ތަޢުލީމު

ކޯޑިންގ ދަސްކޮށްދިނުމަށް ޚާއްޞަ ލެބެއް ހުޅުވައިފި


ކޯޑިންގެ މަސައްކަތްތައް ދަސްކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން ކޯޑިން ލެބެއް މަޖީދިއްޔާ ސްކޫލްގައި ހުޅުވައިފިއެވެ.

މި ލެބް ހުޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމެވެ.

އަންނަ ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ ކޯޑިން ޕްރޮގްރާމަކީ ބޭރުގެ ބައެއް ފަރާތްތަކާ ގުޅިގެން  ހިންގާ އޮންލައިން ކޯސްތަކެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި ކޯސްތަކުގައި ފަނަރަ އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވެވޭނެކަމަށެވެ.

އެޑިއުކޭޝަންގެ އުފާ ޕްރޮގްރާމްގެ ދަށުން ހިންގާ މި ޕްރޮގްރާމްގެ މަޢުލޫމާތު ދެއްވަމުން އުފާ ޕްރޮގްރާމްގެ މެމްބަރ ފާތިމަތު ސޯފިއާ ރަޝީދު ވިދާޅުވީ ކޯޑިން ކޯހަށް މިހާރުވެސް ރަޖިސްޓްރީ ކުރެވެނެކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުން މިހާރުވެސް ކޯހުގައި ބައިވެރިވާ ކުދިން ލިބިފައިވާކަމަށެވެ. ސޯފިއާ ވިދާޅުވީ ކޯހަށް ފީދެއްކުމަށް ހަމަޖެހިފައިވަނީ ހަޔަރ އެޑިއުކޭޝަން ލޯން ސްކީމްގެ ދަށުންކަމަށެވެ.

ސޮފްޓްވެއަރ އުފެއްދުމާއި ކޯޑުކުރަން 1000 ދަރިވަރުން ތަމްރީން ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާއިރު، މި ލެބްގެ ޒަރިއްޔާއިން ޕްރޮގްރާމް ކުރިއަށް ގެންދަން ފަސޭހަވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން އަންނަ އަހަރުން ފެށިގެން ސްކޫލްތަކުގައި ކޯޑިން ކްލަބްތައް އުފެއްދުމަށް ހަމަޖެހިފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މަޖީދިއްޔާ ސްކޫލްގައި ހުޅުވި ކޯޑިން ލެބްގެ ޒަރިއްޔާއިން ކޯޑިން ކޯސް އޮންލައިންކޮށް ކިޔަވާ ކުދިންނަށް އިތުރު  އެހީފޯރުކޮށް ދިނުމަށްވަނީ ނިންމާފައެވެ. މީގެ އިތުރުން ކޯޑިންގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން މަސައްކަތު ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.