ތަރައްްޤީ

"ނޮން ރެޖިސްޓަރޭޝަން، ނޮން ކޮމްޕްލަޔަންސް ޖޫރިމަނާ މަޢާފްކުރަނީ"


ނޮން ރެޖިސްޓަރޭޝަން އާއި ނޮން ކޮމްޕްލަޔަންސް ޖޫރިމަނާ ވެސް މާފުކޮށްދޭގޮތަށް މީރާއިން ހަމަޖައްސައިފިއެވެ. 

ކުދި ވިޔަފާރިތަކުގެ ޓެކުހާގުޅޭ ޖޫރިމަނާ މާފުކޮށްދިނުމަށް މީރާއިން ކުރިއަށްގެންދާ ޚާއްސަ ކެމްޕޭންގެ ދަށުން، ޓެކްސް ބަޔާން ހުށަހެޅުމާއި ޓެކްސް ދެއްކުމާ ގުޅޭ ޖޫރިމަނާގެ އިތުރުން، ނޮން ރެޖިސްޓަރޭޝަން އާއި ނޮން ކޮމްޕްލަޔަންސްއާ ގުޅިގެން އަރާފައިވާ ޖޫރިމަނާ ވެސް މާފުކޮށްދޭ ގޮތަށް ހަމަޖައްސައިފިކަމުގައި މީރާއިން ވަނީ ހާމަކޮށްފައެވެ. 

މިއީ 10 މިލިއަނަށްވުރެ މަދުން އަހަރެއްގެ ތެރޭގައި އާމްދަނީ ލިބޭ ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކުހާ ގުޅޭ ހުރިހާ ޖޫރިމަނާ މާފުކޮށްދިނުމާ ގުޅޭގޮތުން މީރާއިން މިއަހަރުގެ އެޕްރީލްމަހުގެ 13 ވަނަދުވަހު އާއްމުކުރި އުސޫލުގެ ދަށުން އިތުރަށް ދީފައިވާ ލުޔެކެވެ. 

މި އުސޫލުގެ ދަށުން މާފުކޮށްދެނީ  ބީ.ޕީ.ޓީ އަދި ޖީ.އެސް.ޓީއާ ގުޅޭގޮތުން، 31 މާރިޗު 2017ގެ ނިޔަލަށް އަދާކުރަންޖެހިފައިވާ އެންމެހާ އިލްތިޒާމުތަކާ ގުޅޭ ޖޫރިމަނާތަކެވެ. އަދި މި ޖޫރިމަނާ މާފުކޮށްދިނުމަށް ހަމަޖެހިފައިވަނީ 30 ޖޫން 2017ގެ ކުރިން އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށެވެ. އެހެންކަމުން ކުދި ވިޔަފާރިތަކުން މީރާ 910 ފޯމު މެދުވެރިކޮށް މިކަމަށް އެދި ހުށަހަޅަމުން ގެންދިއުމަށް މީރާއިން އިލްތިމާސްކުރައްވައެވެ.