ޚަބަރު

ރައީސް އަޒުލުކުރަން ވެއްދި މައްސަލަ ސުޕްރީމްކޯޓުން ބޭރުކޮށްލައިފި


ރައީސް ޔާމީން މަޤާމުން އަޒުލުކުރުމަށް އިދިކޮޅު ފަރާތްތަކުން ހުށައެޅި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމްކޯޓުން ނިންމައިފި. ސުޕްރީމްކޯޓުން ބުނީ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިވެއްޖެކަމަށް ކަނޑައަޅަދިނުމަށް އެދި، އެކޯޓަށް މައްސަލަ ހުށައެޅީ މއ. ކިނބިގަސްދޮށުގެ / މާލެ، މައުމޫން ޢަބްދުލްޤައްޔޫމް އާއި ގ. ކެނެރީގެ / މާލެ، މުޙައްމަދު ނަޝީދު އާއި މ. މާފަންނުވިލާ / މާލެ، ޤާސިމް އިބްރާހީމް އާއި ޏ. ފުވައްމުލައް / މިސްކިތްމަގު، މާހުގެ، ޢަލީ ޒާހިރުކަމަށެވެ. އަދި މި މައްސަލަ އެކޯޓަށް  ހުށައެޅީ މިމަހުގެ 08 ވަނަދުވަހުކަމަށްވެސް ސުޕްރީމްކޯޓުން ބުނެއެވެ. 

ސުޕްރީމްކޯޓުން ބުނީ މައްސަލަ ބަލައިނުގަތުމަށް ނިންމީ އެ މައްސަލައަކީ، ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގައިވާ ގޮތުގެމަތިން ހުށަހެޅިފައިވާ މައްސަލައަކަށް ނުވާތީކަމަށެވެ. އަދި އެގޮތަށް ނިންމީ ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންކަމަށްވެސް ސުޕްރީމްކޯޓުން ބުނެއެވެ.