ތަރައްްޤީ

މިއަހަރުގެ ނިޔަލަށް ބަނދަރު ހެދުމުގެ މަޝްރޫޢުތައް ނިންމަނީ


ސަރުކާރުން އެމްޓީސީސީއާ ޙަވާލުކުރައްވައިގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްގެންދަވާ ބަނދަރު ހެއްދެވުމުގެ މަޝްރޫޢުތައް މިއަހަރުގެ ނިޔަލަށް ނިންމަވާނެކަމަށް އެކުންފުނިން ހާމަކޮށްފިއެވެ. 32 ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުންނެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށް އިސްކަމެއް ދެއްވައިގެން ސަރުކާރުން މަސައްކަތް ފަށްޓަވާފައިވަނީ، 2014 ވަނަ އަހަރުގައެވެ. މި މަސައްކަތުގެ ދަށުން ފާއިތުވި ތިން އަހަރުގެތެރޭގައި ސާޅީހަށްވުރެގިނަ ރަށުގެ ބަނދަރުގެ މަސައްކަތް ނިންމަވާފައިވެއެވެ.

img:http://s3.psmnews.mv/images/660x400/14918331631623.jpg|ރާއްޖޭގެ ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ-

ބަނދަރު ހެއްދެވުމަށް ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫޢުތަކު ތެރެއިން ބޮޑު އިއްސައްތައެއް ކުރިއަށް ގެންދިޔުމަށް ހަވާލުކުރައްވާފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިނގ ކޮމްޕެނީ އެމްޓީސީސީއާއެވެ.

ބަނދަރު ހެއްދެވުމުގެ 37 މަޝްރޫޢު ކުރިއަށްގެންދިއުމަށް އެމްޓީސީސީއާ މިހާރުވެސް ސަރުކާރުން ވަނީ ހަވާލުކުރައްވާފައެވެ. މި މަޝްރޫޢުތަކުގެ ތެރެއިން 32 ރަށެއްގައި ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ. އަދި ބާކީ ހުރި 5 ރަށުގެ މަސައްކަތުގެ ޑިޒައިންތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ވީހާވެސް އަވަހަކަށް ފަށާނެކަމަށް އެކުންފުނިން ބުނެއެވެ.

img:http://s4.psmnews.mv/images/660x400/14918331795920.jpg|ރާއްޖޭގެ ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ-

އެ ކުންފުނީގެ އަމާޒަކީ، މި ހުރިހާ މަޝްރޫއެއްވެސް މި އަހަރުގެ ނިޔަލަށް ނިންމުމެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އެރަށަކަށް އެކަށީގެންވާ ބަނދަރެއް ހައްދަވައި، ލަފާފުރުމުގެ ދަތިކަން ހައްލު ކުރެއްވުމުގެ ގޮތުން މިހާރު ބަނދަރު ނުހަދާ ހުރި ރަށްރަށުގެ މަސައްކަތްވެސް މި އަހަރު ނިމުމުގެ ކުރިން ފަށްޓަވާނެ ކަމަށް ހައުސިންގ މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިއަހަރަށް ލަފާކުރައްވާ ދައުލަތުން ހުށަހެޅުއްވި ބަޖެޓުގައިވެސް، ބަނދަރު ހެއްދެވުމުގެ 70 މަޝްރޫއެއް ކުރިއަށްގެންދެވުމަށް ކަނޑައަޅުއްވާފައިވެއެވެ. ސަރުކާރުގެ އަމާޒަކީ 2018 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ރަށަކަށް އެކަށީގެންވާ ބަނދަރެއް ހެއްދެވުމެވެ.