ޚަބަރު

މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ ޢަދަދު ދަށްވެއްޖެ


މިމަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ ޢަދަދު ދަށްވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިމަހުގެ ތިންވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ ހަތަރުހާސް އަށްސަތޭކަ ފަސްދޮޅަސް އެއްރުފިޔާ ފަނަރަ ލާރިކަމަށެވެ. މިއީ އޭގެ ކުރިން ހުރި ޢަދަދަށްވުރެ ގާތްގަނޑަކަށް ސަތޭކަ ހަތްދިހަ ދެ ރުފިޔާގެ ދަށް ޢަދަދެކެވެ. މީގެ ކުރިން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ ފަސްހާސް ތިރީސް ތިންރުފިޔާ ހަތްދިހަ ލާރިއެވެ.

މުދަލު ޒަކާތުގެ ނިޞާބު ވާޖިބުވާ މިންވަރު ކޮންމެ ހަމަހަކުން ރިވައިޒްކޮށް ބަދަލު ގެންނަން ޖެހޭ ހާލަތުގައި ބަދަލު ގެންނަކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ފަޤީރުންގެ ގޮތުގައި މިދިޔަ އަހަރު މުޅި ރާއްޖެއިން ސޯޅަހާސް ދުއިސައްތަ ފަސްދޮޅަށް ނުވަ މީހުން ރަޖިސްޓްރީކުރިއެވެ. އަދި އެ މީހުންނަށް މުދަލު ޒަކާތުން ސާދަ ފޮއިންޓް ހައެއް މިލިއަން ރުފިޔާ ބަހާފައިވެއެވެ.
ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ އެމީހެއްގެ ބޭންކް އެކައުންޓުގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ ދޭއް ޕޮއިންޓް ފަހެއް އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވެއެވެ.

އެހެންނަމަވެސް ފަހަކައައިސް މުދަލު ޒަކާތް ދައްކާ މީހުންގެ ނިސްބަތް މަދުވެފައިވާކަން އިސްލާމިކް މިނިސްޓްރީން ފާހަގަކުރެއެވެ. މުދަލު ޒަކާތް މިހާރު ބަލައިގަންނަމުން ގެންދަނީ ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިންނެވެ.