ހއ ދިއްދޫ ކައުންސިލުން އިސްނަގައިގެން ދިއްދޫ މަގު ބައްތިތައް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ދިއްދޫ ކައުންސިލުން ބުނީ މަގު ބައްތިތަކަށް މި މައްސަލަ ދިމާވެފައިވަނީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ ތެރޭގައި މައި ކޭބަލަށް ލިބުނު ގެއްލުންތަކާ ގުޅިގެންކަމަށެވެ. އެގޮތުން މަހެއްހާ ދުވަހު ނުދިއްލި ހުރި މި ބައްތިތައް މަރާމާތުކުރުމުގެ މަސައްކަތް ކައުންސިލް އިދާރާއިން ފެށީ މިދިޔަމަހުގެ 14 ވަނަ ދުވަހުގައި ކަމަށެވެ.
ދިއްދޫގައި މުޅި ޖުމްލަ 172 މަގުބައްތި ހުރިއިރު ރަށު އުތުރު އަވަށުގެ 20 މަގު ބައްތިއެއް ހަލާކުވެފައިވާއިރު ދެކުނު އަވަށުގެ ބައެއް މަގުބައްތި ވެސް ވަނީ ހަލާކުވެފައެވެ. އެގޮތުން ދިއްދޫ ކައުންސިލުން ވަނީ ހަލާކުވެފައިވާ މަގު ބައްތިތައް މަރާމާތު ކޮށް ބަދަލު ކުރަންޖެހޭ މަގު ބައްތިތައްވެސް ބަދަލުކޮށްފައެވެ .
މި މަހުގެ 2ވަނަ ދުވަހުގެ ނިޔަލަށް ދިއްދޫ ކައުންސިލުން ވަނީ ދެކުނު އަވަށާއި އުތުރުއަވަށުގަ ހަލާކުވެފައިވާ މަގުބައްތިތަކުގެ %95 އިން ސައްތަ މަރާމާތުކޮށް ނިންމާފައެވެ. ދިއްދޫ ކައުންސިލުން ބުނީ މަގު ބައްތިތައް ނުދިއްލޭތީ އާއްމުންނަށް އުދަނގޫތަކަކާ ކުރިމަތި ލާން ޖެހުނުކަމަށެވެ. އެހެންކަމުން ބައްތި މަރާމާތުކޮށް ނިމުމުން ޢާއްމުންނަށް ފަސޭހަވެގެންދާނެކަމަށެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަ ދެއްކި ދިއްދޫގެ ރައްޔިތުން ބުނީ ބައްތިތައް ހަލާކުވެފަ ހުރުމުގެ ސަބަބުން ރޭގަނޑު ހިނގާބިނގާވެ އުޅުމަށްވެސް ދަތިތަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި ކައުންސިލުން މަގު ބައްތިތައް މަރާމާތުކުރުމުން އުފާވާ ކަމަށް އެރަށު ރައްޔިތުން ބުންޏެވެ.