ޚަބަރު

މަގުހެދުމުގެ މަސައްކަތާ އެކު ޓްރެފިކަށް ބަދަލުތަކެއް


މާލޭ ރިންގް ރޯޑް ހެދުމު މަސައްކަތް ކުރަމުންދާތީ އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. މިގޮތުން މަގު ހަދާ ސަރަޙައްދުގެ ޓްރެފިކް ފްލޯއޯއަށް ބަދަލުތަކެއް ގެނެސްފައިވާކަންވެސް ފާހަގަކުރެވެއެވެ.

ރާއްޖޭގައި މިވަގުތު ކުރިއަށްދާ އެންމެ ތަފާތު ބިޔަ މަޝްރޫޢު ޗައިނާ މޯލްޑިވްސް ފްރެންޑް ޝިޕް ބްރިޖާއެކު ވެރިރަށް މާލެއަށް އާދައާޚިލާފު ބޮޑުބަދަލެއް އަންނާނެއެވެ. މިބިޔަ މަޝްރުޢުގެ ނިމުމުގެ ކުލަވަރު ފެންނަމުންދާއިރު، ބްރިޖު ހިމެނޭ ސަރަޙައްދުގެ މަގުތަކާއި، މުޅި މާޙައުލުވެސް ހިތްގައިމު ބަދަލުތަކެއް އަންނާނެކަން ޔަގީނެވެ.

ބްރިޖަށް އަރާ ފޭބުމަށް ބޭނުންކުރާނެ ބޮޑު މަގު ނުވަތަ "މާލޭ ރިންގް ރޯޑު" ހެދުމަށް ހައުސިންގ މިނިސްޓްރީން ވަނީ މިހާރު މަސައްކަތްފަށާފައެވެ. މި މަގުގެ މަސައްކަތް މުޅިން ނިމުމުން މާލެ ވަށައިގެން އޮންނަ މަގުގައި އުޅަނދުތަށް ދުއްވުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށް ރާޅުގަނޑު ސަރަހައްދު ކޮންނަމުންދާއިރު، ތާރުއަޅައިގެން މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނާތީ، އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލާ ދިމާލުގެ އެކި ގޯޅިތަކާއި މަގުތައް ވަނީ ބަންދުކޮށްފައެވެ.

ބޮޑުތަކުރުފާނު މަގު ބަންދުކުރުމާ ގުޅިގެން އެސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން ކުރިން ހެންވޭރު ޕެޓްރޯލް ޝެޑްއިން މޫކާއި ހޮޓެލް ކައިރިން ދަތުރުކެވޭއިރު މިހާރު އެގޮތް ބަދަލުކޮށް މިހާރު ވަނީ ބޮޑުތަކުރުފާނު މަގުން ނަސަންދުރާއާ ޖެހިގެން އޮންނަ މެހެލި ގޯޅި އަށް ވަދެގެން މޫކައި ހޮޓެލް ކައިރިން އުތުރަށް ދެވޭ ގޮތަށް ހަދައިފައެވެ. އަދި އަލައް ގެނައި ބަދަލާއެކު މިގޯޅިން ދެކޮޅަށް ދުއްވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން ހަތަރު ފުރޮޅުލީ އުޅަނދު ވަނުން މަނާ މަގުތައް ކަނޑައަޅާފައިވާއިރު އުޅަނދުތައް ޕާރކްކުރާ ތަންތަންވެސް ވަނީ އިތުރުކޮށްފައެވެ. މިގޮތުން މަޖީދީ މަގުގެ ވަކި ހިސާބަކަށް ހަތަރު ފުރޮޅުލީ އުޅަނދު ވަނުން ވަނީ މަނާކޮށްފައެވެ.

މި މަގުތައް ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލުތައް ގެނެސްފައިވަނީ އެ ސަރަޙައްދަށް އުޅަނދުތައް ވަނުމާ އެކު މަގު ހެދުމަށް ދަތިތަކެއް ވުމާއެކު އާއްމުންގެ ރައްކާތެރިކަމަށްޓަކައެވެ. އެހެންނަމަވެސް ބަންދުކޮށްފައިވާ ސަރަޙައްދަށްވެސް އާއްމު ވަންނަމުންދާކަން ފާހަގކުރެވެއެވެ. މަގު ބަންދުކޮށް ޓްރެފިކް ފްލޯއަށް ގެނައި ބަދަލުތަކަށް ރައްޔިތުން ޢަމަލުނުކުރާނަމަ އެކިވަރުގެ އަނިޔާތައް ލިބުމަކީ އެކަށީގެންވާކަމެކެވެ.

ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެއް ބަންދުކޮށްފައިވާތި، މަގުތަކާއި ގޯޅިތަކުގެ ޓްރެފިކަށް ބަދަލު ގެނެސްފައިވާވުމާއެކު އެ ސަރަޙައްދުގައި ހަރުކޮށްފައިވާ ޓްރެފިކް ނިޝާންތަކާ އެއްގޮތަށް އަމަލުކުރަން ޓްރާންސްޕޯޓް އޮތޯރިޓީން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

މާލޭގެ ރިންގު ރޯޑަކީ ހަތަރު ލޭނަށް ދެކޮޅަށް ދުއްވޭ ގޮތަށް ހަދަމުން އަންނަ މަގެކެވެ. މި މަގުގެ މަސައްކަތް މުޅިން ނިމުމާއެކު މާލެ ވަށައިގެން ފަސޭހަކަމާއެކު ވެހިކަލްތައް ދުއްވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.