ޚަބަރު

ޤައުމީ ޔުނިވަރސިޓީގެ 469 ދަރިވަރުން ދަސްވެނިވެއްޖެ


އެއް ފަހަރާ ޑިގްރީ ޙާޞިލްކުރި އެންމެ ގިނަ ދަރިވަރުންނާއި އެކު ޤައުމީ ޔުނިވަރސިޓީގެ މި އަހަރުގެ ދަސްވެނިވުން ބާއްވައިފިއެވެ.

ދަރުބާރުގޭގައި ބޭއްވި ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 469 ދަރިވަރުން ދަސްވެނިވެ ސަނަދު ހާސިލުކުރިއެވެ. މީގެ ތެރޭގައި ހިމެނެނީ ފެކަލްޓީ އޮފް އެޑިއުކޭޝަނުން ހިންގި 17 ކޯހަކުން ދަންވެނިވި 269 ދަރިވަރުންނާއި ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްއިން ހިންގި 5 ކޯހަކުން ދަސްވެނިވި 100 ދަރިވަރުންނާއި އެމްއެންޔޫ ބިޒްނަސް ސްކޫލުން ހިންގި 5 ކޯހަކުން ދަސްވެނިވި 77 ދަރިވަރުންނެވެ. މީގެ އިތުރުން އެމްއެންޔޫއިން ހިންގި ތިން ކޯހަކުން އެންމެ މަތީ މާކްސް ހޯދައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެވޯޑް ހާސިލްކުރި ތިން ދަރިވަރުންނަވަނީ އެވޯޑު ހަވާލުކޮށްފައެވެ.

ރޭ ބޭއްވި މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު މުނައްވަރު ވިދާޅުވީ މަތީ ތަޢުލީމް ހޯދުމަށް ބޮޑެތި ހޭދަތައް ކޮށްގެން މާލެ އަންނަ އައުން ބަދަލުވެ، އަމިއްލަ ރަށުގައި ތިބެގެން މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު މިހާރު ފަހިވެފައިވާ ކަމަށެވެ. އަދި މި ފުރުޞަތުގެ ބޭނުން ޒުވާނުން ހެޔޮގޮތުގައި ހިފަމުން ގެންދާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މި ސަރުކާރުން މިހާތަނަށް ގިނަ ސްކޮލަރޝިޕްގެ ފުރުޞަތު ފަހިކޮށްދީފައިވާކަމަށެވެ. އަދި ތަޢުލީމީ ދާއިރާ ހަރުދަނާ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ވޯލްޑް ބޭންކާ ގުޅިގެން ބައެއް ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.އެން.ޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލާރ އައިޝަތު ޝާހީން ވިދާޅުވީ އެމްއެންޔޫއިން ދަސްވެނިވި ދަރިވަރުންގެ ފަސްދޮޅަސް އިންސައްތައަކީ ތަޢުލީމީ ދާއިރާއިން ދަސްވެނިވި ދަރިވަރުންކަމަށެވެ. އަދި ޔުނިވަރސިޓީން އެންމެ ފުރަތަމަ ޕީ.އެޗް.ޑީ ޙާސިލްކުރި ދެ ދަރިވަރުންވެސް ދަސްވެނިވީ ތަޢުލީމީ ދާއިރާއިންކަމަށާއި އެއީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަން ޝާހީން ފާހަގަކުރެއްވިއެވެ.

ގައުމީ ޔުނިވާރސިޓީގެ މި އަހަރުގެ ދަސްވެނިވުމުގެ ފުރަތަމަ ޙަފްލާ ބޭއްވީ މިދިޔަ މަހުގެ 26 ވަނަދުވަހުއެވެ.