ޓުއަރިޒަމް

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށެއްނުވޭ


ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކޮށްފައިވަނިކޮށް، ގިނަ ޢަދަދެއްގެ ފަތުރުވެރިން ގޮވައިގެން ރާއްޖެއަށް ކުރޫޒް ލައިނެއް އައިސްފިއެވެ. މި ކުރޫޒް ލައިން އައިސްފައިވަނީ ރާއްޖެއަށް ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާންކުރުމާގުޅިގެން ރާއްޖެއަށް ޒިޔަރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވަމުންދާކަމަށް މީޑިއާގައި ތަފާތު ވާހަކަތައް ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ.

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން ބުކިންގ ކެންސަލް ކުރާކަމަށް މީޑިއާތަކުގައި ދެކެވެމުންދާ ވަހަކަތަކަށް ރައްދުދެއްވަމުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ބައެއް އެޖެންސީތަކުން ބުނީ ފަތުރުވެރިކަމަށް އަސަރުކުރާވަރަށް ބުކިންގ ކެންސަލްނުކުރާކަމަށާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު ދަށައް ނުދާކަމަށެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާން ކުރުމާއިއެކު ދިވެހި ސަރުކާރުންވެސް ބުނެފައިވަނީ މީގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެއްވެސް ނުރައްކަލެއް ނެތްކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރިސޯޓްތަކާއި، ފްލައިޓްތައް އަދި ހޮޓެލް ތަކުން ކުރިންވެސް ޙިދުމަތްދެމުންދިޔަ ގޮތަށް ޚިދުމަތްދިނުމަށް ސަރުކާރުންވަނީ ގޮވާލާފައެވެ.

ކުރިއަށްއޮތް ދުވަސްތަކުގައިވެސް އިތުރު ކުރޫޒްލައިންތައް އަންނާނެކަމަށް ޓްރެވެލް އެޖެންސީތަކުން ބުނެއެވެ.