ޚަބަރު

އައްޑޫ ޓޫރިޒަމް ޒޯނުން ބިން ދޫކުރުމަށް ކުރި އިއުލާނު ބާތިލްކޮށްފި


އައްޑޫ ސިޓީގައި ކަނޑައަޅާފައިވާ ޓޫރިޒަމް ޒޯންތަކުން ބިޑު އުސޫލުން ބިން ދޫކުރުމަށް ކުރި އިއުލާން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމް.އައި.ޓީ.ޑީ.ސީން ބާތިލުކޮށްފިއެވެ.

އެމް.އައި.ޓީ.ޑީ.ސީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އިންޓަގްރޭޓަޑްގެ ޓޫރިޒަމް ޒޯންގެ ދަށުން ޓޫރިޒަމްގެ ވިޔަފާރިކުރުމަށް އައްޑޫ ސިޓީން ބިން ދޫކުރުރުމާއި ގުޅޭގޮތުން ގޮތުން 2018 ސެޕްޓެމްބަރު 13 ވީ ދުވަހު ކުރެވުނު އިއުލާން ބާތިލްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ އިއުލާން ބާތިލުކުރި ސަބަބެއް އެމް.އައި.ޓީ.ޑީ.ސީން ހާމައެއް ނުކުރެއެވެ.

އެކުންފުނިން ކުރި އިއުލާނުގައިވާ ގޮތުން އެމް.އައި.ޓީ.ޑީ.ސީން އެމަޝްރޫއުގެ ބިޑް ފޮތް ވިއްކުމާއި ބިޑް ބަލައިގަތުން ކުރިއަށް ގެންދަން ނިންމާފައި ވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށެވެ. އަދި ހުށަހަޅާ ބިޑްތައް ހުޅުވަން ހަމަޖައްސާފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.

އެމް.އައި.ޓީ.ޑީ.ސީން އައްޑޫން ބިން ދުކުރަން ނިންމީ އެ ސިޓީގެ ހިތަދޫ، ފޭދޫ، މަރަދޫ، ހުޅުދޫ، މީދޫ އަދި ހިކަހެރައިން ކަނޑައަޅާފައިވާ ޓޫރިޒަމް ޒޯންތަކުން ޓޫރިޒަމްގެ ވިޔަފާރި ކުރުމަށް ބިން ބޭނުންވާ ފަރާތްތަކަށެވެ.