މިއަހަރުގެ ޖޫންމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2017 ވަނަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު %10.5 އިތުރުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު 2018 ވަނައަހަރުގެ ޖޫންމަހު ރާއްޖެއަށް 93,786 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.
މިއަހަރު ޖޫންމަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ %51.3 ހިއްސާއާއި އެކު ޔޫރަޕްގެ ޤައުމުތަކުންނެވެ. އެއީ ޖުމްލަ 372،388 (ތިންސަތޭކަ އަށްޑިހަ އަށްހާސް ތިންސަތޭކަ ހަތްދިހަ ދޭއް) ފަތުރުވެރިންނެވެ. މިއީ 2017 ވަނައަހަރުގެ މިމުއްދަތުގައި ޔޫރަޕްގެ ޤައުމުތަކުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާބަލާއިރު 16.3 އިންސައްތައިގެ ކުރިއެރުމެކެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުންނެވެ. އެއީ ޖުމްލަ %37.6 ގެ ހިއްސާއަކާއިއެކުއެވެ. ޖޫންމަހުގެ ނިޔަލަށް މިސަރަޙައްދުން ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ ޢަދަދު ވަނީ 290.542 (ދުއިސައްތަ ނުވަދިހަ ހާސް ފައްސަތޭކަ ސާޅީސް ދޭއް) އަރާފައެވެ. މިއީ 2017 ވަނައަހަރުގެ މިމުއްދަތާއި އަޅާބަލާއިރު % 3.3 ގެ ކުރިއެރުމެކެވެ.
މީގެއިތުރުން 2018 ވަނައަހަރުގެ ޖޫންމަހުގެ ނިޔަލަށް އެމެރިކާ ސަރަހައްދުން %4.7 ގެ ހިއްސާއަކާއި އެކު ޖުމްލަ 34,234 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. އަދި މެދުއިރުމަތީގެ ޤައުމުތަކުން %3.2 ހިއްސާއާއިއެކު ޖުމްލަ 23,130 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެފްރިކާ ސަރަހައްދުން %0.8 ހިއްސާއާއިއެކު ޖުމްލަ 6,127 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓަރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ވަކިވަކި މާރކެޓްތަކަށް ބަލާއިރު، 2018 ވަނައަހަރުގެ ޖޫންމަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މާކެޓްތަކުގެ ތެރޭގައި، ޗައިނާ (%17.5)، ޖަރުމަނުވިލާތް (%8.0)، ހިމެނެއެވެ. ޖޫންމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ ޢަދަދުވަނީ 726.515 އަށް އަރާފައެވެ.