ޚަބަރު

ދައުލަތަށް 3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެންޖެހޭ


ޓޫއަރިޒަމް މަސައްކަތަށް ދޫކޮށްފައިވާ ރަށްތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބިވާކަމަށް ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނުން ބުނެފިއެވެ. 

ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ެއެ ކޮމިޝަނުން މިހާތަނަށް ކުރި މަސައްކަތުން ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއެއް މިހާރު ދެނެގަނެވިފައިވާކަމަށެވެ. އަދި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިވާ ގިނަ ޢަދަދެއްގެ ފައިސާއަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެކިފަރާތްތަކުން ދައްކަންޖެހޭ ފައިސާކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނުން ބުނީ  މިނިސްޓްރީ އޮފް ޓޫރިޒަމްގެ މަސައްކަތަށް ދައުލަތުން ދޫކޮށްފައިވާ ރަށްތަކާގުޅުންހުރި މުއާމަލާތްތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ ޢަދަދު 3,629,473,520.32ރ. (ތިން ބިލިއަން ހަސަތޭކަ އޮނަތިރީސް މިލިއަން ހަތަރުސަތޭކަ ހަތްދިހަ ތިންހާސް ފަސްސަތޭކަ ވިހި ރުފިޔާ ބައްތިރީސް ލާރި) އަށް އަރާކަމަށެވެ. އަދި  ޖީއެސްޓީގެ ގޮތުގައި ފައިސާ ލިބެންޖެހޭ ފަސް މިލިއަން ރުފިޔާއަށްވުރެ މަތީގެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ޖުމްލަ ޢަދަދު 7,522,267.81ރ. (ހަތް މިލިއަން ފަސްސަތޭކަ ބާވީސްހާސް ދުއިސައްތަ ފަސްދޮޅަސް ހަތް ރުފިޔާ އެކާހި ލާރި) އަށް އަރާކަމަށްވެސް ރިކަވަރީ ކޮމިޝަންގެ ބަޔާނުގައިވެއެވެ. އދި މި މައްސަލަތައް ކޯޓަށް  ހުށައަޅާ ޝަރުޢީ މަރްޙަލާ ފެށިގެން ކުރިއަށްދާ މައްސަލަތައްކަންވެސް އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނަކީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 5/2017 ގެ ދަށުން އޮޑިޓަރ ޖެނެރަލް އޮފީހާއި އެންޓިކޮރަޕްޝަން ކޮމިޝަނުން ދައުލަތަށް ފައިސާ ލިބެންޖެހޭކަމަށް ނިންމާފައިވާ މައްސަލަތަކުގައި ހިމެނޭ ފައިސާ ހޯއްދެވުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަނެކެވެ.