ޓުއަރިޒަމް

އައިޓީބީގެ ފެއަރގެ ފުރަތަމަދުވަސްވެސް ކާމިޔާބު - އެމްއެމްޕީއާރުސީ


މިހާރު ޖަރުމަންވިލާތުގެ ބާލިންގައި ކުރިޔަށްދާ، އައި.ޓި.ބީ ބާރލިން ފެއަރގެ ފުރަތަމަ ދުވަސްވެސް ވަރަށް ކާމިޔާބު ކަމަށް އެމް.އެމް.ޕީ.އާރް.ސީން ބުނެފިއެވެ.

ޕީއެސްއެމަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި އެކުންފުނީގެ އެކްޓިންގެ މެނޭޖިންގް ޑިރެކްޓަރ ހާރިސް މުޙައްމަދު ވަނީ، އެހެން އަހަރުތަކާ ޚިލާފަށް ފެއަރ ހުޅުވި ފުރަތަމަދުވަހު އެކަނިވެސް ވަރަށް ގިނަ ބަޔަކު ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރި ކަން ފާހަގަކުރައްވާފައެވެ.

އައި.ޓި.ބީ ފެއަރ ހުޅުވީ އިއްޔެއެވެ. މިއަހަރުގެ ފެއަރގައި ރާއްޖޭގެ 88 ކުންފުންޏަކުން 260 މަންދޫބުން ރާއްޖެ ތަމްސީލްކުރަމުން އެބަދެއެވެ. އިއްޔެއާއި މިއަދު ބިޒްނަސްޑޭގެ ގޮތުގައި ކުރިޔަށްގެންދާއިރު، އިއްޔެވެސް ވަރަށް ގިނަ ބައްދަލުވުންތައް ބޭއްވުނެވެ. ޚާއްޞަ ގޮތެއްގައި، ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމާއި، އަދި ވަކިވަކި ރިސޯޓްތަކާއި، ކުންފުނިތަކުން އެ ތަންތަނުގެ އެގްރީމެންޓްތައް އާކުރުމާއި، ކްލަޔަންޓުންނާއި ވަކިވަކި ބިޒްނެސް މީޓިންގތައް ބޭއްވުން ހިމެނެއެވެ. ރާއްޖޭގެ ވަފްދުގެ އެންމެ އިސް ބޭފުޅަކީ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރުއެވެ. އެމް.އެމް.ޕީ.އާރް.ސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދުވެސް ގެންދަވަނީ ފެއަރގައި ރާއްޖެ އިޝްތިހާރުކުރުމުގެ ކަންކަން ވިލަރެސްކުރެއްވުމުގެ މުހިންމު ދައުރެއް އަދާކުރައްވަމުންނެވެ.

މިއަދުގެ ބައްދަލުވުމުގައި ވަނީ އައި.ޓީ.ބީ ފެއަރގައި ބައިވެރިވާ މަންދޫބުންނަށް ފެއަރއާބެހޭ މަޢުލޫމާތު ދެއްވާފައެވެ. އަދި ފެއާރއާބެހޭ މަޢުލޫމާތޫ ހޯދަން ބޭނުންވާ ޕާޓްނަރުންނަށް މަޢުލޫމާތުދިނުންވެސް މިބައްދަލުވުމުގައި ކުރިޔަށްދިޔައެވެ.

އެމް.އެމް.ޕީ.އާރް.ސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދު ވިދާޅުވީ، މިފަހަރުގެ ފެއަރއަކީ ރާއްޖެއިން އެންމެ ބޮޑު ކޮންޓިންޖެންޓެއް ބައިވެރިވާ ފެއަރކަމުން، މިފަހަރުގެ ފެއާރއާމެދު ވަރަށް ބޮޑު އުންމީދެއް ކުރެވޭކަމަށެވެ.