސް ޔާމީނު ހާ ފާޅުގައި ކެރިވަޑައިގެން ވާހަކަފުޅުދައްކަވާ ދިވެހި ވެރިޔަކު ނެތްކަމަށް އެތައްބަޔަކު ބުނެއެވެ. މިފަދަ ރައީސަކު ޤައުމުން ބައެއް ވިއްކަވާލައްވަފާނެކަމަށް ޤަބޫލުކުރަން ދަތިކަމަށް އަޅުގަނޑާ މިވާހަކަތައްތައް ޙިއްސާކުރެއްވި ސިޔާސީ ބައެއް ބޭފުޅުންވެސް ވިދާޅުވެއެވެ. 

ފާފަށް ވާންއުޅެނީ ކީއް؟

ފާފު އަތޮޅުގައި ސަރުކާރުން ހިންގަވަނީ ބިޔަ ބޮޑު މަޝްރޫޢެކެވެ. އެ މަޝްރޫއާ ގުޅުންހުރި ހުރިހާ މަޝްވަރާއެއްގައި ބައިވެރިވެވަޑައިގެންނެވި ޑރ.މުޙަންމަދު ޝައިނީ ވިދާޅުވީ، އެމަޝްރޫޢުގެ ތަފްސީލް މަޢުލޫމާތު ހާމަކުރާ ހިސާބަށް އަދި ނުދާކަމަށެވެ. މިފަދަ ބިޔަ މަޝްރޫޢުތަކަކީ، ވަކިކަހަލަ އެއްބަސްވުންތަކާއެކު، ސުންގަޑިތަކެއް ކަނޑައެޅިގެން ހިނގާ ކަންކަން ކަމަށާ، މަޢުލޫމާތު ހާމަކުރުމަށް ކަނޑައެޅިފައިވާ ވަގުތު ނުޖެހެނީސް އެކަން ނުކުރެއްވޭނެކަމަށް ޑރ.ޝައިނީ ވިދާޅުވިއެވެ. އެހެން ނަމަވެސް ފާފުގެ އެއްވެސް ރަށަކުން މީހުން ބާލައި ހުސްނުކުރާނެކަމަށާ، މި މަޝްރޫޢަކީ ދުނިޔޭގެ ދެތިން ތަނަކުން ނޫނީ ނުފެންނަވަރުގެ ބިޔަ މަޝްރޫއެއްކަމަށް ޑރ.ޝައިނީ ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14856285590201.jpg|މިނިސްޓަރ ޑރ.މުޙަންމަދު ޝައިނީ، ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަނީ

"ރާއްޖޭގެ އެއްވެސް ތަނަކުން އަދި ނުފެންނަވަރުގެ ތަރައްގީއެއް މިއަންނަނީ. ފ.އަތޮޅަށް މިދަންނަވާ ޕްރޮޖެކްޓް ގެނެވިއްޖެ ކަމަށްވާނަމަ، އެއަތޮޅު ރައްޔިތުންގެ އިތުރަށް ރާއްޖޭގެ އެހެން އަތޮޅުތަކުގެ ރައްޔިތުން ފ.އަތޮޅަށް އަންނާނެ. އެއްގޮތަކަށް ވެސް ދިވެއްސަކު އެތަނުން ބޭރުކުރުމުގެ ކަމެއް ނެތް. އެތަނަށް ދިވެހިންތަކެއް އިތުރަށް އަންނާނީ. އެތަނުގެ ތެރެއިން އުފެދިގެން އަންނަ ތަރައްގީއާއި އިންފްރާސްޓްރަކްޗާރގެ ތެރެއިން އެތައް ގުނައަކަށް ވަޒީފާގެ ފުރުސަތު އިތުރުވެގެންދާނެ. ރާއްޖޭގެ އެހެން އެއްވެސް ހިސާބަކުން ނުފެންނަވަރުގެ ބޮޑު ތަރައްގީއެއް އެހިސާބަށް އަންނާނެ.،" ޑރ.ޝައިނީ ވިދާޅުވިއެވެ.

