ޚަބަރު

އެއަރޕޯޓްގެ ސަލާމަތީ ކަންކަން ހިނގަމުންދާގޮތް ބައްލަވާލައްވައިފި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންދާގޮތް، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރު މިއަދު ބައްލަވާލައްވައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯރޓަކީ ދިވެހި ރާއްޖެއާއި ބޭރު ދުނިޔެއާއި ގުޅުވައިދޭ މައި ދޮރާށި ކަމަށްވުމާއެކު، ރާއްޖެއިން ބޭރަށް ފުރާމީހުންނާއި ރާއްޖެއަށް އަންނަ މީހުންނާއި އަދި މުދަލުގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެންމެ ފުރިހަމަގޮތުގައި އަޅާފައިވޭތޯއާއި، ޢަމަލީގޮތުން އެކަންކަން ކުރަމުންދާގޮތް ޑިފެންސް މިނިސްޓަރ ބައްލަވާލެއްވިއެވެ. އެގޮތުން ފަތުރުވެރީންނާއި އެއަރޕޯރޓްގައި މަސައްކަތްކުރާ މުވައްޒަފުން ސްކްރީން ކުރަމުންދާގޮތާއި ދަތުރުވެރީންގެ ލަގެޖާއި އެމީހުން ގެންގުޅޭ އެކިކަހަލަ އިލެކްޓްރޯނިކް ގެޖެޓްތައް ބަލާ ފާސްކުރާގޮތްވެސް ޑިފެންސް މިނިސްޓަރ ބައްލަވާލެއްވިއެވެ.

މީގެ އިތުރުން ގާޑް ޕޯސްޓްތަކާއި ޗެކް ޕޮއިންޓްތަކާއި ވައިގެމަގުން ރާއްޖެއަށް އެތެރެ ކުރާ މުދަލާއި ބޭރުކުރާ މުދާ ސްކްރީން ކުރަމުންދާގޮތް ވެސް ޑިފެންސް މިނިސްޓަރ ބައްލަވާލެއްވިއެވެ. އެއަރޕޯރޓްގެ ސެކިއުރިޓީ ކަންކަން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅުއްވާނެކަމަށް މިއަދު އެއަރޕޯޓަށް ވަޑައިގަތުމަށްފަހު ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.