ތަރައްްޤީ

އައްޑޫ ސިޓީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ނަރުދަމާގެ މަސައްކަތް


އައްޑޫ ސިޓީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ނަރުދަމާގެ މަސައްކަތް ފެށުމުގެ ބޭނުންވާ ސާމާނު އެ ސިޓީއަށް ޖަމާކުރަން ފަށައިފިއެވެ.

އައްޑޫސިޓީގެ ހުރިހާ ރަށެއްގެ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުންވަނީ ކުންފުނިތަކާ ޙަވާލު ކުރައްވާފައެވެ. މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު އައްޑޫސިޓީގެ ހުރިހާ ރަށެއްގެ ނަރުދަމާ ނިޒާމް ޤާއިމްކުރެއްވުމުގެ މަސައްކަތް ސަރުކާރުން ކުންފުނިތަކާ ޙަވާލުކުރައްވާފައެވެ.

މަރަދު މަރަދޫފޭދޫ އަދި ފޭދޫގެ ނަރުދަމާ ނިޒާމް ޤާއިމް ކުރެއްވުމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކުރައްވާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ޢަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ފަށާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. މަސައްކަތަށް ބޭނުންވާ ސާމާނުތައް މިހާރު ސައިޓަށް ޖަމަކުރަމުންދާކަމަށް އެކުންފުނިން ބުނެއެވެ. މި މަޝްރޫއުގެ ދަށުން 38 ކިލޯމީޓަރުގެ ދިގުމިނުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށް، 3387 ޓަނުގެ ސުވެރޭޖް ޓްރީޓްމަންޓް ޕްލާންޓެއްވެސް ބަހައްޓާނެއެވެ.

އޮޕެކް ފަންޑް ފޯރ ޑިވެލޮޕްމެންޓް، އޮފިޑްގެ ލޯން އެހީއާ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކުރައްވާ މި މަޝްރޫއުގެ އަގު ގާތްގަނޑަކަށް 130 މިލިއަން ރުފިޔާއަށް އަރައެވެ. މިއީ 15 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އެކުންފުންޏާ ޙަވާލުކުރައްވާފައިވާ މަޝްރޫއެކެވެ.

އައްޑޫ ސިޓީ ހިތަދޫގެ ނަރުދަމާގެ މަސައްކަތް ސަރުކާރުން ޙަވާލު ކުރައްވާފައިވަނީ، އެމް.ޑަބްލިޔު.އެސް.ސީއާއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ޙަވާލުކުރެއްވި މި މަސައްކަތް 15 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅުއްވާފައެވެ. 109 މިލިއަން ރުފިޔާ މި މަޝްރޫއަށް ޚަރަދުކުރައްވަނީ ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުންނެވެ.

މީދޫ އަދި ހުޅުމީދޫގެ ނަރުދަމާ ނިޒާމް ޤާއިމްކުރެއްވުމުގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ، ލަންކާގެ ސިއެރާ ކުންފުންޏާއެވެ. އެކުންފުންޏާ މި މަޝްރޫއު ޙަވާލުކުރައްވާފައިވަނީ، މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މި މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެކުންފުނިން ނިންމަންޖެހެއެވެ. އޮޕެކް ފަންޑް ފޯރ ޑިވެލޮޕްމެންޓް، އޮފިޑްގެ ލޯން އެހީއާ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކުރައްވާ މި މަޝްރޫއުގެ އަގު ގާތްގަނޑަކަށް 113 މިލިއަން ރުފިޔާއަށް އަރައެވެ.

މަޝްރޫއުގެ ދަށުން 31.2 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ގާއިމްކޮށް، 1885 ޓަނުގެ ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް ބަހައްޓާނެއެވެ. މިއާއެކު އަންނަ އަހަރުގެ މެދުތެރޭގައި އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ނަރުދަމާ ނިޒާމް ޤާއިމްކޮށް ނިމޭނެއެވެ. ސަރުކާރުގެ އަމާޒަކީ، 2018 ވަނަ އަހަރު ނިމެންވާއިރަށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އާބާދީގެ ބޮޑު ބަޔަކަށް ފޯރުކޮށްދެއްވުމެވެ.