ޚަބަރު

ސްރީލަންކާ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަނެއްކައިވެސް ހުޅުވާލައިފި


ސްރީލަންކާއިން ރާއްޖެއަށް ދީފައިވާ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަނެއްކާވެސް ހުޅުވާލައިފިއެވެ. ސްރީލަންކާގެ އީސޮފްޓް މެޓްރޯ ކެމްޕަހުން ދިވެހިރާއްޖެއަށް ހުޅުވާލާފައިވާ ސްކޮލަރޝިޕްތަކުގެ ތެރޭގައި ހިމެނެނީ ބެޗްލަރސް ޑިގްރީއަށް ކިޔެވުމުގެ 119 ފުރުޞަތަކާއި، މާސްޓަރސް ޑިގްރީއަށް ކިޔެވުމުގެ 79 ފުރުޞަތެވެ.

މީގެ ތޭރޭގައި ހިލޭ ޓިއުޝަން ފީއާއި %75 އާއި %50 އިގެ ޓިއުޝަން ފީހިމެނޭ ކޯސްތައް ހިމެނެއެވެ. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ބުނީ، މިކޯސްތަކުގައި ބައިވެރިވުމަށް އަލުން ފުރުޞަތު ހުޅުވާލާފައިވަނީ އެކަށިގެންވާ ވަރަށް އެޕްލިކޭޝަންތައް ލިބިފައި ނުވާތީކަމަށެވެ. އެޑިޕާރޓްމަންޓުން ބުނީ ސްކޮލަރޝިޕްތަކަށް ކުރިމަތިލާ ފަރާތަކީ މި ފުރުޞަތުތަކުގެ ދަށުން އެމީހަކު ބޭނުންވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން، ތަޢުލީމު ހާސިލުކުރުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިފައިވާނަމަ، އެ ޑިޕާޓްމަންޓުން ކަނޑައަޅާފައިވާގޮތަށް ރާއްޖެއަށް ޚިދުމަތްކޮށްފައިވާ މީހަކަށް ވާންޖެހޭނެކަމަށެވެ.

އަދި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ އެ ޑިޕާޓްމަންޓް މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ، އެ ލޯނެއް އަނބުރާ ދައްކައި ޚަލާސްކޮށްފައިވާ މީހަކަށްވެސް ވާންޖެހޭނެކަމަށެވެ.
މި ސްކޮލަރޝިޕް ހަމަޖެހޭ ކެނޑިޑޭޓުން އަމިއްލައަށް ކުރަންޖެހޭ ޚަރަދުތައް، އެމީހަކުބޭނުންނަމަ ކަނޑައެޅިފައިވާ އުސޫލުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ސަޕްލިމެންޓަރީ ލޯން އެލަވަންސް ހަމަޖައްސައިދެވޭނެކަމަށާއި މި ފުރުޞަތުތަށް ހުޅުވާލާފައިވަނީ އަލަށް ކިޔަވަން ފަށަން ބޭނުންވާ ކެންޑިޑޭޓުންނަށްކަމަށްވެސް ޑިޕާޓްމަންޓް އޮފް ހަޔަރަ އެޑިއުކޭޝަނުން ބުނެއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކިޔަވާ ކޯސްތަކަކީ ލަންޑަން މެޓްރޮޕޮލިޓަން ޔުނިވަރސިޓީ (އެލް.އެމް.ޔޫ) އަދި ކިންގްސްޓަން ޔުނިވަރސިޓީ (ކޭ.ޔޫ) އާއި އެފިލިއޭޓް ވެފައިވާ ކޯސްތަކެކެވެ. ސްކޮލަރޝިޕް ހަމަޖެހޭ ކެންޑިޑޭޓުންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުއެވެ. ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ބުނީ މިސްކޮލަރޗީޕްތަކަށް އެދި މިމަހުގެ 29 ވާ ބުދަދުވަހުގެ ކުރިން ފޯމް ހުށައަޅަންވާނެކަމަށެވެ.