ޚަބަރު

"ޓޮޕް މޮޑެލް މޯލްޑިވްސް" މިމަހުގެ 18ގައި ބާއްވަން ނިންމައިފި


ރާއްޖޭއަށް ތަޢާރަފްކުރާ ފުރަތަމަ ފްރެންޗައިޒް ބިއުޓީ ޕެޖެންޓް "ޓޮޕް މޮޑެލް މޯލްޑިވްސް" ގެ ގްރޭޑް ފިނާލޭ މިމަހުގެ 18ގައި ބާއްވަން ނިންމައިފިއެވެ.

މިއީ އެމެރިކާގެ މިއާމީގެ ގްލޯބާނާ ގުރޫޕުން ކުރިޔަށް ގެންދާ ބައިނަލްއަޤްވާމީ މުބާރާތް، ޓޮޕް މޮޑެލް އޮފް ދަ ވޯލްޑްގެ ރާއްޖޭގެ އެޑިޝަނެވެ. މިމުބާރާތް ރާއްޖޭގައި އިންތިޒާމްކުރަނީ ހީ އެންޑް ޝީ އިވެންޓު މެނޭޖްމަންޓު ކުންފުނިންނެވެ. ހީ އެންޑް ޝީއިން ބުނީ މިއަހަރުގެ "ޓޮޕް މޮޑެލް މޯލްޑިވްސް" ގައި ބައިވެރިވާ ފައިނަލިސްޓުން މިހާރު ހޮވާ ނިމިފައިވާކަމަށެވެ. މިގޮތުން އާންމުންގެ މެދުގައި އޮންލައިންކޮށް ނެގި ވޯޓަކުން 20 ބައިވެރިންގެ ތެރެއިން 10 ފައިނަލިސްޓުން ހޮވީ ޙާއްޞަ ޖަޖުންގެ ޕެނަލަކުންކަމަށެވެ.

މިމުބާރާތުގެ ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ކަނޑިއްމަ ރިޒޯޓު ގައެވެ. މި އިވެންޓުގައި "ޓޮޕް މޮޑެލް މޯލްޑިވްސް"ގެ ގަދަ 3 ހޮވާނެއެވެ. ހީ އެންޑް ޝީއިން ބުނީ މިމުބާރާތުގައި ވާދަކުރާ 10 ފައިނަލިސްޓުންވެސް ހީ އެންޑް ޝީގެ ބްރޭޑް އެންބެސެޑަރުންގެ ގޮތުގައި މަސައްކަތްކުރާނެކަމަށެވެ. އެގޮތުން އިޖުތިމާއީ މަސައްކަތްތަކާއި ތިމާވެއްޓާއި އަންހެނުން ބާރުވެރިކުރުވުމާއި ސިއްޙަތާ ދުޅަހެޔޮކަން ޕްރޮމޯޓުކުރުގެ ހަރަކާތްތަކުގައި މިބައިވެރިވާނެއެވެ.

ޓޮޕް މޮޑެލް އޮފް ދަ ވޯލްޑަކީ 1993ވަނަ އަހަރުން ފެށިގެން އެމެރިކާގެ މިއާމީގެ ގްލޮބާނާ ގްރޫޕުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ މޮޅު އަދި މަޤްބޫލު މޮޑެލުން ހޮވުމަށް ބާއްވާ ބައިނަލްއަޤްވާމީ މުބާރާތެކެވެ. މިހާރު ޓޮޕް މޮޑެލް އޮފް ދަ ވޯލްޑް މުބާރާތް މެނޭޖުކުރަނީ ވޯލްޑް ބިއުޓީ އޯގަނައިޒޭޝަނުންނެވެ.