ޚަބަރު

ތަފާތުތަކާއިއެކު ލޭމްގެ މިއަހަރުގެ މެގަޒިން ޑިސެމްބަރުގައި ނެރެނީ


ރާއްޖޭގެ ސަފާރީތަކަށް ޚާއްސަކޮށްގެން ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް)އިން ނެރެމުންއަންނަ މެގަޒިންގެ މިއަހަރުގެ ޢަދަދު އަންނަ ޑިސެމްބަރ މަހުގެ ތެރޭގައި ނެރޭނެކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ. 2010 ވަނަ އަހަރުން ފެށިގެން ލޭމްއިން ނެރެމުންއަންނަ މި މެގަޒިން މީގެކުރިން ނެރެމުންއައީ އައުޓްސޯސްކޮށްގެން އެހެން ބަޔަކާ ހަވާލުކޮށްގެންނެވެ. ނަމަވެސް މިއަހަރު ލޭމްއިން އަމިއްލައަށް މި މެގަޒިން ތައްޔާރުކޮށްގެން ނެރޭއިރު ތަފާތު ކަންތައްތަކެއް ފެނިގެންދާނެކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ލޭމްގެ ސެކެޓްރީ ޖެނެރަލް މުޙައްމަދު އިގްނާޒް އަލީ ވިދާޅުވީ، މިއަހަރުގެ މެގަޒިންގައި ރާއްޖޭގައި ހިންގާ ހުރިހާ ސަފާރީތަކެއްގެ މަޢުލޫމާތު ފޮޓޯއާއެއްކޮށް ފެންނަން ހުންނާނެކަމަށެވެ. އަދި އޭގެއިތުރުން އެ ސަފާރީތަކުން ލިބެން ހުރި ހުރިހާ ޚިދުމަތްތަކެއްވެސް މި މެގަޒިންގައި ހިމެނިފައިހުންނާނެކަމަށް އިގްނާޒް ވިދާޅުވިއެވެ. މިފަދަ މެގަޒިންއެއް ލޭމްއިން އިސްނަގައިގެން ނެރެމުންއަންނަނީ ރިސޯޓްތަކާއި ސަފާރީތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މުޅިން ތަފާތު 2 ބައެއްކަމުގައިވެ، ރާއްޖެއިން ބޭރުގައި ބާއްވާ ފެއަރތަކުގައިވެސް ބޮޑަށް އިސްތިހާރުކުރެވެނީ ރާއްޖޭގެ ރިސޯޓްތައްކަމަށްވުމުންކަމަށް އިގްނާޒް ފާހަގަކުރެއްވިއެވެ.

ލޭމްގެ މެންބަރުންނަށް ހިލޭ މި މެގަޒިންގައި އެމީހުންގެ ސަފާރީތަކުގެ މަޢުލޫމާތު ޝާއިޢުކުރެވޭނެކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. ރާއްޖޭގެ ސަފާރީތަކުގެ އިތުރުން ސަފާރީތަކާއި ގުޅުންހުރި އެކިއެކި ޚިދުމަތްތައް ދެމުންދާ ފަރާތްތަކުގެ މަޢުލޫމާތު މި މެގަޒިންގައި ހިމެނިފައި ހުންނާނެކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. ރާއްޖޭން ބޭރުގައި ބާއްވާ ބޮޑެތި ފެއަރތަކުގައި މި މެގަޒިން ބަހާނެކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ ސަފާރީތަކުގެ އިތުރުން މުޅި ރާއްޖެ ޕްރޮމޯޓްވެގެންދާނެކަމަށް ލޭމްއިން މައުލޫމާތުދެއެވެ. 2017 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި ޖުމްލަ 151 ސަފާރީ އަންނަނީ އޮޕަރޭޓްކުރަމުންނެވެ.