ތިމާވެށި

މޫސުމީ މައްސަލަތައް ޙައްލުކުރަން އިތުރަށް މަސައްކަތްކުރަންޖެހޭ!


ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށް ކުޑަކުރަން އުއްމީދުކުރާނަމަ މޫސުމީ މައްސަލަތައް ޙައްލުކުރުމަށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި އަދި ހަލުވި މިނެއްގައި މަސައްކަތް ކުރަންޖެހޭކަމަށް އެންވަރަންމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މިހެން ވިދާޅުވީ ޖަރުމަނުގައި ބޭއްވި، މޫސުމަށް އަންނަ ބަދަލުތަކުގެ މުއާހަދާގެ ބައިވެރިންގެ 23 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 23)ގެ އިސްވެރިންގެ ބައްދަލުވުން ގައި ކުދި ޖަޒީރާ ޤައުމުތަކުގެ ފަރާތުން ތަޤްރީރު ކުރައްވަމުންނެވެ.  

އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) ގެ މިދައުރުގެ ޗެއަރމަންގެ ހައިސިއްޔަތުން ވާހަކަ ފުޅުދައްކަވަމުން، މިބައްދަލުވުން ކުރިޔަށްދާއިރު، ކެރީބިއަން ސަރަޙައްދުގެ އެތައް ޤައުމަކަށް ކުރިމަތިލާންޖެހުނު ގެއްލުންބޮޑު ތޫފާންތަކާއި، ކެލިފޯރނިއާއަށް ކުރިމަތިވި ނުރައްކާތެރި އަލިފާނުގެ ހާދިސާތަކާއި، ދެކުނު އެޝިޔާގެ ޤައުމުތަކަށް ދާދިފަހުން ދިމާވި ބޮޑެތި ފެންބޮޑުވުމުގެ ހާދިސާތަކާއި އަދި އެފްރިކާގެ ޤައުމުތަކަށް ކުރިމަތިލާންޖެހިފައިވާ ހަނަފަސްކަމަކީ، މޫސުމަށް އަންނަ ބަދަލުތަކާއި ކުރިމަތިލާން ނުޖެހޭ ތަނެއް ނުވަތަ ބައްރެއްވެސް މިހާރު ނެތްކަމުގެ ޙަޤީޤަތެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޖައްވުގައި ހުރި ކާރބަންޑައިއޮކްސައިޑް ގެ މިންވަރު މިހާރު 403 ޕީ.ޕީ.އެމް އަށްވުރެ މަތިވެފައިވާ ކަމަށް ސައިންސްވެރިން ހާމަކުރާ ކަމަށާއި، މިއީ ވޭތުވެދިޔަ އެތައް މިލިޔަން އަހަރަކުވެސް މަތިނުވާ މިންވަރެއްކަމަށާއި، ވުމާއެކު ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް މިހާރަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ މުޢާހަދާގެ ތާރީޚްގައި މިއީ ފުރަތަމަ ފަހަރަށް ކުދިޖަޒީރާ ޤައުމަކުން މިމުޢާހަދާގެ ރިޔާސަތު ބަލަހައްޓާ ދައުރުކަމަށްވެފައި މިކަމުގައި ފިޖީ ގެ ފަރާތުން ކުރާ މަސައްކަތް ކާމިޔާބު ވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަށް އެބައޮތްކަމަށްވެސް އެ މަނިކުފާނުގެ ވަނީ ވިދާޅުވެފައެވެ.