ފަށާ ތަޢުލީމް ހިލޭ ފޯރުކޮށްދިނުމަކީ ތަޢުލީމީ ދާއިރާ ހަރުދަނާކޮށް ފުޅާކުރުމުގައި ދިވެހިރާއްޖެއިން ހޯދި ބޮޑު ކާމިޔާބީއެއްކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ޕެރިހުގައި މިހާރު ކުރިއަށްދާ ޔުނެސްކޯގެ 39 ވަނަ ޖެނަރަލް ކޮންފަރެންސްގައި ތަޤްރީރް ކުރައްވަމުންނެވެ.
ޔުނެސްކޯގެ ތިރީސް ނުވަވަނަ ޖެނަރަލް ކޮންފަރެންސްގައި ތަޤްރީރް ކުރައްވަމަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަކީ ކުރިމަގަށް ކުރަމުންދާ މުހިއްމު މަސައްކަތެއްކަމަށެވެ. އެގޮތުން މިނިސްޓަރ ވަނީ ރާއްޖޭގެ ލިޔަންކިޔަން ދަންނަ މީހުންގެ އަދަދު %98.4އަށް އަރާފާއިވާކަން ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ފަށާ ތަޢުލީމަކީ ހިލޭ ފޯރުކޮށްދޭ ތަޢުލީމަކަށް ވެގެންދިޔުމުގެ ސަބަބުން ތުއްތު އުމުރުގައި ސްކޫލަށް ވައްދާ ކުދިންގެ އަދަދުވަނީ މިދިޔަ އަހަރުގެ ނިޔަލަށް %99.6 އަށް އަރާފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ދެޖިންސުގެ ދަރިވަރުންގެ މެދުގައި ތަފާތުކުރުމެއްނެތި ހަމަހަމަކަމާއިއެކު ތަޢުލީމް ފޯރުކޮށްދިނުމަކީ ކާމިޔާބީއެއްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރގެ ތަޤްރީރުގައި، ތަޢުލީމް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ މުދައްރިސުންނާ، ކަމާ ގުޅޭ ފަރާތްތަކަކީ ޤާބިލް ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަތަކެއް ކުރައްވަމުންދާ ކަން ފާހަގަކުރެއްވިއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން 5 މާއްދާއިން ފާސްވާ ދަރިވަރުންގެ އިންސައްތަ 2009 ވަނަ އަހަރު %27 ގައި ހުރި ނަމަވެސް އެއަދަދު މިހާރު %70އަށް މަތިވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ތައުލީމީ ސިޔާސަތުތައް އެކުލަވައިލުމުގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްވާނެ ގޮތްތަކަށް ބަލައިގެން ސިޔާސަތުތައް އެކުލަވާލައިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތާއި، ކިޔެވުމުގެ މާހައުލުން ދަރިވަރުންނަށް ދިރިއުޅުމުގައި ހުނަރުތައް ދަސްކޮށްދިނުން ހިމެނޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރގެ ތަޤްރީރްގައި ތިމާވެށީގެ ގޮތުން ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކުން ރާއްޖެ އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ދުނިޔޭގައި ފާހަގަކޮށްލެވޭ ބަޔޮސް ފިއަރ ރިސާރވް ލިސްޓްގަ ފުރަތަމަ ފަހަރަށް ރާއްޖޭ ހިމެނިފައިވާކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ރާއްޖޭ ފަދަ ކުދި ޖަޒިރާ ޤައުމެއްގައި ޔުނެސްކޯއިން ޒުވާނުން ބާރުވެރިކުރުމަށް ކުރަމުންގެންދާ މަސައްކަތް ފާހަގަކުރެއްވިއެވެ. ފްރާންސްގެ ޕެރިހުގައި ކުރިއަށްދާ ޔުނެސްކޯގެ 39 ވަނަ ޖެނެރަލް ކޮންފަރެންސްގައި ޔުނެސްކޯގެ 195 މެމްބަރު ޤައުމު ތަމްސީލްކުރައްވާ އިސްބޭފުޅުންނާއި ޖަމްޢިއްޔާ ޖަމާޢާތްތަކުން ބައިވެރިވެ، ތަޢުލީމާއި ސައިންސާއިން ޓެކްނޮލޮޖީގެ ދާއިރާތަކުން މަޝްވަރާކުރާނެއެވެ. އަދި މިބައްދަލުވުމުގެ ހަވާސާގައި މިދާއިރާތަކުގެ ބޭފުޅުން ބައްދަލުކޮށް ދައިރާތަލާއި ގުޅުންހުރި މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ.