ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ ލ.އިސްދޫގެ ބޮޑުމަގުގައި ތާރުއަޅާ ދެއްވާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ލ.އިސްދޫގެ ބޮޑުމަގުގައި ތާރުއަޅާދެއްވާނެކަން މިނިސްޓަރ ސަޢީދު އިޢުލާންކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ލ.އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އިސްދޫގެ ރަށްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ ސަޢީދުގެ ވާހަކަފުޅުގައި އިސްދޫގެ ރައްޔިތުން ބޭނުންވާ ކަންތައްތައް، ޚާއްސަކޮށް ޒުވާނުން ބޭނުންވާ ކަންތައްތައް ރައީސްގެ ދެވަނަ ދައުރެއްގައި ވަރަށް ގާތުން ބަލައި އެމަސައްކަތް ކުރައްވަން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ. އެގޮތުން އިސްދޫ ބޮޑު މަގުގައި ތާރު އަޅާ، ޒަމާނީ ފެންވަރަށް ތަރައްޤީކޮށްްދެއްވާނެކަމަށް ސަޢީދު ވިދާޅުވިއެވެ.
މިނިސްޓަރ ސަޢީދުގެ ވާހަކަފުޅުގައި ސަރުކާރުން ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ރައީސް ޔާމީންގެ ދެވަނަ ދައުރުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ބޭނުންވާ ތަކެތި މިހާރުވެސް ހޯދާފައިވާކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިސްދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބައްދަލުކުރި އެރަށުގެ ރައްޔިތުން ވަނީ އެރަށަށް ގެންނަން ބޭނުންވާ ކަންކަމުގެ ވާހަކަތައް ހިއްސާކޮށްފައެވެ. މިގޮތުން އެރަށު ބޮޑު މަގު ތާރުއަޅާ ތަރައްޤީ ކުރުމާއި، އާ އިންޖީނުގެއެއް އަޅާދިނުމަށާއި ނަރުދަމާ ނިޒާމް އިތުރުކޮށްދިނުން ހިމެނެއެވެ. އަދި ޒުވާނުންގެ މަރުކަޒެއް އަޅާދިނުމަށާއި ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށްދިނުމާއި ޒަމާނީ ބަނދަރެއް އަޅައިދިނުމަށް އެރަށު ރައްޔިތުން ވަނީ އެދިފައެވެ.