ޚަބަރު

ހުޅުމާލޭގައި ފްލެޓް އަޅަން 4 ކުންފުންޏަކާ ހަވާލުކޮށްފި


ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްޤީކުރަމުންދާ ސަރަހައްދުގައި އެއްމެދު ޢިމާރާތުގެ ގޮތުގައި ޢިމާރާތްތަކެއް ތަރައްޤީކުރުމަށް އަމިއްލަ ހަތަރު ކުންފުންޏަކާ އެޗްޑީސީން ހަވާލުކޮށްފިއެވެ.

އެއްމެދު އިމާރާތް ތަރައްޤީ ކުރުމަށް ހަވާލުކޮށްފައިވާ ހަތަރު ކުންފުންޏަކީ، އިނޮކާ ޕްރައިވެޓް ލިމިޓެޑާއި، އެސޯސިއޭޓެޑް ބިޒްނަސް އެޖެންޓްސް މޯލްޑިވްސްއާއި، ޖަވާހިރު އިލެވެން ޕްރައިވެޓް ލިމިޓެޑާއި، ގަލިއޮން ޕްރައިވެޓް ލިމިޓެޑްއެވެ.

ފުރަތަމަ ފިޔަވަހީގެ ނެއިބަހުޑް އެކެއްގައި ރޯ ހައުސް ހަދާފައިވާ ސަރަހައްދު ކައިރީގައި ތަރައްޤީކުރާ މި ފްލެޓުތައް 2018 ވަނަ އަހަރުގެތެރޭގައި ނިމޭނެކަމަށް އެޗްޑީސީން ބުނެއެވެ. އެއްމެދު އިމާރާތް ތަރައްޤީ ކުރުމަށް ދޫކޮށްފައިވަނީ، ދެހާސް ހަސަތޭކަ އާއި ދެހާސް ހަތްސަތޭކަ އަކަފޫޓްގެ ބިންތަކެކެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ފްލެޓް އެޅުމަށް އަމިއްލަ ހަތް ކުންފުންޏަކާ ހަވާލުކުރުމަށް ނިންމާފައިވާއިރު، ބާކީ ހުރި ފަރާތްތަކާއެކު ވަރަށް އަވަހަށް އެއްބަސްވުންތަކުގައި ސޮއި ކުރާނެ ކަމަށް އެޗްޑީސީން ބުނެއެވެ. ހުޅުމާލޭގެ 7 ބިމެއްގައި އެއްމެދު ޢިމާރާތް ތަރައްޤީކޮށް ވިއްކުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެތެރޭގައެވެ.

އެޗްޑީސީން ކޮށްފައިވާ ޢިއުލާނުގައި ބުނެފައިވަނީ، މިބިންތަކުގައި ޢިމާރާތްކުރާތަން ތަރައްޤީކުރާނީ މެދު ފަންތީގެ ޢާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެންކަމަށެވެ. އެގޮތުން ހަވާލުކުރާ ބިމުގައި ޢިމާރާތްކުރާ ޖާގައިގެތެރެއިން އެޕާރޓްމަންޓްތައް ތަރައްޤީކުރުމަށް ކަނޑައަޅާ ޖުމްލަ ބޮޑުމިނުގެ 60 އިންސައްތަ ތަރައްޤީކުރަންޖެހޭނީ މެދުފަންތީގެ ޢާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެންކަމަށް އެޗްޑީސީން ބުނެއެވެ. އަދި ޖުމްލަ ބޮޑުމިނުގެ 40 އިންސައްތައަށްވާ ބައިގައި މެދު ފަންތީގެ އެޕާރޓްމަންޓްތަކަށްވުރެ ފެންވަރު ދަށްނުވާގޮތަށް ތަރައްޤީކުރުމުގެ އިޚްތިޔާރު ލިބިގެންވާކަމަށްވެސް ބުނެފައިވެއެވެ.

އެޕާރޓްމަންޓްތައް ތަރައްޤީކުރުމަށްފަހު ވިއްކޭނެ އެންމެ މަތީ އަގަކީ ބީލަމުގައި ހުށަހަޅާފައިވާ އަގުކަމަށް އެޗްޑީސީން ވަނީ ކަނޑައަޅާފައެވެ. ތަފްސީލް ކުރެހުންތައް ފާސްކުރާ ތާރީޚުން ފެށިގެން 2 އަހަރުދުވަހުގެ ތެރޭގައި އެޕާރޓްމަންޓްތައް ތަރައްޤީކޮށް ނިންމަންޖެހޭގޮތަށް ކަނޑައަޅާފައިވާ މިމަޝްރޫޢުއަށް ބޭނުންވާ ހުރިހާ ޚަރަދެއް ކުރަންޖެހޭނީ ބިން ތަރައްޤީކުރުމަށް ހަވާލުވާ ފަރާތުންނެވެ.