ޚަބަރު

ޑަބްލިއުޓީއެމް ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިއުޓީއެމް) ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެ ކޯޕަރޭޝަނުން ނެރުނު ސަރކިއުލަރއެއްގައި ބުނެފައިވަނީ މިއަހަރުގެ ޑަބްލިއުޓީއެމް ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 28 ގެ ނިޔަލަށް ހުޅުވާލެވިފައިވާކަމަށެވެ.

ލަންޑަންގައި ބާއްވާ ޑަބްލިއުޓީއެމް ފެއަރއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ބާއްވާ ވަރަށް ބޮޑު ހަރަކާތެކެވެ. މި ފެއަރގެ ތެރެއިން 3.7 ބިލިއަން ވިޔަފާރި ބައްދަލުވުންތައް ކުރިއަށްދާނެކަމަށް ބެލެވެއެވެ.

މިއަހަރުގެ ޑަބްލިއުޓީއެމް ފެއަރ އޮންނާނީ ނޮވެމްބަރ މަހުގެ 5 ކުން 7 އަށް ލަންޑަންގައެވެ. 3 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ފެއަރގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެކި ފަންތީގެ 51 ހާހަށްވުރެ ގިނަ މީހުން ބައިވެރިވާނެކަމަށް ބެލެވެއެވެ.

މިއީ ޑަބްލިއުޓީއެމް ފެއަރ ބާއްވާ 38 ވަނަ އަހަރެވެ. މި ފެއަރގައި ރާއްޖެއިން މީގެކުރިންވެސް ބައިވެރިވެފައިވެއެވެ.

މި ފެއަރގެ ސަބަބުން ދުނިޔޭގެ ބޮޑެތި ޓްރެވެލް އެޖެންޓުންނާއި ބައްދަލުވެ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެއެވެ.

ޔޫރަޕަކީ ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ އެއްޤައުމެވެ. މިދިޔަ އަހަރުވެސް ޔޫރަޕްގެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އޭގެކުރީ އަހަރާއި އަޅާބަލާއިރު 12.4 އިންސައްތަވަނީ އިތުރުވެފައެވެ.