ފާފުގެ މަޝްރޫޢު ހިންގާނީ ކޮންބައެއް؟ސަޢުދީ އަރަބިއްޔާގެ ރަސްގެފާނު އަންނަ މަހުގެ 18 ވަނަ ދުވަހު ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ރަސްގެފާނުގެ މި ދަތުރުފުޅާ، ފާފުގައި ހިންގަވާ ބިޔަ މަޝްރޫޢާ، ގުޅުމެއްވާކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިން ކުރައްވާފައެވެ. 

ރާއްޖޭގެ ލޭންޑް ސްކޭޕް ނުވަތަ މަލަމަތި ބަދަލުކޮށްލާނެ ބޮޑު ޕްރޮޖެކްޓެއް ފ.އަތޮޅުގައި ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ އަހަރުގެ މެއި މަހުގެ 23 ވަނަދުވަހު، ހއ. ހޯރަފުށީ ނަރުދަމާ ވިއުގަ ހުޅުވައި ދެއްވައި އެރަށުގެ ގޮނޑުދޮށް ހިމާޔަޔް ކުރުމުގެ މަޝްރޫއު ފައްޓަަވައި ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ބޮޑެތި މަޝްރޫއުތައް ހިންގަން ބޭރުގެ އެކިއެކި ދައުލަތްތަކުން ޝައުޤުވެރިވާ ކަމަށާއި އެފަދަ ޤައުމަކުން ފ.އަތޮޅުގައި އައިހަވަން އާ އެއްވަރުގެ ޕްރޮޖެކްޓެއް ފަށަން ހުށަހަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް ރައީސް އޭގެ ތަފްސީލެއް ނުދެއްވައެވެ. 

img:http://s2.psmnews.mv/images/660x400/14882547304703.jpg|ފ.ހިމިތި، މި ރަށާ ގުޅިފައިވާ ފަޅާއެކު މިރަށް ތަރައްޤީކޮށް ބިޔަ މަޝްރޫޢެއް ހިންގެވުމަށް ސަޢުދީ ރަސްގެފާނު ޝައުޤުވެރިވާކަމަށް މަޢުލޫމާތުލިބޭ

ސަޢުދީ ރަސްގެފާނު ޝައުޤުވެރި ވެވަޑައިގަންނަވަނީ ފާފު އަތޮޅު ހިމިތީގައި ބިޔަމަޝްރޫޢެއް ހިންގެވުމަށް ކަމަށް މަޢުލޫމާތިބެއެވެ. އަދި އެރަށާ ގުޅިފައިވާ ބޮޑު ފަޅުވެސް ތަރައްޤީކުރައްވަން ބޭނުންފުޅުވާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. 

އެހެންކަމުން ދެންއޮތީ ސަޢުދީ ރަސްގެފާނުގެ ދަތުރުފުޅަށް އިންތިޒާރުކުރުމެވެ.



"ފާފު"ގެ މަޝްރޫޢުގެ މަޢުލޫމާތު ނޭނގި ލަސްވެއްޖެތަ؟

މިމަޝްރޫޢާ ގުޅޭގޮތުން ފާޑުވިދާޅުވާ ސިޔާސީ ލީޑަރުން ވިދާޅުވާ އެއްވާހަކައަކީ،  ފާފު މަޝްރޫޢަކީ "ފްރީ ހޯލްޑް" އުސޫލުން ރާއްޖޭގައި ހިންގާ ފުރަތަމަ މަޝްރޫޢަށްވާއިރު، މިކަމުގެ މަޢުލޫމާތު ރައްޔިތުންނަށް އެނގެންޖެހޭކަމުގެ ވާހަކައެވެ. އެކަން ނާންގަވައި ސަރުކާރުން ސިއްރުން ކަންތައްތަކެއް ކުރައްވާކަމުގެ ވާހަކައެވެ.

