ތަޢުލީމު

4ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސަށް ބޮޑު ތަރުޙީބެއް!


މިއަހަރުގެ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސަށް ބޮޑު ތަރުޙީބެއް ލިބިފައިވާކަމަށް ނެޝަނަލް އިންސްޓިއުޓް އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޤައުމުތަކުން ދުއިސައްތައަށްވުރެ ގިނަ ޓީޗަރުން ބައިވެރި ވެފައިވެއެވެ. އަތޮޅުތަކުގެ ސްކޫލްތަކުން ފަންސާސް ނުވަ ސްކޫލަކުން މި ކޮންޕްރެންސްގައި ބައިވެރިވެފައިވާކަމަށް އެންއައިއީ އިން ބުނެއެވެ. ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސްގެ ފުރަތަމަ ދުވަހުގެ ސެޝަންތައް ކުރިއަށް ދިޔަގޮތުގެ މަޢުލޫމާތުތައް ހިއްސާކުރައްވަމުން ކޮންފަރެންސްގެ ކޯ ޗެއަރ ޑރ.އަޙްމަދު ރިޔާޒް ވިދާޅުވީ، މުޅި ކޮންފަރެންސްގައި ހަބަޔަކަށް ބަހާލައިގެން މަސައްކަތު ބައްދަލުވުންތަކެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ. އޭގެ ތެރެއިން މިއަދު ބޭއްވި ތިން މަސައްކަތު ބައްދަލުވުން ތަކަށް ވެސް ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާކަމަށެވެ. މި ކޮންފެރަންސްގައި ދިރާސީ ކަރުދާސްތައް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އިނގިރޭސި ބަހުގެ އިތުރުން ދިވެހިބަހުން ކަރުދާސް ހުށައަޅާނެކަމަށްވެސް ޑރ އަޙްމަދު ރިޔާޒް ވިދާޅުވިއެވެ.

"އުނގަންނައި ދިނުމުގެ  މިޒަމާނުގެ އެންމެ މުހިއްމު ވައްޓަފާޅިއަށް ކިޔަވާދިނުމާ ބެހޭގޮތުން  ވޯރކްޝޮޕެއް ކުރިއަށް ގެންދިޔައެވެ. ކުދިންގެ މެދުގައި  އީޖާބީ ވިސްނުން އަށަގަތުމަށްޓަކައި ކޮންކަހަލަ ކަންތައްތަކެއްތޯ އަޅުގަނޑުމެން މުދައްރިސުންނަށް ކުރެވޭނެ ކަންތައްތަކާމެދު މަޝްވަރާކުރެވިގެންދިޔައެވެ. އަދި ދިރާސާ ކުރުމުގެ ރޫޙާއި ޝައިޢު ކުރުމާއި ބެހޭގޮތުންވެސް ވޯކްޝޮޕްއެއް ކުރިއަށް ގެންދިޔައެވެ." ޑރ.އަޙްމަދު ރިޔާޒް ވިދާޅުވިއެވެ. 

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން  އެޑިއުކޭޝަން ޑިވެލޮޕްމެންޓް އޮފިސަރ  އަދި ކޮންފަރެންސްގެ ޗީފް ކޯޑިނޭޓަރ ޢާނިޔަތު ޢަލީ ވިދާޅުވީ  އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ކޮންފަރެންސްގައި ވަރޗުއަލްކޮށްވެސް ޕްރެޒެންޓޭޝަންތައް ހުށައެޅަމުން ގެންދާކަމަށެވެ.

"ތަފާތު ސަރަޙައްދުތަކުން  ބައެއް ބޭފުޅުން ދަތުރު ނުކުރެވުމާ ގުޅިގެން ވަރޗުއަލީ އެބޭފުޅުން އަޅުގަނޑުމެންގެ ޓީޗަރުންނަށް ސެޝަންތަކެއް ކުރިއަށް ގެންދިޔައެވެ. ވަރަށް ތަފާތު ތަޖުރިބާތަކެއް، ކުރިއާ އަޅާބަލާއިރު ކުރުމުއްދަތަކަށް ފުރުސަތު ހުޅުވާލުމުންވެސް  މިފަހަރު ރިކުއެސްޓް ލިބުނު އަދަދު  ގިނައެވެ." އެޑިއުކޭޝަން ޑިވެލޮޕްމެންޓް އޮފިސަރ  އަދި ކޮންފަރެނސްގެ ޗީފް ކޯޑިނޭޓަރ  ޢާނިޔަތު ޢަލީ ވިދާޅުވިއެވެ. 

ހަތަރުވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގެ މާދާމާ ސެޝަންތައް ޚާއްސަކޮށްފައިވަނީ ސްކޫލްތަކުގެ ޕްރިންސްޕަލުންނަށެވެ. މި ކޮންފަރެންސަކީ، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ކޮންމެ ދެ އަހަރުން އެއްއަހަރު ތަޢުލީމީ ދާއިރާގެ، އުނގަންނައިދިނުމުގެ ކަންކަމަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.