ޚަބަރު

ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން ޓިވެޓުން ސެމިނަރ އެއް ބާއްވައިފި


"
"މިދިޔަ އަހަރުވެސް މިފަދަ ސެމިނަރ އެއް ވަނީ ބާއްވާފަ. މި ސެމިނަރގައި ކުދި ވިޔަފާރިތައް ފަށާއިރު ދިމާވާ ދަތިތަކާއި އެކަންތައްތަކުން އަރައިގަންނާނެ ގޮތްތަށް ކިޔާދިން. މިދިޔަ އަހަރާ އެއްގޮތަށް މިއަހަރުގެ ސެމިނަރ އަށްވެސް ތަރުޙީބު ލިބޭ." ޝައުޝާދު ޒަމީރު ވިދާޅުވިއެވެ
ޝައުޝާދު ޒަމީރު ވިދާޅުވިއެވެ

ކުދި ވިޔަފާރިތައް ފަށަން ބޭނުންވާ ފަރާތްތަކަށް ހާޢްސަކޮށްގެން ޓިވެޓުން ސެމިނަރއެއް ބާއްވައިފިއެވެ. ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިން ސެކްޓަރގައި އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ސެމިނަރ ކުރިޔަށް ގެންގޮސްފައިވަނީ ޓިވެޓް އޮތޯރިޓީއާއި ކޮލަމްބޯގެ ޕްލޭން ސްޓާފް ކޮލެޖުއާއި ގުޅިގެންނެވެ. ކޮލަމްބޯގެ ޕްލޭން ސްޓާފް ކޮލެޖަކީ ސާރކްގެ ހުރިހާ ޤައުމުތައް ހިމެނޭގޮތަށް ތަފާތު ތަމުރީން ޕްރޮގްރާމްތައް ކުރިއަށްގެންދާ ކޮލްޖެކެވެ.

އާއްމުންނަށް ވެސް ހުޅުވާލައިގެން ބޭއްވި މި ސެމިނަރގައި އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ސްކޫލްތަކުގައި ތަޢުލީމު ޙާސިލް ކުރަމުންދާ ދަރިވަރުންގެ އިތުރުން މުދައްރިސުންވެސް ބައިވެރިވެފައިވެއެވެ. މީގެ އިތުރުން ކޮލެޖުތަކާއި އަމިއްލަ ޖަމިއްޔާ ޖަމިއްޔާތައް ހިމަނައިގެން ނުވަދިހައަށްވުރެ ގިނަ މީހުން ބައިވެރިވިކަމަށް ޓިވެޓުން ބުނެއެވެ.

މި ސެމިނަރގައި އިސްކޮށް ހަރަކާތްތެރިވި ޓިވެޓްގެ އޮފިޝަލެއްކަމަށްވާ ޝައުޝާދު ޒަމީރު ވިދާޅުވީ ރާއްޖޭގައި ކުދި ވިޔަފާރިތައް ފައްޓަން ބޭނުންވާ ފަރާތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދާނެ ގޮތުގެ މައުލޫމާތު ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް މެދުވެރިކޮށް މި ސެމިނަރަގެ ބައިވެރިންނަށް ދީފައިވާނެކަމަށެވެ. އަދި މި ސެމިނަރ އަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ސެމިނަރ ގައި އިކޮނަމިކް މިނިސްޓްރީއާއި ޓިވެޓް އޮތޯރިޓީއާއި ކޮލޮމްބޯގެ ޕްލޭން ސްޓާފް ކޮލެޖްގެ އިތުރުން އަމިއްލަ ޖަމިއްޔާއަކުންވެސް ބައިވެރިންނަށް މަޢުލޫމާތު ދީފައިވާކަމަށް ޓިވެޓުން ބުނެއެވެ. ޓިވެޓް އޮތޯރިޓީން ބުނީ މިފަދަ ސެމިނަރތައް އަތޮޅުތަކުގައި ބޭއްވުމަށްވެސް މަސައްކަތްކުރަމުންދާކަމަށެވެ.