ޚަބަރު

ހޯރަފުށީ އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި


ހއ. ހޯރަފުށީގައި އެއާރޕޯޓް އަޅަން ބޭނުންވާ ބިން ހިއްކަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ހޯރަފުށީގައި އެއާރޕޯޓް އެޅުމަށް ހަމަޖެހިފައިވަނީ އެރަށް ކައިރީގައި އޮންނަ މާފިނޮޅުން 16 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. މި މަޝްރޫޢަށް ގާތްގަނޑަކަށް ދައުލަތުގެ ބަޖެޓުން 64 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

ހޯރަފުށީ އެއާޕޯޓް އަޅަން ބިން ހިއްކުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޒިޔަތެވެ. އެއާޕޯޓާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ހޯރަފުށީގައި އަޅަނީ 1.2 ކިލޯ މީޓަރުގެ ދިގު ރަންވޭއެއް ކަމަށާއި ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ގޮތުން ހަދަންޖެހޭ އީއައިއޭގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ހއ. ހދ. އަދި ށ އަތޮޅަކީ މީގެކުރިން އެކަށީގެންވާ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމްކުރެވިފައި ނެތް ސަރަޙައްދުތަކެއް ކަމުން، މި ސަރަޙައްދުގައި ފަތުރުވެރިކަން އެކަށީގެންވާ ގޮތުގައި ކުރިއަރަމުން ނުދާ ކަމަށާއި ހޯރަފުށީގެ އެއާރޕޯޓުގެ ސަބަބުން އެހިސާބުގައި ފަތުރުވެރިކަން ކުރިއަރާ ފުޅާވާނެ ކަމަށެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޒިޔަތު ވިދާޅުވީ، މިމަޝްރޫޢުގެ ދަށުން ބިންހިއްކުމާއެކު ޝޯ ޕްރޮޓެކްޝަން މަސައްކަތް ވެސް އެކުންފުނިން ކުރާނެ ކަމަށާއި، މަޝްރޫޢުގެ މަސައްކަތް 203 ދުވަހުގެ ތެރޭގައި ނިންމާ ސަރުކާރާ ޙަވާލުކުރާނެ ކަމަށެވެ. ހޯރަފުށީ އެއާޕޯޓް އަޅަން ބިން ހިއްކަނީ އެމްޓީސީސީގެ ކޮންނަ ބޯޓް މަހާ ޖައްރާފުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއީލް ވިދާޅުވީ، ހޯރަފުށީގައި އެއާރޕޯޓް އެޅުމުގެ މަޝްރޫޢަކީ އެއަތޮޅުގެ ރައްޔިތުންގެ ބޮޑު އުއްމީދެއް ކަމަށެވެ.

ހޯރަފުށީގައި ތިންހާސް ހަތަރު ސަތޭކެއަށް ވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅެއެވެ.