ޚަބަރު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ތަރައްޤީގެ މަޝްރޫޢު


ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްޤީ ކުރެއްވުމަށް ސަރުކާރު ހިންގަވަން ނިންމަވާފައިވާ މަޝްރޫޢާއެކު، ޢާންމު ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ނިމުމެއް އަންނާނެކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އިބްރާހީމް ވަޙީދު ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ހޮސްޕިޓަލަކީ އުތުރުގެ 3 އަތޮޅުގެ ރައްޔިތުން ޚިދުމަތް ހޯދަމުންގެންދާ ހޮސްޕިޓަލެކެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް 3 ވަނަ ދަރަޖައިގެ ޞިއްޚީ ޙިދުމަތްދޭ ހޮސްޕިޓަލަކަށް ނުވަތަ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ. މިކަން ޙާޞިލްކުރެއްވުމަށްޓަކައި އިންޑިޔާގައި މަތީފެންވަރެއްގައި ޞިއްޚީ ހިދުމަތް ދޭ އިންސްޓިޓިއުޓެއް ކަމަށްވާ ނިމްސްއާއެކު އެއްބަސްވުމަށް އައުމަށް ކުރައްވާ މަސައްކަތް މިހާރު ވަނީ އެންމެ ފަހުގެ މަރުޙަލާގައި ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވެފައިވެއެވެ. އެގޮތުން މި މަހުގެ ނިޔަލަށް ނިމްސް ހޮސްޕިޓަލުގެ ފަރާތުން ކުޅުދުއްފުށީ ހޮސްޕިޓަލާ ޙަވާލުވެ މަސައްކަތް ފަށާނެކަމުގެ ޔަޤީންކަން ކުޅުދުއްފުށީ ރައްޔިތުންނަށް މިނިސްޓަރ ވަނީ ދެއްވާފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ ހެލްތު ސަރވިސް އިބްރާހީމް ވަޙީދު ވިދާޅުވީ އެ ހޮސްޕިޓަލުގެ މައްސަލަތައް ލަހެއް ނުވެ ހައްލުކުރެވިގެން ދާނެކަމަށެވެ.

ދެވަނަ ދަރަޖައިގެ ޞިއްޚީ ޙިދުމަތް ދޭ ހޮސްޕިޓަލެއްގެ ގޮތުގައި، މިހާރުވެސް ކުޅުދުއްފުށީ ހޮސްޕިޓަލުން 12 ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޙިދުމަތާއި ޑައިގްނޯސްޓިކް ޚިދުމަތްތަކާއި އަލްޑްރާސައުންޑާއި ރޭޑިއޮލޮޖިސްޓުންގެ ޚިދުމަތް ދެމުންގެންދަވައެވެ. 1982 ވަނަ އަހަރު 1 ޑޮކްޓަރާއި 2 ވޯޑާއި 6 ނަރުހުންގެ ޚިދުމަތާއެކު ސަރުކާރުން ކުޅުދުއްފުށީގައި ދެއްވަން ފެއްޓެވި ސިއްޚީ ޚިދުމަތް އެކި ދުވަސްވަރުގެ މަތިން ތަރައްޤީ ކުރައްވާފައިވެއެވެ. އެގޮތުން މިހާރު އެ ހޮސްޕިޓަލަކީ 50 އެދުގެ ހޮސްޕިޓަލެކެވެ. އަދި ނިމްސް ހޮސްޕިޓަލުން ކުރިއަގެންދިއުމަށް ތައްޔާރުވެފައިވާ ތަރައްޤީގެ މަޝްރޫޢާއެކު ސަރަޙައްދީ ފެންވަރެއްގައި ފާހަގަކުރެވޭފަދަ ޒަމާނީ ޞިއްޚީ ޙިދުމަތްދޭ ހޮސްޕިޓަލަކަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ވެގެންދާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.