މިއަހަރުގެ އަޞްހާ ޢީދު ދުވަސް ފާހަގަކުރުމަށް ހުޅުމާލެ ސެންޓްރަލް ޕާރކުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާޙިމް ބައިވެރިވެވަޑައިގެންފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީއާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ގުޅިގެން ސެންޓްރަލް ޕާރކްގައި ކުރިއަށްގެންދިޔަ މި ކުޑަކުދިންގެ ހަވީރުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނަބަލުން ފާތިމަތު އިބްރާޙިމް ވަނީ ބައިވެރިވެވަޑައިގެން އެތަނަށް ޖަމާވި ކުޑަކުދިންނާ ޢީދު ސަލާންކުރައްވާފައެވެ.
އަޞްހާ ޢީދު ދުވަސް ފާހަގަކުރުމަށް ކުޑަކުދިންނަށް ޚާއްސަކޮށްގެން ބޭއްވި މި ހަވީރުގައި ތަފާތު ޙަރަކާތްތައް ކުރިއަށްގެންގޮސްފައިވެއެވެ. އެގޮތުން ކުޑަކުދިންނަށް ޚާއްޞަކޮށްގެން ޖާދޫގެ ހެދުމުގެ ޝޯއެއް ކުރިއަށްގެންދިއުމާއި ކުޑަކުދިންގެ ހުނަރުތައް ދައްކާލުމާއި އެކިކަހަލަ ހަދިޔާތައް ބަހާފައިވެއެވެ. މި ޙަރަކާތުގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ޘަޤާފީ ނެށުންތަކާއި، ބިލެއްދަފީގެ އިތުރުން ކޯޑީގެ ހަރަކާތްތައްވެސް ދައްކާލާފައިވެއެވެ.
ޢީދު ރަށަށް ގެނައުން"، މި ނަމުގައި ޢަޟްޙާ ޢީދު ފާހަގަ ކުރުމުގެ ޙަރަކާތްތައް ހުޅުމާލޭގައި ފަށާފައިވަނީ ރޭ ބޭއްވި ޚާއްޞަ ޕެރޭޑަކުންނެވެ. މިހަރަކާތުގައި ވެސް ވަނީ ދިވެހިންގެ ޘަޤާފަތާއި ޢާދަކާދަތައް ދައްކާލާފައެވެ. މީގެ އިތުރުން މިއަދު ހެނދުނުވެސް ހުޅުމާލޭގައި ޢީދު ކުޅިވަރުތައް ކުރިއަށްގެންގޮސްފައިވެއެވެ