ޗައިނާގެ ބެއިޖިންގަައި ބާއްވާ އެންމެ ބޮޑު ކަލްޗުރަލް ފެސްޓިވަލްތަކުގެ ތެރޭގައި ހިމެނޭ "މިނީ އެކްސްޕޯ އޮފް ދަ 15 ވޯލްޑް ކަލްޗުރަލް ފެސްޓިވަލް" ގައި ރާއްޖޭގެ ސަޤާފަތާއި ގުދުރަތީ ރީތިކަން ދައްކާލައިފިއެވެ.
ބެއިޖިންގް ލެންގުއޭޖު އެންޑް ކަލްޗުރަލް ޔުނިވަރސިޓީއިން ބާއްވާ މި ފެސްޓިވަލްގައި ރާއްޖޭގެ ސްޓޯލެއް ބައިވެރިކޮށްފައިވަނީ އެ ޔުނިވަރސިޓީގައި ކިޔަވަމުން އަންނަ ދިވެހި ދެ ދަރިވަރެކެވެ.
ބެއިޖިންގް ލެންގުއޭޖު އެންޑް ކަލްޗުރަލް ޔުނިވަރސިޓީއަކީ ތަފާތު އެކި ބަސްތައް ކިޔަވައިދިނުމަށް، ޗައިނާގެ އެންމެ މަޝްހޫރު އެއް ޔުނިވަރސިޓީއެވެ. މި ޔުނިވަރސިޓީގައި 97 ޤައުމެއްގެ ދަރިވަމުން ކިޔަވަމުން އަންނައިރު އެ ދަރިވަރުންނަށް އެމީހުންގެ ޤައުމުގެ ސަޤާފަތް ދައްކާލުމުގެ ފުރުޞަތު ދިނުމަށް އެ ޔުނިވަރސިޓީން އަންނަނީ ކަލްޗްރަލް ފެސްޓިވަލްތައް ބާއްވަމުންނެވެ.
ޔުނިވަރސިޓީގެ ފުޓްބޯޅަ ދަނޑުގައި ބޭއްވި މިއަހަރުގެ ކަލްޗަރ ފެސްޓިވަލް ހުޅުވުމަށް ބޭއްވި ހަފްލާގައި ޚާއްސަ މެހްމާނުންގެ ގޮތުގައި ޗައިނާގައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ފައިސަލްގެ އަނބިކަބަލުން ފާތުމަތު ޖީހާން ސަލީމާއި، އެމްބަސީގެ ކަލްޗުރަލް ޑިޕާޓުމަންޓާއި ހަވާލުވެ ހުންނެވި، އިބްރާހިމް ޝާޒް ހަބީބް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ޖީހާން ވަނީ މި ފެސްޓިވަލްގައި ބައިވެރިކޮށްފައިވާ ރާއްޖޭގެ ސްޓޯލަށް ޒިޔާރަތްކުރައްވާފައެެވެ.
ރާއްޖޭގެ ސްޓޯލް ކުރިއަށް ގެންގޮސްފައިވަނީ ގިނަ ހަރަކާތްތަކަކާއި އެކުގައެވެ. މި ފެސްޓިވަލްގައި ރާއްޖޭގެ ސްޓޯލަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.
ސްޓޯލް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ބެއިޖިންގ ލެންގުއޭޖް ޔުނިވަރސިޓީގެ ދަރިވަރު ނާހީ
މުޙައްމަދު ބުނީ ރާއްޖޭގެ ސްޓޭންޑަށް އަންނަ މީހުންގެ އަދަދު އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
"ރާއްޖޭގެ ރީތިކަން ދައްކައިދޭ ކުރެހުމެއް ސްޓޯލްގެ ބޭރުގައި ބެހެއްޓިފައި ހުންނާނެ، އެއީ ސްޓޯލަށް އަންނަ މީހުން ފޮޓޯ ނެގުމަށް، އޭގެ އިތުރަށް ސްޓޯލްގައި ބޮޑުބެރު ޖެހުމުގެ ހަރަކާތްތައްވެސް ކުރިއަށްގެންދިޔައިން، އަދި ރާއްޖޭގެ ރީތި މަންޒަރުތައް ހިމެނޭ ޕޯސްޓް ކާޑުތަކުގައި ދިވެހި ބަހުން ނަން ލިޔެދިނުން ފަދަ ކަންތައްތައް ކުރިއަށް ގެންދިޔަ އިން" ނާހީ ބުންޏެވެ.
މި ކަލްޗްރަލް ފެސްޓިވަލަށް ގިނަ އަދަދެއްގެ އާންމުން ޒިޔާރަތްކޮށްފައިވާއިރު، ރާއްޖޭގެ ސްޓޯލަށްވެސް ޗައިނާ މީހުންގެ އިތުރުން ބެއިޖިންގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުންވެސް ޒިޔާރަތްކޮށްފައިވެއެވެ. އެމީހުން ބުނީ ސްޓޯލް މެދުވެރިކޮށް ކުރިން ރާއްޖެއާ ބެހޭ ގޮތުން ނޭގޭ އެތައް މައުލޫމާތެއް ލިބިފައިވާ ކަމަށެވެ.
މި ފެސްޓިވަލްގައި ބައިވެރިކުރި ރާއްޖޭގެ ސްޓޯލް ހިންގުމުގައި ބެއިޖިންގެ އެހެން ޔުނިވަރސިޓީތަކުގައި ކިޔަވާ ދިވެހި ދަރިވަރުންނާއި، ޗައިނާގައި ހުންނަ ދިވެހި އެމްބަސީގެ މުވައްޒަފުންގެ އިތުރުން ބެއިޖިންގ ލެންގުއޭޖް ޔުނިވަރސިޓީގައި ކިޔަވާ ޗައިނާގެ ދަރިވަރުން ހަރަކާތްތެރިވެފައިވެއެވެ.
މިއީ އެއްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ފެސްޓިވަލްގައި ރާއްޖެއިން ބައިވެރިވި ތިންވަނަ ފަހަރެވެ.