ޚަބަރު

އަލީ ހަމީދުގެ ދަބަހުން 3.4 މިލިއަން ރުފިޔާ ފެނިިފައިވޭ


ފަނޑިޔާރު އަލީ ހަމީދުގެ ދަބަހުން ތިނެއް ޕޮއިންޓް ހަތަރެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. 

ފުލުހުން މިރޭ ބޭއްވި ޕްރެސްއެއްގައި ވާހަކަ ދައްކަވަމުން ފުލުހުން ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ޤާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތްކުރިކަމުގެ ތުހުމަތުގައި މީހާރު ހައްޔަރުކޮށްފައިވާ މީހުންނާއި ގުޅޭ ގިނަ ހެކިތަކެއް ފުލުހުންނަށް ލިބިފައިވާކަމަށެވެ. ފުލުހުން ބުނީ ޤާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތްކުރިކަމުގެ ތުހުމަތުގައި މިހާތަނަށް 8 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

ޤާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތްކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުން

1- ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް މއ ކިނބިގަސްދޮށުގެ 

2- އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަލިވާގެ ސ. މީދޫ

3- ފަނޑިޔާރު އަލީ ހަމީދު ރެހެންދި ފްލެޓް 

4- ހަސަން ސައީދު ހުސެއިން ދަފްތަރު 2571

5- އިބްރާހިމް ސިޔާދު ޤާސިމް މ. މާފަންނުވިލާ 

6- ފާތިމަތު ނާސިރާ ކާމިނީގެ ސ. ހުޅުދޫ 

7- ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން މއ ކިނބިގަސްދޮށުގެ 

8- ރައްޔިތުން މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން މ. ބެރިޔަންފަރު 

ޤާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތްކުރުމުގެ ތުހުމަތުގައި ހޯދާ މީހުން 

1- ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަހުމަދު އިލްހާމް ގއ ގެމަނަފުށި އޯކިޑްމާގެ

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން އެތައް މިލިއަން ރުފިޔާއެއް ފުލުހުންނަށް ފެނައިފައިވާކަމަށެވެ. އޭގެތެރޭ ގައި ގިނަ އަދަދެއްގެ ޑޮލަރު ހިމެނޭކަމަށްވެސް ޝިފާން ވިދާޅުވިއެވެ. އަދި ޤާނޫނާއި ހިލާފަށް ވެރިކަން ވައްޓާލުމަށް ފަނޑިޔާރުންނަށް ކުރީގެ ރައީސް މައުމޫން ނުފޫޒުފޯރުވާކަަމަށް ތުހުމަތުކުރެވޭއިރު ފަނޑިޔާރު އަލީ ހަމީދަށް ރައީސް މައުމޫންގެ ފަރާތުން ގިނަ އެހީތަކެއް ދީފައިވާކަން ތަހުޤީޤަށް އެންގިފައިވާކަމަށެވެ."އަޅުގަނޑުމެންގެ ހައްޔަރުގައި ހުންނެވި ހަސަން ސައީދު ހުސައިންގެ މައްޗަށް ކުރިން ވެސް ކުރަމުން އައި ތުހުމަތަކަށް ބޭނުންވާ ޑޮކިއުމެންޓް އެވިޑެންސް މިހާރު ލިބިފައިވާކަން ޔަގީންކޮށްދޭ ކަމަށާއި ސަސްޕެންޑްކޮށްފައިވާ ފަނޑިޔާރު އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން 215000 އެމެރިކާ ޑޮލަރާއި 150000 ދިވެހި ރުފިޔާ ފެނިފައިވާ އިރު އޭނާގެ އާއިލާއަށް ތަފާތު އެކި ގޮތްގޮތުން ކުރީގެ ރައީސް މައުމޫން ތަފާތު އެކި ގޮތްގޮތަށް އެހީތައް ވަމުން ގެންދަވާކަން ތަހުގީގަށް ޔަގީން ކުރެވިފައިވޭ. މީގެ އިތުރުން ރިޝްވަތުގެ ފައިސާ ބޭނުން ކުރައްވައިގެން އަލީ ހަމީދު ފްލެޓެއް ގަނެފައިވާ ކަމުގެ ޑޮކިއުމެންޓް އެވިޑެންސް ވެސް ލިބި، އެކަން ޔަގީން ވަނީ ޔަގީންކުރެވިފައިވާކަމަށްވެސް ފުލުހުން ބުނޭ. އަދި އަލީހަމީދު މުހައްމަދުގެ އާއިލާއަށް ރާއްޖޭގައި ވިޔަފާރި ހިންގާ ބިޔަ ބޮޑު ކުންފުންޏަކުން 2.4 މިލިއަން ޑޮލަރު އެހީއެއް ލޯނެއްގެ ގޮތުގައި ދީފައިވާކަން ތަހުގީގަށް ވަނީ ޔަޤީންކުރެވިފަ." ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުން ޕްލެޓް ފަދަ ތަކެތި ގަނެފައިވާކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާކަމަށްވެސް ފުލުހުން ތަރުޖަމާން ޝިފާން ވިދާޅުވިއެވެ. ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތްކުރި މައްސަލައިގެ ތަހުޤީޤަށް މިހާތަނަށް 30 މީހަކާ ސުވާލުކޮށް ތަހުޤީގަށް ބޭނުންވާ މައުލޫމާތާއި ހެއްކާ ޤަރީނާ ހޯދުމަށް 15 ތަނެއް ބަލާ ފާސްކޮށްފައިވާކަމަށް ޝިފާން ވިދާޅުވިއެވެ. އަދި މައްސަލައިގެ ބޮޑުކަމުން ފުލުހުން ފުޅާދާއިރާއެއްގައި މި މައްސަލަ ތަހުޤީޤުކުރަމުންގެންދާއިރު މައްސަލައިގެ ތަހުޤީޤަށް ހުރަސްއެޅޭގޮތަށް މައުލޫމާތު ނުފެތުރުމަށް ފުލުހުން ވަނީ އެދިފައެވެ.ރާއްޖޭގައި އުފެދިފައިވާ ޤާނޫނީ ވެރިކަން ވައްޓާލުމަށް ގެންނަން އުޅުނު ބަޤާވާތް ނާކާމިޔާބުކޮށްލާ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވާއިރު ރާއްޖޭގެ އަމާންކަމަށާއި އޮމާންކަމަށް ރައްޔިތުން ދެމުންގެންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.