އެބޭފުޅުން އެހެންވިދާޅުވާއިރު، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން ޤާނޫނު އަސާސިއަށް އައި ބަދަލު ބަލާލުން މުހިންމެވެ. ފަފުގައި ހިންގަވާ ބިޔަ މަޝްރޫޢު ކުރިއަށްދާނީ މި މާއްދާގެ ދަށުންކަމަށްވެއެވެ. 

ރައްޔިތުންގެ މަޖިލީހުން ޤާނޫނު އަސާސީއަށް މިއިޞްލާޙު ގެނައީ މިހާރު މިކަމާމެދު ފާޑުވިދާޅުވާ އިދިކޮޅު ބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ އިދިކޮޅު ޕާޓީތަކުގެ މެމްބަރުންވެސް ވޯޓުދެއްވައިގެންނެވެ. 

ޤާނޫނު އަސާސީގެ 302 ވަނަ މާއްދާގައި ބަޔާން ކުރައްވާފައި ވަނީ " ޝަރުޠު ފުރިހަމަވާ ޕްރޮޖެކްތަކާ ގުޅިގެން އެ ޕްރޮޖެކްޓް ހިންގާ ސަރަހައްދުގައި، ކޮންމެ މީހަކަށްވެސް، ދިވެހިސަރުކާރުން ޕްރޮޖެކްޓް ޙައްޤު ދޫކުރެވިދާނެއެވެ. އަދި އެގޮތުން ޕްރޮޖެކްޓް ޙައްޤު ދޫކުރެވުނު ކަމުގައި ވީނަމަވެސް އެޕްރޮޖެކްޓު ހިންގާ ސަރަޙައްދުގައި މިޤާނޫނު އަސާސީއާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބަރުތައް ފުރިހަމައަށް ހިންގޭނެއެވެ." 

ޤާނޫނު އަސާސީގެ ދަށުން ޝަރުޠު ފުރިހަމަވާ ޕްރޮޖެކްޓުތަކަކީ ކޮބައިކަމާއި، އޭގެ ހުރިހާ ތަފްސީލެއް ވެސް ޤާނޫނު އަސާސީގައި ލިޔެވިފައިވެއެވެ.

އެގޮތުން ޝަރުޠު ފުރިހަމަވާ ޕްރޮޖެކްޓެއްކަމަށް ބަލާނެކަންކަމުގެ ތެރޭގައި ޤާނޫނު އަސާސީގެ 304 ވަނަ މާއްދާގައި (ހ) ގައި ބަޔާންކޮށްފައިވަނީ، " ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެ ޕްރޮޖެކްޓަކަށް ޚާއްޞަ ޤާނޫނަކުން ހުއްދަކުރެވިގެންވާ ޕްރޮޖެކްޓަކަށްވުން؛" ކަމުގައެވެ.

ޤާނޫނު އަސާސީގެ މި މާއްދާގެ ދަށުން  ފާފުގެ މަޝްރޫޢަކީ މިފަދަ މަޝްރޫޢެއް ނަމަ އެކަމަށް ޚާއްޞަ ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާނައެވެ. އެޤާނޫނުގެބިލް މަޖިލީހަށް ހުށަހަޅުއްވާ ހިސާބުން މުޅި މަޝްރޫޢުގެ ހުރިހާ ތަފްސީލެއް ރާއްޖޭގެ އެންމެހާ ހައްޔިތުންނަށް ލިބޭނެއެވެ. އަދި އެއާމެދު ޚިޔާލުފާޅުކޮށް ބަޙުސްކުރެއްވުމުގެ ފުރުސަތު ވެސް އެރައްޔިތުންގެ މަންދޫބުންނަށް ލިބޭނެއެވެ. 

ޑރ.ޝައިނީ ވިދާޅުވިހެން ވަގުތު ޖެހުމުން ފާފަށް ވާގޮތް އެނގޭނެއެވެ.