ތިމާވެށި

އައްޑުއާއި ފުވައްމުލަކު "ނޭޗަރޕާކް" ޖޫންމަހު ހުޅުވަނީ


އިކޯ ޓްއަރިޒަމަށް ޚާއްސަކޮށްގެން އައްޑޫ ސިޓީއާއި ފުވައްމުލަކުގައި ހަދަމުންދާ ނޭޗާރ ޕާކްތައް އަންނަ ޖޫންމަހު ނިމޭނެކަމަށް އެންވަޔަރުމެންޓް މިނިސްޓްރީން ބުނެފިއެވެ.

އައްޑޫ ސިޓީ ހިތަދޫގައި ޙިމާޔަތް ކޮށްފައިވާ އީދިގަލި ކިޅިއާއި ކޯއްޓޭއާއި ފުވައްމުލަކު ބަންޑާރަ ކިޅި ހިމެނޭ ގޮތަށް ހަދާ ނޭޗާ ޕާކްތަކުގެ މަސައްކަތް މިހާރު ވަނީ ނިމުކަމާ ހަމައަށް އައިސްފައެވެ. މިތަންތަނުގެ ތެރޭގައި ހިމެނޭ އައްޑޫ ވިޒިޓަރސް ސެންޓަރގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު، ސެންޓަރުގެ ލަކުޑި ފްރޭމްވޯކައި ފުރާޅުގެ މަސައްކަތް ވަނީ ނިމިފައެވެ.

ނޭޗާ ޕާކްތަކަށް ބޭނުންވާ އެކިއެކި ވަސީލަތްތައް ހޯދަން މިހާރު އެންވަޔަރުމެންޓް މިނިސްޓްރީން ވަނީ ބީލަމަށް ވެސް ލައިފައެވެ. އޭގެ ތެރޭގައި އެއްގަމާއި ކުޅިތަކުގައި ބޭނުން ކުރާ ތަފާތު އުޅަނދުތައް ހިމެނެއެވެ. އަދި އައްޑޫސިޓީއާއި ފުވައްމުލަކުސިޓީގެ ނޭޗާ ޕާކްތަކުގައި ހަރަކާތްތެރި ވާނެ ޓުއާ ގައިޑުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފާހަގަކޮށްލެވެއެވެ.

ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް (ސީސީއޭޕީ)ގެ ރަސްމީ ފޭސްބުކް ޕޭޖުގައި ހާމަކޮށްފައިވާ ގޮތުގައި އައްޑޫ ނޭޗަރ ޕާކްގެ މަސައްކަތް ނިމުމުން އައްޑޫގެ ޙިމާޔާތް ކޮއްފައިވާ ސަރަހައްދު މުޅިން އާ ބްރޭންޑަކަށްވެ ރައްޔިތުންނާއެކި މުއައްސަސާތަކާއި އަމިއްލަފަރާތްތަކާއި އެހެނިހެން ފަރާތްތަކާ ގުޅިގެން މިތަންތަން ހިންގުމުގެ މިސްރާބަކަށް ދާކަމަށެވެ.

މިއާއެކު ފުވައްމުލަކު ބަންޑާރަ ކިޅި ސަރަހައްދުގައި ހަދަމުންއަންނަ ފާލަމުގެ ސަބަބުން ފުވައްމުލަކުގެ ޗަސް ބިންތައް ބަލާލަން އަންނަ ފަރާތްތަކަށް ކުރިއަށްވުރެ ފުރިހަމައަށް މިތަން ބަލައިލުމުގެ ފުރުސަތް ލިބިގެން ދާނެކަމަށާ، މި ފާލަމުގެ ބޭނުމަކީ މި ޗަސްބިންތަކުގެ ރީތިކަން ދައްކާލުމާއި ކުރިން ނުފެންނަ ގަސްގަހާގެހީގެ ބާވަތްތައް ޢާންމުނަށް ފެންނަ ގޮތަށް ދައްކާލުންކަމަށްވެސް ސިސީއޭޕީއިން ބުނެއެވެ.

އައްޑޫސިޓީ ނޭޗަރ ޕާކްގެ މަސައްކަތް ހިންގުމާ ހަވާލްކޮށްފައިހުރި ސީކެޕް ޕްރޮޖެކްޓް މެނޭޖާރ އަފާއު ބުނީ މިތަނަށް ޒިޔާރަށް ކުރާ ކޮންމެ ބަޔަކުގެ ވެސް ޝައުގުވެރިކަން މި ސެންޓަރަށް ވަރަށް ބޮޑަށް ހުންނަކަމަށާއި މި ސެންޓަރުގެ މަސައްކަތް ކުރިއައްދާ ބާރު މިނާއި މެދުވެސް ވަރަށް ބޮޑަށް ހިތްހަމަ ޖެހޭކަމަށެވެ.

އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކުރުމަށް ހިންގާ އެންމެ ބޮޑު އެއް މަޝްރޫޢަކީ، އީދިގަލި ކިޅި ޙިމާޔަތްކޮށް، އެތަން ތަރައްޤީކުރުމުގެ މަޝްރޫޢެވެ. އެހެންކަމުން އެތަނުގައި ޤާއިމްކުރާ ވިޒިޓާސް ސެންޓަރުގެ ސަބަބުން އެތަނުގެ ޤުދުރަތީ ރީތިކަން ވީހާވެސް ބޮޑަށް ކައިރިން ބަލާލެވޭނެ ފުރުޞަތު ޢާންމުންނަށާއި، އައްޑޫ ސިޓީއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހުޅުވިގެންދާނެއެވެ.

އަދި ފުވައްމުލަކުގައި ޤާއިމްކުރާ ނޭޗަރ ޕާކްގެ ސަބަބުން ފުވައްމުލަކުގެ ޤުދުރަތީ ރީތިކަން ކުރިއަށް ވުރެން ބޮޑަށް އެތަނަށް ޒިޔާރަށްކުރާ ފަރާތްތްކަށް ފެނިގެންދާނެއެވެ. މި މަޝްރޫއުއަކީ އެންވަޔަރުމެންޓް މިނިސްޓްރީ އާއި ޔޫރަޕިއަން ޔޫނިއަންގެ ހިލޭ އެހީގައި ހިންގާ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީސީއޭޕީ) ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.