ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަނުން ބައިނަލްއަޤްވާމީ 2 ފެއަރއެއްގައި ބައިވެރިވެއްޖެއެވެ. އެ ކޯފަރޭޝަނުން ބައިވެރިވެފައިވަނީ ސްޕެއިން އަދި އިންޑިއާގައި އޮންނަ ފެއަރއެއްގައެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބައިނަލްއަޤްވާމީ މާކެޓްތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މިއަހަރުގެ ތެރޭގައި ބައިވެރިވާ ފުރަތަމަ 2 ފެއަރގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެ ކޯޕަރޭޝަނުން މިއަހަރު ފުރަތަމަ ބައިވެރިވެފައިވަނީ ސްޕެއިންގެ މެޑްރިޑްގައި މިހާރު ކުރިއަށްދާ ފިތޫރު ފެއަރގައެވެ. މި ފެއަރ ކުރިއަށްދާނީ މިމަހުގެ 17 އިން 21 އަށެވެ. އެމްއެމްޕީއާރުސީއާއި އެކު ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ 22 ކުންފުންޏަކުން 38 ފަރާތެއް މި ފެއަރގައި ބައިވެރިވިއެވެ. އެމްއެމްޕީއާރުސީގެ ފަރާތުން މި ފެއަރގައި އިސްކޮށް ހަރަކާތްތެރިވަނީ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދެވެ.
އެމްއެމްޕީއާރުސީން ބުނީ ފިތޫރު ފެއަރގައި ރާއްޖެ އިޝްތިހާރުކުރަމުންދަނީ "ސަނީ ސައިޑް އޮފް ލައިފް" މި ތީމްގެ ދަށުންކަމަށެވެ. ފެއަރގެ ތެރެއިން ރާއްޖޭގެ ޤުދުރަތީ ރީތިކަން ވަރަށް ބޮޑަށް އިޝްތިހާރުކުރާނެކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ފެއަރގެ ފުރަތަމަ 3 ދުވަސް ޙާއްސަކޮށްފައިވަނީ ފަތުުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކަށެވެ. އަދި ފަހު 2 ދުވަސް އާންމުންނަށް ހުޅުވާލާނެއެވެ. މިއީ ފިތޫރު ފެއަރ ޖެހިޖެހިގެން ބާއްވާ 38 ވަނަ އަހަރެވެ. މިއަހަރު 22 ޤައުމަކުން މި ފެއަރގައި ބައިވެރިވެއެވެ.
ފިތޫރު ފެއަރގެ އިތުރުން އެމްއެމްޕީއާރުސީން ދަނީ ވަން ވޯލްޑް ޓްރެވެލް މާރޓް (އޯޓީއެމް) ފެއަރގައިވެސް ރާއްޖެ ތަމްސީލު ކުރަމުންނެވެ. މިމަހުގެ 18 އިން 20 އަށް އިންޑިއާގެ ވިޔަފާރި މަރުކަޒީރަށް މުންބާއީގައި ކުރިއަށްދާ މި ފެއަރއަކީ އިންޑިއާގައި ބާއްވާ މިފަދަ އެންމެ ބޮޑު ފެއަރއެވެ. މި ފެއަރގައި އެމްއެމްޕީއާރުސީއާއިއެކު ރާއްޖޭގެ 15 ކުންފުންޏަކުން 23 ފަރާތެއްވަނީ ބައިވެރިވިއެވެ. މި ފެއަރގައި މައިގަނޑުގޮތެއްގައި އަމާޒުކޮށްފައިވަނީ އިންޑިއާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މިންވަރު އިތުރުކުރުމަށްކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ.
މިދެފެއަރގެ އިތުރުން މިމަހުގެ ތެރޭގައި އެމްއެމްޕީއާރުސީން އިތުރު 3 ފެއަރއެއްގައި ބައިވެރިވުމަށްވަނީ ނިންމާފައެެވެ.