ޚަބަރު

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ޔޫރަޕްގެ ޤައުމުތަކުން


މި އަހަރު ސެޕްޓެމަބަރުމަހުގެ ނިޔަލަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ ޔޫރަޕްގެ ޤައުމުތަކުން ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެގޮތުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 47.8 ޕަސެންޓަކީ ޔޫރަޕްގެ ޤައުމުތަކެވެ.

މޯލްޑިވްސް އިމިގްރޭޝަނާއި، ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޓޫރިސްޓް ފެސިލިޓީތަކުން ލިބިފައިވާމައުލޫމާތު ދައްކާގޮތުން 2018 ވަނައަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖެއަށް 107,620 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ސެޕްޓެމްބަރުމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ ޢަދަދުވަނީ 1،080،459 އަށް އަރާފައެވެ. މީގެތެރެއިން 516،487 ފަތުރުވެރިންނަކީ މި ސަރަޙައްދުން ޒިޔާރަތްކުރި ފަތުރުވެރިންނެވެ.

މިއީ 2017 ވަނައަހަރުގެ މިމުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންނާއި އަޅާބަލާއިރު %14.8 އިންސައްތައިގެ ކުރިއެރުމެކެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުނު އިރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2017 ވަނަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު %8.3 އިތުރުވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެންމެ ގިނަ ފަތުރުވެރިން ޔޫރަޕްގެ ޤައުމުތަކުން ޒިޔާރަތްކޮށްފައިވާއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުންނެވެ. އެ ޤައުމުތަކުން 41.5 އިންސައްތަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޭޝިއާ ޕެސިފިކް ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ ޢަދަދަކީ 462,828 ފަތުރުވެރިންނެވެ. މިއީ 2017 ވަނައަހަރުގެ މިމުއްދަތާއި އަޅާބަލާއިރު %2.1 ގެ ކުރިއެރުމެކެވެ.

މީގެ އިތުރުން 2018 ވަނައަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް އެމެރިކާ ސަރަހައްދުން ޖުމްލަ 49,000 ފަތުރުވެރިންނާއި، މެދުއިރުމަތީގެ ޤައުމުތަކުން 41,186 ފަތުރުވެރިން އަދި އެފްރިކާ ސަރަހައްދުން 10,820 ފަތުރުވެރިން ވަނީ ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.

ވަކިވަކި ޤައުމުތަކަށް ބަލާއިރު، 2018 ވަނައަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ 10 ޤައުމަކުންނެވެ. އެއީ ޗައިނާއާ އިނގިރޭސިވިލާތާއި ޖަރުމަނުވިލާތާއި އިޓަލީވިލާތާއި އިންޑިއާއެވެ. އަދި ރަޝިޔާއާ ފަރަންސޭސިވިލާތާއި ޔޫއެސްއޭ ޖަޕާނާއި އޮސްޓްރޭލިއާގެ ފަތުރުވެރިންވެސް ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ވަކިވަކި ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސް ހިސާބު:
* ޗައިނާ - %20.6
* އިނގިރޭސިވިލާތް - %7.7
* ޖަރުމަނުވިލާތް - %7.4
* އިޓަލީވިލާތް - %8.6
* އިންޑިއާ - %5.2
* ރަޝިއާ - %4.7
* ފަރަންސޭސިވިލާތް - %3.4
* ޔޫއެސްއޭ - %2.8
* ޖަޕާން - %2.8
* އޮސްޓްރޭލިއާ - %2.6

މީގެ ތެރެއިން ޗައިނާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިމުއްދަތުގައި ދަށްވެފައި ވީނަމަވެސް ދެންހުރި މާރކެޓްތަކަށް ބޮޑެތި ކުރިއެރުން އައިސްފައިވެއެވެ.

މި އަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދިނުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް ގައި ރަޖިސްޓްރީ ކޮށްފައިވާ 43,356 އެނދުގެ ތެރެއިން އެވްރެޖްކޮށް 42,091 އެނދު އޮޕަރޭޓް ކުރެވިފައިވެއެވެ.

މިމުއްދަތުގައި ރާއްޖޭގައި ފަތުރުވެރިން ހޭދަކޮށްފައިވާ ރޭގެ އަދަދު ވަނީ %11.8 އިތުރުވެފައެވެ. 2018 ވަނައަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް، ރާއްޖޭގެ ރިޒޯޓް، ހޮޓާ، ގެސްޓްހައުސް އަދި ސަފާރީ އުޅަނދުތަކުގެ އަންދާޒާކުރެވޭ ޖުމްލަ ބެޑްނައިޓްސް އަކީ 6،914،428 އެވެ. އަދި މިމުއްދަތުގައި ރާއްޖޭގައި ފަތުރުވެރިން އެނދު ބޭނުންކޮށްފައިވާ ނިސްބަތް %61.3 އަށް އަރާފައިވާއިރު، މިއީ 2017 ވަނައަހަރުގެ މިމުއްދަތާއި އަޅާބަލާއިރު %1.6 ގެ ކުރިއެރުމެކެވެ. އަދި މިމުއްދަތުގައި އެވްރެޖްކޮށް ފަތުރުވެރިއަކު ރާއްޖޭގައި 64 ދުވަސް ހޭދަކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައެވެ.